އަބްދުﷲ ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފި

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރުވަނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ރާއްޖޭހޭ ފޮރިން މިނިސްޓަރު އަދި އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރުވައިފިއެވެ.

ޝާހިދަށް އެ މަގާމު އަރުވާފައިވަނީ މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

އެގޮތުން ރައީސް ސޯލިހު، ޝާހިދަށް އެ މަގާމު އަރުވާފައިވަނީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުތަކުގެ ހަރުދަނާކަމުގެ ސަބަބުންނެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ އަޑު އިއްޒުމަށް ކުރާ މަސައްކަތުގެ ސަބަބުންނެވެ.

އެއާއެކު ޝާހިދު ވަނީ އެ އިއްޒަތް އެމަނިކުފާނަށް އެރުވިކަމަށް ޓަކައި ޝުކުރު ދަންނަވައިފައެވެ. އަދި ރައީސް އެ އިއްޒަތް އަރުވާފައިވަނީ ދިވެހި ގައުމިއްޔަތަށް އޮތް ލޯތްބެއްްގެ ބޮޑުންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މި އިއްޒަތް މި ބަލައިގަންނަނީ ހިތުގެ ތާއަތާއި މަޑުމޮޅިކަމާއެކު،" ޝާހިދު ވިދާޅުވިއެވެ.

ނިޝާނުގެ އިއްޒަތަކީ ގައުމީ ހިދުމަތް ނުވަތަ ބައިނަލްއަގްވާމީ ހިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ އިއްޒަތެކެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ނިސްބަތް ކުރެވެނީ، އައްސުލްތާނުލް ގާޒީ ހަސަން އިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުން (ދޮން ބަންޑާރައިން)ނަށެވެ.

comment ކޮމެންޓް