ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރު ކޮށް ސުވާލުކުރުމުން ޖަވާބުގައި ހެއްދެވީ އިތުރުފުޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އިމްރާން ހާޒިރުކޮށްފައިވަނީ ނޭކުރެންދޫ ޖަލުގައި ކުރާ އަމަލީ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.
އެ ސުވާލުގެ ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ނޭކުރެންދޫ ޖަލު އަޅާ ސަރަހައްދު ފާހަގަކުރެވި، ރުށްގަހުގެ ބަދަލަށް ތިން ލައްކަ އެކާވީސް ހާސް ރުފިޔާ އަރާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި މި އަހަރުގެ މާޗް މަހުގެ ތެރޭގައި ރުށްގަހަށް ބަދަލުދީ ނިންމައި، އޭޕްރިލް މަހުގެ ތެރޭގައި އީއައިއޭ ވެސް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މަޖިލީހުގައި ވާހަކަދައްކަވަމުން މެންބަރު ރާއީ ވިދާޅުވީ ނޭކުރަންދޫ ރައްޔިތުންގެ އެދުމުގެ މަތިން މިނިސްޓަރު އިމްރާން އާ ސުވާލުކުރެއްވުމުން ކުރައްވަނީ ފުރައްސާރަ ކަމަށެވެ.
ރާއީ ވިދާޅުވީ މިއަދު ކުރެއްވި ސުވާލަށް ވެސް ޖަވާބުދެއްވަމުން މިނިސްޓަރު ހެއްދެވީ އިތުރުފުޅު ކަމަށެވެ.
"ނޭކުރެންދޫ ރައްޔިތުންނަށް އަޅުގަނޑު މި ބުނަނީ ހަމަ ކަނޑައެޅިގެން ދޮގޭ އިނގޭތޯ މިއަދު ވެސް ހެއްދެވީ. ކައުންސިލްއިން ބުނެފަ އެބަ އޮތް މިއަދު ވެސް އަޅުގަނޑު ކައިރީގަ ރުށް ގަހަށް ބަދަލު ނުދެވިގެން އެކަމުގެ މަސައްކަތް އޮތީ ހުއްޓިފައޭ އެނގޭތޯ،" ރާއީ ވިދާޅުވިއެވެ.
ނޭކުރަންދޫ ޖަލުގެ އަމަލީ މަސައްކަތް ލަސް ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި މިނިސްޓަރު އިމްރާންގެ ރޭވުމެއްގެ ސަބަބުން ކަމަށް ރާއީ ތުހުމަތުކުރެއްވިއެވެ.
"މިއަދު ވެސް އަޅުގަނޑު ކުރި ސުވާލަކީ ބޮޑު ސިންގާ ބަޖެޓެއް ކަނޑައަޅައިފަ އިން އެއްޗެއްގަ އޭގެ ތަފްސީލަކީ ކޮބައިތޯ. ޖަވާބެއް ނުދެއްވި. ވިދާޅުވީ 17.4 މިލިއަން އިން އެއްޗަކަށް އެއް ލައްކަ ރުފިޔާއަށް ތިރިކުރެވުނުއިރު ވެސް ތިމަންނަ އަޅާނުލާ ހުރީމޭ،" ރާއީ ވިދާޅުވިއެވެ.
ރާއީ ވިދާޅުވީ މިކަމުން އެނގެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުތަކަށް މިނިސްޓަރު އިމްރާން އަހައްމިޔަތުކަން ނުދެއްވާކަން ކަމަށެވެ.
ނޭކުރެންދޫ ޖަލު އަޅަން ސަރުކާރުގެ ޕްލޭންތަކުގައި ގެންގުޅޭތާ 15 ވަރަަކަށް އަހަރުވެފައި ވެއެވެ. ނޭކުރެންދޫގައި ޖަލު އަޅަން މިއަހަރުގެ ބަޖެޓުގައި ވެސް މިންވަރެއް ހިމަނާފައި ވެއެވެ.