ހިޔާ ފްލެޓުގައި ފުރަތަމަ ފިހާރަ ހުޅުވައިފި

12 ވަނަ ޓަވަރުގެ ތިރީ ފަންގިފިލާގައި އެޗް.ސީ.ޔޫ މާޓުގެ ނަމުގައި ހުޅުވި ފުރަތަމަ ފިހާރަ -- ފޮޓޯ/ އެޗްޑީސީ

ހިޔާ ފްލެޓްގެ ފުރަތަަމަ ފިހާރަ، 12 ވަނަ ޓަވަރުގެ ތިރީ ފަންގިފިލާގައި ހުޅުވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު 'އެޗް.ސީ.ޔޫ މާޓު'ގެ ނަމުގައި ހިޔާ ފްލެޓުގައި ހުޅުވީ ކާބޯތަކެތި ވިއްކާ ފިހާރައެކެވެ.

އެޗްޑީސީގެ މީޑީއާ އޮފިޝަލު އަލީ މަޝާރު ވިދާޅުވީ އެ ފިިހާރައިގެ އިތުރުން، ހިޔާ ފްލެޓުގައި މި މަސް ތެރޭގައި ސުޕަމާކެޓެއްވެސް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ތިން ސުޕަމާކެޓްގެ އެގްރިމެންޓުގައި ސޮއިކުރެވިފަ ވަނީ. ދެން (އިތުރު) ގްރޯސަރީ ސްޓޯރެއްގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،" މަޝާރު ވިދާޅުވިއެވެ.

އޭގެ އިތުރުން ކެފޭއަކާއި ފާމަސީއަކާއި ކްލިނިކެއް ހެދުމުގެ އެއްބަސްވުންތަކާ ބެހޭ މަސައްކަތްވެސް މިހާރު ކުރިއަށްދާކަން މަޝާރު ފާހަގަކުރެއްވިއެވެ.

އޭގެ ތެރެއިން ކްލިނިކާއި ފާމަސީވެސް ހެދުމަށް ހަމަޖެހިފައި ވަނީ 12 ވަނަ ޓަވަރުގައެވެ. އަދި ކެފޭ ހެދުމަށް ހަމަޖެހިފައި ވަނީ 15 ވަނަ ޓަވަރުގައެވެ.

އެ މަސައްކަތްތައް ކުރިއަށްގެންދަނީ ތިން ސްޓޭޖަކަށް ބަހާލައިގެން ކަމަށް މަޝާރު ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ސްޓޭޖުގައި އިއުލާނު ކުރި ތަންތަނާ ބެހޭ އެއްބަސްވުން ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ހުޅުވީ އެޗްސީޔޫ މާޓު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން މަޝާރު ވިދާޅުވީ ކޮމާޝަލް ޔުނިޓުތަކުގައިވެސް ސޮއި ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކަމެއް ދިމާވެގެން ކޮންޓެކްޓަރުންނަށް އިތުރު ވަގުތު ބޭނުން ނަމަ، ވަގުތު އިތުރު ކޮށްދޭނެ ކަމަށްވެސް މަޝާރު ވިދާޅުވިއެވެ.

comment ކޮމެންޓް