ލ. ކަލައިދޫގެ ތަރައްގީއަށް އެންމެ މުހިންމުކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައި އެކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކަލައިދޫ ބަނދަރުގެ ދަތިކަމާއި ކައުންސިލު އިދާރާ ބައުވެ، ދުވަސްވެފައި ވުމާއި އަދި ސްކޫލުގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި އަދި ރަށުގެ އިގްތިސޯދީ އިޖްތިމާއީ ތަރައްގީއަށް މުހިންމު ކަންކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަލައިދޫގެ ތަރައްގީއަށް ކުރިއަށްގެންދަވާ އަދި ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބައެއް ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ރޭވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވެސް ބައްލަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.