މެންބަރު އަސްލަމްގެ އަނބިކަނބަލުންގެ ގޭގައި ރޯކޮށްލަން މަސައްކަތް ކޮށްފި

ހިތަދޫގައި ހުންނަ ކޮމަންޑޫ ގޭގައި ބަޔަކު ރޯކޮށްލަން މަސައްކަތް ކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އަނބިކަނބަލުންގެ ގޭގައި ރޭގެ ވަގުތެއްގައި ބަޔަކު ރޯކޮށްލަން މަސައްކަތް ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ގެއެއްގައި ރޯކޮށްލަން އުޅުނު މައްސަލައެއް މިއަދު ހެނދުނު 8:45 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، އެގޭގެ މައި ދޮރާއި ކުޑަދޮރުތަކަށް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރޯކޮށްލަން މަސައްކަތް ކޮށްފައިވަނީ މެންބަރު އަސްލަމް ވެސް ކުރިން ދިރިއުޅުއްވި ހިތަދޫ ގައި ހުންނަ ކޮމަންޑޫ ގޭގައި ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މެންބަރަކު މިއަދު "ސަން"އަށް ވިދާޅުވިއެވެ.

"އެއީ އަސްލަމްގެ އަނބިކަނބަލުންގެ ބައްޕަގެ ގެ. އަލިފާން ރޯކޮށްލަން އުޅުނުއިރު، އެގޭގައި އެއްވެސް މީހަކު ނެތް،" ކައުންސިލަރު ވިދާޅުވިއެވެ.

ކައުންސިލަރު ވިދާޅުވީ ރޯކޮށްލަން އުޅުނީ އެގެއަށް ޕެޓްރޯލް އަޅައިގެން ކަމަށެވެ. އަދި އެގޭގެ ކުޑަދޮރުގައި އަލިފާން ރޯކޮށްލާފައި ވަނިކޮށް ބޮޑަށް އަލިފާންގަނޑު ނުފެތުރެނީސް މަންޒަރު ފެނުނު ބަޔަކު އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް