ގައުމިއްޔަތު ދިރުވާ އާލާކުރީ ރައީސް ޔާމީން: އަދުރޭ

ސެޕްޓެމްބަރ 10، 2021: އިދިކޮޅު ކޯލިޝަނުން "އިންސާފު ހޯދަން" ނަމުގައި މާލޭގައި ބޭއްވި ހިންގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަހުގެ ތާރީހެއްގައި ގައުމިއްޔަތު ދިރުވާ އާލާކުރި ހަމައެކަނި ވެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށް އިދިކޮޅު ކޯލިޝަން ހުންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް އަދި ވެރިކަމުގައި ހުންނެވި އިރު ވެސް ވަކާލާތުކުރައްވަމުން ދިޔައީ ގައުމިއްޔަތުގެ ދިފާއުގައިކަމަށެވެ.

އެމަނިކުފާނު 2013ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ގައުމުގެ ގައުމިއްޔަތު އޮތީ ގެއްލިގެން ގޮސްފައިކަމަށް އަދުރޭ ވިދާޅުވިއެވެ.

"މިފަހުގެ ތާރީހުގައި އަޅުގަނޑުމެންގެ ގައުމުގެ ވެރިކަމާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަވާލުވެވަޑައިގަތް އިރު ދިވެހި ގައުމިއްޔަތު އޮތީ އަޅުގަނޑުމެންގެ އަތުން ގެއްލުގެން ގޮސްފައި. އެހެންނަމަވެސް އެމަނިކުފާނު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންފައި ދިވެހި ގައުމިއްޔަތު އަލުން ދިރުވައި އާލާ ކުރުމަށް ޓަކައި ކުރެއްވި މަސައްކަތްތަލކުގެ ތެރެއިން އެންމެ ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ މަސައްކަތެއް "ތަރިކަ" މަޝްރޫއަކީ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ ގައުމިއްޔަތު ދިރުވުމަށް ރައީސް ޔާމީން ކުރެއްވި މުހިންމު މަސައްކަތެއްކަމަށެވެ. އަދި ރައީސް ޔާމީން ގަބޫލުކުރައްވާ ގޮތުގައި ކޮންމެ ދިވެހި ޒުވާނަކަށް ވެސް ދިވެހި ތާރީހު އެނގެން ޖެހޭކަމަށް އަދުރޭ ވިދާޅުވިއެވެ.

ގައުމީ ދުވަސް ފާހަގަކުރާއިރު ރައީސް ޔާމީންގެ ނަން ފާހަގަކުރަންޖެހޭކަަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގައުމިއްޔަތު ހިމާޔަތްކުރުމަކީ ހަމައެކަނި އިދިކޮޅު ޕާޓީގެ މަސްއޫލިއްޔަތެއް ނޫންކަމަށެވެ. އަދި އެއީ ދިވެހި ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެއްކަަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް