ތިމާވެށި ހިމާޔަތްކުރުމަކީ، ގައުމިއްޔަތު ހިމާޔަތްކުރުމުގެ އެންމެ މުހިންމު މަސައްކަތް: ރައީސް

ރައީސް ސޯލިހް މިރޭ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަކީ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ހިމާޔަތްކުރުމުގެ އެންމެ
މުހިންމު މަސައްކަތަށް މިއަދު ހަދަންވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް، ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާމެދު، މިއިން ޒަމާނެއްގައި ބިރުނުގަންނަ މިންވަރަށް މިހާރު އެބަ ބިރުގަންނަ ކަމަށެވެ. އަދި މިއީ ތޯތޯ ވާހަކައެއް ނޫން ކަމަށާއި މިއީ ޢިލްމީ ހަގީގަތްތައް ސާފުކޮށް ކުރަހައިދޭ ބިރުވެރި މަންޒަރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް މިލިބެނީ، ރާއްޖެ ފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ޤައުމުތަކަށް.
ނަމަވެސް ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި ރާއްޖޭގެ ޙިއްޞާ ވަރަށް ކުޑަ. ޙަޤީޤަތަކީ މިއީ ކަމުގައި
ވިޔަސް، ތިމާވެށީގެ ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އަދި އެންމެ ބޮޑު ޚަރަދެއް
ކުރަންޖެހެނީ ވެސް ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތައް" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބައިނަލްއަޤްވާމީ މުޖުތަމައުއާ މިހާވަރަށް ގުޅިފައިވާ މިފަދަ ކަންކަމުން ސާބިތުވަނީ ހުރިހާ ގައުމެއް އެއް އާއިލާއެއްގައި އުޅުމުގެ މުހިންމުކަން ކަމަށެވެ. އަދި މިފަދަ ގޮންޖެހުންތަކުން ދޭހަކޮށްދެނީ، ކިތަންމެ ދުރުގައި
ކިތަންމެ ވަކިން އޮތަސް، ބައިނަލްއަޤުވާމީ މުޖްތަމަޢާ ވަކިވެގެން އުޅެވެން ނެތްކަން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

އިންސާނުންގެ އަމިއްލަ އަތްތަކުން ކުރާ ކަންކަމުގެ ސަބަބުން، ދުނިޔޭގެ ހޫނުމިން އެދަނީ އިންތިހާއަށް މަތިވަމުން. މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތަކާ ހެދި، އެންމެ ބޮޑެތި ޤައުމުތައްވެސް ގޮތް ހުސްވެއްޖެ. ވީއިރު، ރާއްޖެ ފަދަ، އަބަދުމެ ކަނޑުގެ ރާޅުތައް ވަށައިގެން ހޯދަމުންދާ ތިރި ޖަޒީރާތަކެއްގެ ކުރިމަގާ މެދު ނިކަން ވިސްނާވަޑައިގަންނަވާ!

ރައީސް ސޯލިހު ވިދާޅުވީ ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމަށް، އެކުގައި މިހާރު މަސައްކަތް ނުފަށައިފިނަމަ، މި ޖީލަކީ މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުޞަތު ލިބޭ، އެންމެ ފަހު ޖީލަށްވުމަކީ
އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެމައްޗަށް ބިނާވެފައިވާ ރާއްޖޭގެ މާޙައުލީ ނިޒާމު، އޭގެ ޠަބީޢީ ޙާލަތަށް އިޢާދަކޮށްދިނުމަށް، އާ ޢަޒުމަކާއެކު އެންމެން ތެދުވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަން" ރައީސް ވިދާޅުވުިއެވެ.

comment ކޮމެންޓް