ސަޕޯޓަރުން ކެތްތެރިވޭ، މާޔޫސްވިޔަކަ ނުދޭނަން: ސުޒޭން

ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން --- ސަން ފޮޓޯ

މާދަމާ ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗަށް ވަންނަން ބޭނުންވެފައި ތިބި ސަޕޯޓަރުން ކެތްތެރިވުމަށާއި، ޓީމުގެ ފަރާތުން ސަޕޯޓަރުން މާޔޫސްވިޔަ ނުދޭނެ ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފޯރި ގައުމުގައި ހިއްޕާލައި، މެޗަކަށް ފަހު މެޗަކަށް ވަންނަން ބޭނުންވާ ސަޕޯޓަރުން އިތުރުވެފައިވާ އިރު، މާދަމާގެ މެޗަށް ވިއްކަން ހަމަޖެހިފައިވާ ޓިކެޓުތައް މިއަދު ގަޑިއިރެއްހާއިރުތެރޭ ވަނީ ހުސްވެފައެވެ. އެއާ އެކު އެފްއޭއެމުން މަކަރު ހެދި ކަމަށް ތުހުއްމަތުކޮށް ގަލޮޅު ދަނޑު ސަރަހައްދުގައި ގިނަބަޔަކު ވަނީ އިހުތިޖާޖު ކޮށްފައެވެ.

ގިނަ ފާޑުކިޔުންތަކަކާއެކު އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ، ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން މިރޭ 1000 ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި ޓިކެޓް ވިއްކާނީ, މިރޭ 8:00އިން ފެށިގެން ސޯޝަލް ސެންޓަރުން ކަމަށެވެ.

ސަޕޯޓަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން މިއަދު އޮތް ޕްރި މެޗު ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ، ދިވެހި ގައުމުގައި ފުޓުބޯޅައަށް އޮންނަ ލޯތްބަށް ބަލާއިރު 5،000 ޓިކެޓަކީ މަދު އަދަދެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނާ ދޭތެރޭ އުންމީދު ކުރާށޭ، ޔަގީންކަން ބާއްވާށޭ. އިރާދަކުރެއްވިއްޔާ ކުޅުންތެރިން ތި ބޭފުޅުން މާޔޫސްވިޔަކަ ނުދޭނޭ. ވަރަށް އަދަބުވެރިކަމާ އެކު ފުޓްބޯޅަ ސަޕޯޓަރުންގެ ކިބައިން އެދެން، މި ދަނޑުގެ ކެޕޭސިޓީއަކީ 5000. އެންމެން ވެސް ބޭނުންވާނެ ސަޕޯޓުކުރަން ދަނޑަށް ވަންނަން. ވަރަށް ކުޑަ އަދަދެއް. ކެތްތެރިކަމާއެކު ޓީމުގެ ފަހަތުގައި ތިއްބަވާ. ތި ބޭފުޅުން މާޔޫސްވާނެ ކަމެއް ޓީމުގެ ފަރާތުން އިރާދަކުރެވިއްޔާ ނާންނާނެ." ސުޒޭން ބުންޏެވެ.

ރާއްޖެ މި ވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިން ވަނައިގަ އެެވެ. އެކަމަކު މާދަމާ ހަވީރު ލަންކާ އަތުން މޮޅުވެގެން އެއް ވަނަ އަށް އެރޭނެ އެވެ. އޭރުން މާދަމާރޭ ނޭޕާލާއި އިންޑިއާ ކުޅޭ މެޗު ދެ ޓީމަށް ވެސް ނަތީޖާއެއް ނެރުން މުހިއްމުވާނެ އެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން 0-1 އިން ބަލިވި އިރު ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން 0-2 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ. މި ދެ މެޗަށް ވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ވަނީ ދަނޑަށް ވަދެފައެވެ.

އެއާއެކު ސުޒޭން ބުނީ ލަންކާއާ ދެކޮޅަށް ކުޅުމަކީ "އުނދަގޫ ޗެލެންޖެއް" ކަމަށެވެ. އަދި ލަންކާ އަކީ ވަރަށް މަސައްކަތުގެ ރޭޓް ރަނގަޅު، ޑިފެންސް ރަނގަޅު ޓީމަކަށްވުމަކީ އެ ޓީމާ ދެކޮޅަށް ކުޅެން އުނދަގޫވާނެ ސަބަބުތައް ކަމަށެވެ.

"އިންޑިއާއާ ދެކޮޅަށް ލަންކާ އިން ޓެކްޓިކަލް ޕްލޭން ކާމިޔާބުކުރި. ވަރަށް މަސައްކަތުގެ ރޭޓް ރަނގަޅު ޓީމެއް. ޑިފެންސިވްކޮށް ވަރުގަދަ. އެހެންވީމަ، ރާއްޖޭން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ. އެކަމަކު ރާއްޖޭގެ އެޓޭކިން އެހެން ޓީމުތަކާ ތަފާތު. އަޅުގަނޑުމެން މި މެޗުގައި 100 ޕަސެންޓް ދޭގެން، ޕޮއިންޓްތައް ހޯދަން މަސައްކަތްކުރާނަން،" ސުޒޭން ބުންޏެވެ.

comment ކޮމެންޓް