ގައިދީ މަރުވި މައްސަލާގައި ކަންހިނގިގޮތް ބަލާނަން: ޕީޖީ އޮފީސް

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި ގައިދީ މަރުވި މައްސަލައިގައި ކަންހިނގޮތް ބަލާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު "ސަން"އަށް ވިދާޅުވީ އެ މައްސަލާގައި ކަންހިނގިގޮތް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"މި މައްސަލައިގައި މި އޮފީހުން ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާނަން. އަދި މި އޮފީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،" ޝަފީއު ވިދާޅުވިއެވެ.

އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ރޭ މަރުވި ގައިދީ އަކީ މ. މަލަސް, އިސްމާއީލް ޝަބީން،46، އެވެ. އޭނާ އަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި އުފުލާ ދައުވާގެ ޝަރީއަތް ނިމެންދެން ޖަލަށްލާފައިވާ މީހެކެވެ.

ޝަބީން ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލުމަށް ދަތިތަކެއް ހުރުމުން ރޭ 19:00 ހާއިރުއެވެ. އޭނާ މަރުވީ ހާލު ދެރަވެ، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް 19:30 ގައި ކަމަށް ހޮސްޕިޓާލާ ހަވާލާދީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.

މަރުވިއިރު އޭނާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުން އައި މީހެކެވެ.

comment ކޮމެންޓް