ފުރަބަންދުން އެނގުނީ ދައުލަތުގެ އިދާރާތަކުގެ ފައިސާ ބެލެހެއްޓުން ކޮމްޕިއުޓަރައިޒް ކުރަން ޖެހޭކަން: އޮޑިޓާ ޖެނެރަލް 

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ -- ފޮޓޯ: އޮޑިޓް އޮފީސް

ފުރަބަންދުން އެނގި ތަޖުރިބާ ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ އިދާރާތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް ކޮމްޕިއުޓަރައިޒްކޮށް، ހަރުދަނާ ކުރަންޖެހޭ ކަން ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުގެ މިިދިޔަ އަހަރުގެ އަހަރީ ރިޕޯޓް އިފްތިތާހު ކުރުމަށް ފުވައްމުލަކުގައި ބޭއްވި ހަފްލާގައި ނިޔާޒީ ވިދާޅުވީ ފުރަބަންދުގެ ހާލަތަށް ދިއުމާއެކު އޮޑިޓްގެ މަސައްކަތްވެސް ގާތްގަނޑަކަށް ހުއްޓުނު ކަމަށެވެ.

އެއީ އިދާރާތަކުގައި އޮޑިޓްގެ މަސައްކަތަށް ބޭނުންވާ މުހިންމު މައުލޫމާތު ސްކޭން ކޮށްފައި ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކުރެވިފައި ނެތުމުގެ ސަބަބުން ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

އިދާރާތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރަން ޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވިއިރު، އޭނާ ވިދާޅުވީ ދެކުނު ސަރަހައްދީ އޮފީސް ގާއިމު ކުރުމުގެ ހެޔޮ ބަދަލު މިހާރު ވެސް ފެންނަމުން އަންނަ ކަމަށެވެ.

އެގޮތުން އެ އޮފީސް ގާއިމުވެ، އިދާރާތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ވެދެވުނު އެހީތެރިކަމުގެ ސަބަބުން އެ ސަރަހައްދުގެ އިދާރާތަކުން އޮޑިޓް ކުރުމުގައި ކުރިން ފެންނަމުންދިޔަ ވަރަށް ގިނަ މައްސަލަތައް މަދުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޖަލްސާގައި ބައިވެރިވެވަޑައިގެން، ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ މިހާރު އޮޑިޓާ ޖެނެރަލްގެ މިސްރާބަކަށް ވާންވާނީ ޕާފޯމެންސް އޮޑިޓްތައް އިތުރަށް ފުޅާކޮށް، އިދާރާތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް ގާއިމް ކުރީ 2015 ވަނަ އަހަރުގައެވެ. އެ އޮފީހުން ކުރަމުންދަނީ ދެކުނުގެ އަތޮޅުތައް ކަމަށްވާ ގއ. ގދ. ޏ އަދި އައްޑޫ ސިޓީގެ 151 އިދާރާގެ އޮޑިޓް މަސައްކަތެވެ.

comment ކޮމެންޓް