ތިމާވެއްޓަށްޓަކައި ނަގާ ފަންޑުތައް ހޭދަކުރަނީ ތިމާވެށި ހަލާކުކުރުމަށް: ވައްޑޭ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) --- ފޮޓޯ/ މަޖިލިސް

ތިމާވެށި ރައްކާތެރިކުރުމަށް ކަމަށް ބުނެ އެކި ނަން ނަމުގައި ނަގާ ޓެކްސްތައް ހޭދަކުރަމުން އަންނަނީ ވެށި ހަލާކުކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީން ނިންމި ގޮތަށް ބަހުސް ކުރައްވަމުން ވައްޑޭ ވިދާޅުވީ، ގާނޫނެއް ފާސްވި ނަމަވެސް އަދި ގާނޫނުތައް ފުރިހަމައަށް ތަންފީޒުނުކުރެވޭ ކަމަށެވެ.

"ބިލެއް ފާސްކުރިޔަސް މިފަދަ މައްސަލަތަކެއް ހައްލެއް ނުވާނެ. އަޅުގަނޑުމެން އެބަ ޖެހޭ އިހުލާސްތެރިވާން. އަޅުގަނޑުމެން ތެދުވެރި ނިޔަތެއްގައި އަޅުގަނޑުމެން ރާއްޖޭގެ ތިމާވެށީގެ ކަންކަން ހައްލު ކުރުމަށް ޓަކައި މަސައްކަތް ކުރާން އެބަ ޖެހޭ," ވައްޑޭ ވިދާޅުވިއެވެ.

އެގޮތުން ވައްޑޭ ވިދާޅުވީ މިހާރު ވެސް ތިމާވެށި ހިމާޔަތްކުރުމަށް ޓަކައި ގްރީން ޓެކްސް ފަދަ ޓެކްސްތައް ނަގަމުން އައި ނަމަވެސް އޭގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ނުކުރާ ކަމަށެވެ.

"ތިމާވެށީގެ އަސްލު މައްސަލަތައް ހައްލު ކުރުމަށް ޓަކައި ނުވަތަ ރަށްރަށުގެ ތިމާވެށީގެ ކަންކަން ހަރުދަނާ ކުރުމަށް ޓަކައި އެއްވެސް ވަރަކަށް އެއިން ހޭދަކުރެވޭ ތަނެއް އަދިވެސް ނުފެނޭ. ތިމާވެށި ރައްކާތެރިކުރުމުގެ ނަމުގައި އަޅުގަނޑުމެން މި ނަގާ ފަންޑުތައް، މި ނަގާ ލޯނުތައް އަދިވެސް ބޭނުން ކުރަމުން ރާއްޖޭގެ ވެށި ހަލާކުކުރުމަށް" ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވި ތިމާވެށި ރައްކާތެރިކުރުމަށް ނަގާ ލޯނުތަކާއި ފަންޑުތަކުގެ އިތުރުން ޓެކްސްތައް ތިމާވެށި ހިމާޔަތްކުރުމަށް ބޭނުން ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ލާމަރުކަޒީ އުސޫލުން ކައުންސިލްތަކަށް އެ ފައިސާ ހޯދާނެ ގޮތެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް