އެސްޓީއޯ ގައުމީ ޓީމާއެކު ކަނޑު އަޑިން

ސާފް ޗެމްޕިއަންޝިޕްގައި ދެމެޗުން މޮޅުވެ، ރާއްޖޭގެ ގައުމީ ޓީމުން ފައިނަލު ކުޅުމުގެ އުންމީދު އާކުރުމާ ގުޅިގެން އެސްޓީއޯއިން ކަނޑު އަޑީގެ ވީޑިއޯއަކާއެކު ޓީމަށް ހާއްސަ މަރުހަބާއެއް ކިޔައިފއެވެ.

އެސްޓީއޯގެ ދިދަ އާއި ދިވެހި ގައުމީ ދިދަ ކަނޑުއަޑީގައި ވިހުރާލާ މަންޒަރު ދައްކުވައިދޭ ވީޑީއޯއެކު އެސްޓީއޯއިން ބުނީ އުންމީދުގެ މިސްރާބު ހުރީ ކާމިޔާބީގެ މަންޒިލަށް ކަމަށެވެ.

އެސްޓީއޯގެ މީޑީއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، ގައުމީ ޓީމަށް ސަޕޯޓް ދެވެނީ ސްޕޮންސާ ކޮށްގެން ދެވޭ މާލީ އެހީތެރިކަމާއި ޓީމަށް ސަޕޯޓްކުރާތަން ދައްކާލުމުން ކަމަށެވެ.

އެސްޓީއޯ އަކީ ސާފް ޗެމްޕިއަންޝިފްގެ ކޯ ސްޕޮންސަރެވެ. މީގެ އިތުރުން، މި ވީޑިއޯ ހިއްސާ ކުރުމުގެ ބޭނުމަކީ އެސްޓީއޯގެ ފަރާތުން ޓީމަށް އޮތް ސަޕޯޓް ދައްކާލުން ކަމަށް އެ ކުންފުނިން ބުންޏެެވެ.

"އެސްޓީއޯއިން އަބަދުވެސް ގައުމީ ކަންކަމުގައި އިސްކަން ދީގެން، ގައުމީ ކަންކަމުގައި ބައިވެރިވެވެން އޮތް ގޮތަކީ ކޮބައިތޯ ބަލާނެ،"

އެސްޓީއޯއިން ބުނީ މި ވީޑީއޯއަކީ އެގޮތުގެ މަތިން ގައުމީ ޓީމަށް ސަޕޯޓް ދީ، މަރުހަބާ ކިޔުމަށް ތައްޔާރު ކުރި ވީޑިއޯއެއް ކަމަށެވެ.

އެ ވީޑިއޯއަކީ އެސްޓީއޯގެ މުވައްޒަފުންނަށް އެ ކުންފުނިން ކުރިއަށް ގެންދިޔަ ޑައިވިން ކޯހުގެ ތެރެއިން އެ ކުންފުނިން ނަގާފައިވާ ވީޑިއޯއެކެވެ.

ކޯސް ކުރިއަށް ގެންދިއުމުގެ ތެރެއިން، ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް ވީޑިއޯއެއް ނެގުމުގެ ހިޔާލު އައުމާއެކު، ޓީމަށް މަރުހަބާ ކިޔައި ވީޑިއޯއެއް ހެދީ އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯގެ އެކި އައުޓްލެޓްތަކުން މިހާރުވެސް ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް ވީޑިއޯ ނެގުން ކުރިއަށްދާ ކަމަށް އެ ކުންފުނީގެ ފަރާތުން މައުލޫމާތު ދެއެވެ.

ގައުމީ ޓީމަށް ސަޕޯޓްކޮށް އެސްޓީއޯއިން ހަދާ މި ވީޑީއޯތައް އަންނަ ބުދަ ދުވަހުގެ މެޗް ފެށުމުގެ ކުރިން ސޯޝަލް މީޑިޔާގއި ހިއްސާކުރަން މަސައްކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ބުނީ ގައުމީ ޓީމަށް އެންމެ ފުރިހަމަ ކާމިޔާބީއަށް އެދޭކަމަށެވެ.

އިއްޔެ ހަވީރު ރާއްޖެއާއި ސްރީލަންކާ ބައްދަލު ކުރި މެޗުން 0-1 ގެ ނަތީޖާއިން ރާއްޖެ ވަނީ މޮޅުވެފައެވެ. މި މުބާރާތުގައި މިހާތަނަށް ތިން މެޗު ރާއްޖެއިން ކުޅެފައި ވާއިރު، މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ އިންޑިއާއާ ދެކޮޅަށެެވެ.

ގުޅޭ ޓެގު
comment ކޮމެންޓް