ލައިސެންސް ނެގުމަށް ނަގާ އިދާރީ ފީ އަންނަ މަހުން ފެށިގެން ކައުންސިލްތަކަށް

މަދަނީ އުދުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން -- ސަން ފޮޓޯ/ މޫސާ ނަދީމް

ލައިސެންސް ނެގުމަށް ނަގާ އިދާރީ ފީ އަންނަ މަހުން ފެށިގެން ކައުންސިލްތަކަށް ދޭން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ މ. އަތޮޅާއި މާލެއާ ދެމެދު ސްޕީޑް ފެރީގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މަދަނީ އުދުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.

މިކަމަ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ، މިއީ ކައުންސިލްތައް ބާރުވެރިކުރުވާ، ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި މުހިންމު ނިންމެވުމެއް ކަމަށެވެ.

އަމީން ވިދާޅުވީ، މިހާރު ވަރަށް ގިނަ ރަށްރަށުގެ ކައުންސިލުން މުވައްޒަފުން ނަގައިގެން ލައިސެންސް ނެގުމުގެ ޚިދުމަތް ދޭއިރު، ލައިސެންސް ފީގެ ގޮތުގައި ނަގާ ފީ ކައުންސިލަަށް ނުލިބޭކަން ފާހަގަކުރާ ކަމަށެވެ.

އަދި މި ފީ ދައްކަން ޖެހެނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލްއެއް މެދުވެރިކޮށް ކަމަށާއި މި ފީ ސީދާ ކައުންސިލަށް ދެއްކޭ ގޮތެއް ވެސް ފަހިކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންކަމުން އަންނަ މަހުގެ އެކަކުން ފެށިގެން އެ ލައިސަންސްގެ މަސައްކަތް ކުރައްވާ ހުރިހާ ކައުންސިލަކަށް އެ މަސައްކަތުގެ ހައްގު، އެ ލިބެންޖެހޭ ފީއަކީ ކައުންސިލްތަކަށް ލިބޭނެ ފައިސާއެއްގެ ގޮތުގައި ހަމަޖައްސަފައި ވާނީ،" އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން، އަމީން ވަނީ ރައްޖޭގެ ކަނޑު އުޅަނދުގެ ސަލާމަތީ ސެޓްފިކެޓް ކޮންމެ ފަސް އަހަރަކުން އާ ކުރަންޖެހޭގޮތަށް ނިންމާ އެކަން ވެސް އިއުލާނު ކުރައްވާފައެވެ.

އޭނާ ވިދާޅުވީ، މިނިސްޓްރީގެ ދަށުން އޮންނަ ގަވާއިދުގައި މި ލައިސަންސް ކޮންމެ އަހަރަކު އާކުރަން ޖެހޭ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމަކު މި ސޭފްޓީ އެސެސްމަންޓު، ބަލަންޖެހޭ ބެލުންތައް މިނިސްޓްރީން ބަލާފައި ކޮންމެ އަހަރަކު އެއްފަހަރު އާކުރަމުން ގެންދާނެ،" އަމީން ވިދާޅުވިއެވެ.

comment ކޮމެންޓް