ތަކުރާރުކޮށް ނުރައްކާތެރިކޮށް އުޅަނދު ދުއްވާނަމަ 6،000ރުފިޔާގެ ޖޫރިމަނާއެއް

މޭ 21، 2021: ފުލުހުން ގުޅިގެން މަގުމަތި ބެލެހެއްޓުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނުރައްކާތެރި ގޮތެއްގައި އެއްގަމު އުޅަނދު ދުއްވުމުގެ ކުށް ތަކުރާރުކުރާނަމަ 6،000 ރުފިޔާގެ ބޮޑު ޖޫރިމަނާއަކާއެކު އެއް އަހަރު ދުވަހަށް ލައިސަންސް ހިފަހައްޓާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދު އާންމުކޮށްފިއެވެ.

މިއަދު ގެޒެޓްކޮށްފައިވާ އެ ގަވާއިދުގައި ބުނާ ގޮތުން ފުރަތަމަ ފަހަރަށް ފަރުވާ ކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދު ދުއްވާނަމަ 2،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ދެވަނަ ފަހަރަަށް އެ އަމަލު ތަކުރާރުކޮށްފިނަމަ 4،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

މި ތިން އަދަބުގެ އިތުރުން ކޮންމެ ފަހަރަކު ވެސް އެއް މަސް ދުވަހުގެ މުއްދަތަކަށް ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު ވެސް ފުލުހުންނަށް ވަނީ ދީފައެވެ.

މީގެ އިތުރުން އެ ގަވާއިދުގައި ބުނާ ގޮތުން، ނުުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އެ އުޅަނދެއް ދުއްވި މީހާގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، 10 އަހަރާއި 25 އަހަރު ދުވަހަށް ލައިސަންސް ހިފެހެއްޓުމުގެ ބާރު ޓްރާންސްޕޯޓް މިނިސްްޓްރީއަށްވަނީ ދީފައެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދު މިއަދު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އާންމުކޮށްފައިވާއިރު އޭގައިވަނީ އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައެވެ.

comment ކޮމެންޓް