ދެމެހެެއްޓެނިވި ތިމާވެއްޓެއް އޮތުމަކީ ބައިނަލް އަގްވާމީ އިންސާނީ ހައްގެއް ކަމަށް ކަނޑައަޅައިފި

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީސް ---

ރާއްޖޭގެ އިސްނެގުމާއެކު ސާފު، ސިއްހަތަށް ރަނގަޅު، ދެމެހެެއްޓެނިވި ތިމާވެއްޓެއް އޮތުމަކީ ބައިނަލް އަގްވާމީ އިންސާނީ ހައްގެއް ކަމަށް ފުރަތަމަ ފަހަރަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ފާސްކޮށްފިއެވެ.

ސްވިޒަލޭންޑް ޖެނީވާގައި 13 ސެޕްޓެމްބަރުން ފެށިގެން ކުރިއަށް ދާ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 48ވަނަ ބައްދަލުވުމުގައި ވަނީ ސާފު، ސިއްހަތަށް ރަނގަޅު، ދެމެހެެއްޓެނިވި ތިމާވައްޓަކީ އިންސާނީ ހައްގެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. މި މަސައްކަތަކީ ރާއްޖޭގެ އިތުރުން އިތުރު ހަތަރު ގައުމެއް އިސްނަގައިގެން މިދިޔަ އަހަރުއްސުރެ ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ރާއްޖޭގެ އިތުރުން މި މަަސައްކަތުގައި ބައިވެރިފައިވަނީ މޮރޮކޯ، ސްވިޒަލޭންޑް، ސޮލްވީނިއާ އަދި ކޮސްޓަރިކާއެވެ.

މި ނިންމުން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ފާސްކޮށަފއިވަނީ ވޯޓެއް ނެގުމަށްފަހުއެވެ. ކައުންސިލުގައި މުޅިއެކު 47 މެމްބަރުން ތިއްބަވާއިރު މި ގަރާރާ އެއްކޮޅަށް ވޯޓު ދީފައިވަނީ 43 ގައުމަކުންނެވެ. އެއްވެސް ގައުމަކުން މި ގަރާރާ ދެކޮޅަށް ވޯޓުލައިފައިނުވާ އިރު މި ގައުމުތަކުން އެއްވެސް ކޮޅަކަށް ވޯޓު ލާފައެއް ނުވެއެވެ. އެހެންކަމުން، އެއްވެސް ގައުމަކުން މިއީ އިންސާނީ ހައްގެއް ނޫން ކަމަށް ގަބޫލުނުކުރާކަން މި ވޯޓުން ހާމަވެއެވެ.

މިދިޔަ އަހަރުން ފެށިގެން، ސްވިޒަލޭންޑްގެ ޖެނީވާގާ ހުންނަ ރާއްޖޭގެ އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފީހުން މި ހައްގު އދ. ގައި ކަނޑައެޅުމަށް ގިނަގުނަ މަަސައްކަތަތްކެއް ވަނީ ކުރެވިފައެވެ. އެގޮތުން ޖެނީވާގާ އެކިއެކި ވޯކްޝޮޕްތަކާއި ބައްދަލުވުންތަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިކަމަށް އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުންނާއި އދ.ގެ ތާއިދު ލިބޭތޯ އެކި ގޮތްގޮތުން ވަނީ ވަކާލާތުވެސް ކޮށްފައެވެ.

އެގޮތުން ބަލާއިރު، ރާއްޖެއާ އެކު މަސައްކަތް ކުރި އެހެން ގައުމުތަކާ ގުޅިގެން ހުށައެޅުނު ބަޔާންތަކަށް 69އަށް ވުރެ ގިނަ އދ.ގެ މެމްބަރު ގައުމުތަކުން ވަނީ ތާއިދުކޮށްފައެވެ. އަދި މި ގަރާރު ފާސް ކުރުމަށްޓަކާ އެއް ލައްކައަށް ވުރެން ގިނަ ކުޑަކުދިންނާއި ޒުވާނުން އަދި 1300އަށް ވުރެ ގިނަ މަދަނީ ޖަމާއަތްތަކުން ވަނީ ގޮވާލާފައެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިއަދު ނިންމާފައިވާ މި ނިންމުމަކީ، ތިމާވައްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމުގެ އިތުރުން ތިމާވެށި ރައްކާތެރި ކުރުމަށް ބައިނަލްއަގްވާމީ ދުނިޔޭގާ އެޅިގެންދާ އިންގިލާބީ ފިޔަވަޅަކަށް ވެގެންދާނެއެވެ. މި ނިންމުމުގެ ސަބަބުން ސާފު، ސިއްހަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނުންގެ ދިރިހުރުމުގެ ހައްގާ ސީދާ ގުޅިފައިވާ ކަމެއްކަމަށް ގައުުތަކުން ވަނީ ބަލައިގަނެފައެެވެ.

މި ގަރާރުގައި ވަނީ ޖައްވު ސާފުކޮށް ބެހެެއްޓުމަށާއި ރައްކާތެރި މާހައުލެއް ބިނާ ކުރުމުގެ އިތުރުން ތިމާވެއްޓަށް ގެއްލުންހުރި ވިހަ ގޭސްތައް ޖައްވަށް ބޭރު ކުރެވޭ މިންވަރު މަދުކޮށް ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލާފައެވެ.

ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފާ ބިންތިރި އެހެން ގައުމުތަކެކޭ އެއަގޮތަށް މޫސީމީ ބަދަލުތަކުގެ އަސަރު ތަހައްމަލު ކުރަން ޖެހޭ ގައުމަކަށް ރާއްޖެ ވީހިނދު، އދ. އިން މިފަދަ އިންސާނީ ހައްގެއް ކަނޑައެޅުމަކީ ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އިންސާނީ ހައްގުތައް އެންމެ ފުރިަމައަށް ލިބިގަތުމަށާއި އެ ހައްގުތައް ރައްކާތެރި ކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ނިންމި މުހިންމު ނިންމުމެއް ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުމަކީވެސް ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެއްކަމަށް މިހާތަނަށް 155 ގައުމެއްގެ ގާނޫނު އަސާސީގާ ބަޔާން ކޮށްފައިވެއެވެ. އަދި މި ހައްގަކީ ރާއްޖޭގެ ގާނޫޏު އަސާސީގެ ދެވަނަ ބާބުގެ 23ވަނަ މާއްދާގެ (ރ)ގާ ބަޔާންކޮށްފައިވާ ހައްގެކެވެ.

މިއަދު މި ގަރާރު ފާސްވުމުން ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުމަކީ އިންސާނީ ހައްގެއް ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅިފާނުވާ ގައުމުތަކުން އެކަން ގާނޫނު އަސާސީގާ ހިމެނުމަށް އިތުރަށް ބާރު އެޅިގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީއިން ވަނީ ފާހަގަ ކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ތިމާވެށި ރައްކާތެރި ކުރުމަށް ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އދ. އަށް ޖަވާބުދާރީވާން ޖެހޭނެއެވެ. އެހެންކަމުން، ގައުމުތަކުގެ ތިމާވެއްޓާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގެންފައިވާ މިންވަރު ހާމަވެގެންދިޔަ ކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް