އެމްޓީސީސީން "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާހު ކޮށްފި

އެމްޓީސީސީގެ މިއަހަރުގެ "ހިނިތުންވުމާއެކު" ކެމްޕޭންގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީން "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާހު ކޮށްފިއެވެ.

އެމްޓީސީސީން ބުނީ މި ކެމްޕޭނަކީ މި މަހުގެ ހަތަރަކުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް ފާހަގަކުރި "ދުނިޔޭގެ ކަސްޓަމާ ސާވިސް" ހަފުތާއާ ގުޅުވައިގެން އިފްތިތާހު ކުރި ކެމްޕޭނެއް ކަމަށެވެ.

އެގޮތުން އެ ކެމްޕޭނުގެ އެންމެ ބޮޑު މަގުސަދަކީ އެމްޓީސީސީގެ މުވައްޒަފުންގެ މެދުގައި ކަސްޓަމާ ސާވިސްގެ މުހިއްމު ކަމާމެދު ހޭލުންތެރިކަން އިތުރު ކުރުމާއި ކުންފުނިން ހިދުމަތް ލިބިގަންނަ އެންމެހާ ކަސްޓަމަރުންގެ ތަޖުރިބާ މިހާރަށްވުރެ ރަނގަޅު ކުރުން ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ "ހިނިތުންވުމާއެކު" ކެމްޕޭނުގެ ސަބަބުން އެ ކުންފުންޏާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު ބޮޑުވެގެން ދާނެކަމަށް އުންމީދު ކުރާ ކަމަށެވެ.

އެ ކެމްޕޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކެމްޕޭން ފައްޓަވާ ދެއްވީ އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޓީސީސީއަކީ މިގައުމުގެ ތަފާތު އެކި ސިނާއަތް ތަކުގައި ގިނަ ރައްޔިތުންތަކަކަށް ސީދާގޮތުން ހިދުމަތް ދެމުންދާ ކުންފުންޏެއް ކަމަށާއި ކަސްޓަމަރުން ހިތްހަމަޖެހޭފަދަ ހިދުމަތެއް ދިނުމަށް ކުންފުނީގެ ކޮންމެ މުވައްޒަފަކުވެސް ގަދައަޅާ މަސައްކަތް ކުރަންވާނެ ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، އެ ކެމްޕޭން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާ މުވައްޒަފުންގެ ތަރުހީބާއި އެއްބާރުލުން ވަރަށް މުހިންމުކަމަށެވެ.

އެހެންކަމުން ހުރިހާ މުވައްޒަފުންގެ އެއްބާރުލުން މިކެމްޕޭނަށް ލިބޭނެކަމަށް ފުރިހަމައަށް ޔަގީން ކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ގެސްޓް ސްޕީކާސްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ކޯޕަރޭޓް ޓްރޭނިން އިންސްޓިޓިއުޓްގެ ފަރާތުން ޑރ. ހުސައިން ސަނީ އުމަރާއި މުހައްމަދު ޔަމާނީއެވެ. އަދި ކަސްޓަމަރުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

"ހިނިތުންވުމާއެކު" ކެމްޕޭން ފެށުމުގެ ގޮތުން، އިއްޔެއިން ފެށިގެން މި މަހުގެ 28 ގެ ނިޔަލަށް، ބަހާލެވިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް