ޑޮލަރުގެ އަގު ހިފެހެއްޓުމަށް ޓަކައި ފައިސާ ޗާޕު ކުރުން ހުއްޓާލުމަށް އައިއެމްއެފްއިން ގޮވާލައިފި

އައިއެމްއެފް--

ރާއްޖޭއިން ރުފިޔާ ޗާޕު ކުރުން ހުއްޓާލުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ގޮވާލައިފިއެވެ.

އައިއެމްއެފްގެ ޓީމެއް ރާއްޖެއަށް އައިސް، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ މައުލޫމާތު އެއްކޮށްގެން ތައްޔާރުކުރި ރިޕޯޓުގައި އައިއެމްއެފްއިން ބުނީ، ފައިސާ ޗާޕު ކުރުމުގެ ބަދަލުގައި ބޮންޑުތަކުން ފައިސާ ހޯދައި، ކެޕިޓަލް ހަރަދު ވީ ވަރަކުން ކުޑަކުރުމަށެވެ.

ކޮވިޑު-19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ބޮޑު ހީނަރުކަމެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގުތިސޯދު 32 ޕަސަންޓުން ވަނީ ވެއްޓިފައެވެ. ސަބަބަކީ ޕެންޑެމިކްއާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައުމެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، އަނެއްކާ ވެސް ފަތުރުވެރިކަން ފަށައިގަތުމާއެކު މެދުމިނެއްގައި އިގްތިސާދު އިޔާދަވަމުން އަންނަ ކަމަށާއި މިއަހަރުގެ ނިމޭއިރު ރިއަލް ޖީޑީޕީ ހުންނާނީ ގާތްގަނޑަކަށް 19 ޕަސެންޓަށް މަތިވާނެ ކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

އޮގަސްޓް 11، 2021: ވީއައިއޭގައި ތިބި ފަތުރުވެރިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ނަމަވެސް ދުރު މުސްތަގްބަލަކަށް ބަލާއިރު ރާއްޖޭގެ އިގްތިސާދަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ. އޭގެ މައިގަނޑު ސަބަބަކުތަކުގެ ގޮތުގައި ތިން ކަމެއް ފާހަގަކޮށްފައިވެއެވެ.

އެއީ؛

  • ކޮވިޑް-19ގެ އައު ވޭރިއެންޓްތަކާއެކު ދުނިޔޭގައި ޕެންޑެމިކްގެ ހާލަތު ދެމިގެންދިއުން
  • 2023ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުގެ ސިޔާސަތުތަކަށް ކުރިމަތިވާ ޕްރެޝަރުތަކާއި ހަރަދުތައް އިތުރުވުން
  • ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ސޯސް މާކެޓުތަކުގެ ވެކްސިން ކަވަރޭޖުގެ ހާލަތު

އައިއެމްއެފްގެ ރިޕޯޓުގައި ލަފާދީފައިވަނީ ހަރުދަނާ މާލީ ސިޔާސަތުތަކާއި މެދު ރާސްތާގައި ދަރަނި މެނޭޖު ކުރެވޭނެ ރަނގަޅު ސިޔާސަތުތައް އެކުލަވައިލުމަށެވެ.

އެގޮތުން ކުރުން މުހިންމު ތިން ކަމެއްގެ ގޮތުގައި އައިއެމްއެފްއިން ފާހަގަކުރި ކަންކަމުގެ ތެރޭގައި؛

  • މިހާރު އޮތް ހާލަތުން އަރައިގަނެވުމުން އެތެރޭގެ ސިނާއަތްތަކުން ޓެކްސް ނެގުން ފުޅާކުރުން
  • މިހާރަށްވުރެ ދައުލަތުގެ ކެޕިޓަލް ހަރަދުތައް ކުޑަކުރުމާއެކު އެ ހަރަދުތަކުގެ ޕްލޭން ހަރުދަނާ ކުރުން
  • އެތެރެއިންނާއި ބޭރުން ދަރަނި ނެގުން ކުޑަކުރުން

ޑޮލަރު ރޭޓު 15.42 ރުފިޔާގައި ހިފެހެއްޓުމަށް ޓަކައި ފައިސާ ޗާޕުކު ނުކުރުމަށް އައިއެމްއެފްއިން ގޮވާލާފައިވާއިރު، މަރުކަޒީ ބޭންކުން ފައިސާ ދައުލަތް ހިންގަން ފައިސާ ހަރަދު ނުކުރުމަށް ވެސް އެ އިދާރާއިން ވަނީ ލަފާދީފައެވެ.

އޮގަސްޓް 1، 2021: ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ-- ސަން ފޮޓޯ

އޭގެ ބަދަލުގައި އުމްރާނީ ބިޔާ މަޝްރޫއުތަކާއި އެސްއޯއީތަކުން ކުރިމަތިވާ ގޮންޖެހުންތައް ކުޑަ ކުރުމަށް ޓަކައި މާލީ ސިޔާސަތުތައް ބަދަލުކޮށް، ދަރަނި މެނޭޖު ކުރެވޭނެ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުމަށް އައިއެމްއެފްގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އިތުރަށް ފައިސާ ޗާޕު ކުރުން ނުވަތަ ޕަބްލިކް އެކައުންޓް އޯވަޑްރޯގެ ގޮތުގައި އެމްއެމްއޭއިން ފައިސާ ދޫކޮށްފައިވަނީ ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއެކު ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް އެދި ފިނޭންސް މިނިސްޓަރު އެދިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުއްދަ ދިނުމުންނެވެ.

އެ ހުއްދައިގެ ދަށުން 3.8 ބިލިއަން ރުފިޔާ އޯވަޑްރޯ ކޮށްފައިވަނިކޮށް، ފިނޭންސް މިނިސްޓްރީން އެދުމާއެކު މަޖިލީހުން ވަނީ އޯވަޑްރޯގެ މުއްދަތު އެއް އަހަރަށް އިތުރުކޮށްދީފައެވެ.

comment ކޮމެންޓް