ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި އުތީމު ބަލިކޮށް ނޭކުރެންދޫ ޒޯން ބުރުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި މިރޭ ވަނީ ޒޯން އެކެއްގެ ދެ ގްރޫޕްގެ މެޗުތައް ކުޅެފައެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ، އަދި ށ. އަަތޮޅުގެ ޓީމުތަކެވެ.
އެ ޒޯންގެ ގްރޫޕް އެކެއްގައި ހިމެނެނީ އުތީމާއި ނާވައިދޫގެ އިތުރުން ނޭކުރެންދޫއެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ ފޯކައިދޫއާއި ކަނޑިތީމުގެ އިތުރުން ފިއްލަދޫއެވެ.
މިރޭ ހުޅުމާލެ ރެހެންދި ޓާފުގައި ކުޅުނު ޒޯން އެކެއްގެ ގްރޫޕް އޭގެ މެޗުގައި ހދ. ނޭކުރެންދޫން ހއ. ގެ ޗެމްޕިއަން އުތީމު ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ނޭކުރެންދޫގެ ގޯލުތައް ޖެހީ ޝިފާޒް އާދިލްއާއި މުހައްމަދު ފަރުހާންއެވެ. ޝިފާޒް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ޒޯން ބުރުގައި ނޭކުރެންދޫން ވަނީ މިހާތަނަށް އެއް މެޗު ކުޅަފައެވެ. އެ މެޗުގައި ހދ. އަތޮޅުގެ ޗެމްޕިއަން ނާވައިދޫއަތުން ނޭކުރެންދޫ ވަނީ ބަލިވެފައެވެ. އެ ޓީމު ބަލިވީ 5-3 ގެ ނަތީޖާއަކުންނެވެ.
އެހެންކަމުން ނޭކުރެންދުއަށް ވަނީ ޒޯން ބުރުގައި ތިން ޕޮއިންޓު ލިބިފައެވެ. އެ ޒޯނުގެ ގްރޫޕް ސްޓޭޖުގައި ދެން ބާކީ އޮންނާނީ އުތީމާއި ނާވައިދޫ ވާދަކުރާ މެޗެވެ. ނާވައިދޫން އުތީމު ބަލިކޮށްފިނަމަ ނޭކުރެންދޫއަށް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޒޯނުގެ ސެމީގެ ޖާގަ ކަށަވަރުވާނެއެވެ. އުތީމު ސެމީއަށް ދިއުމަށް ގިނަ ގޯލުތަކެއް ޖަހައި ނާވައިދޫ ބަލިކުރަންޖެހެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.