ޓިކެޓް ވިއްކި ގޮތުން އެފްއޭއެމްއަށް ފާޑު ކިޔުން: ގަވާއިދުގައި އޮތީ ކިހިނެތް؟

ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗު ބެލުމަށް ދިވެހި ގިނަ ސަޕޯޓަރުންތަކެއް ވަނީ ދަނޑަށްގޮސްފައި --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ސާފް ޗެމްޕިއަންޝިޕުގެ އެންމެ ފޯރިގަދަވާނެ އެއް މެޗު ކަމަށްވާ ރާއްޖެ-ބަންގްލަދޭޝް ބައްދަލު ކުރާ މެޗަށް ޓިކެޓް ވިކި ހުސްވެފައިވާ އިރު، ބަންގްލަދޭޝް ސަޕޯޓަރުންނަށް މަދުން ޓިކެޓް ވިއްކުމުން އެފްއޭއެމްއަށް ބޮޑެތި ފާޑުކިޔުން އަމާޒުކޮށްފިއެވެ.

ސާފް ޗެމްޕިއަންޝިޕުގެ މެޗްތަކަށް މި އަހަރު ދަނޑަށް ސަޕޯޓް ކުރަން ވަދެވޭނީ މެޗަކަށް 5،000 ސަޕޯޓަރުންނަށެވެ. މީގެ ތެރެއިން ހޯމް ޓީމުގެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ހަމަޖެހިފައި ވަނީ 200 ޓިކެޓެވެ. މިއީ ސަޕޯޓަރުންނަށް ކަނޑައެޅިފައިވާ ޖާގައިގެ ހަތަރު ޕަސެންޓެވެ.

މި ޕަސަންޓަކީ ސާފް މުބާރާތް ފެށުމުގެ ކުރިން ހުރިހާ ގައުމުތަކަކުން ވެސް އެއްބަސްވި އިންސައްތައެވެ. ފީފާގެ ގަވާއިދުތަކަށް ވެސް ފުށުނާރާ ގޮތަށް ސާފުން ހަދާފައިވާ މި އުސޫލަށް އަމަލުކޮށް ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކި އިރު، ވީއައިޕީ ޓިކެޓްތައް ލައިގެން 200 އަށް ވުރެން ގިނަ ޓިކެޓް އެ ގައުމަށް ވަނީ އެފްއޭއެމުން ހާއްސަކޮށްފައެވެ.

އެކަމަކު، އަވޭ ޓީމަށް ޖުމުލަކޮށް މަދު އަދަދެއްގެ ޓިކެޓް ވިއްކުމަކީ ފުޓުބޯޅައިގައި ތަފާތުކުރުން ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އެފްއޭއެމްއަށް ފާޑު ކިޔަމުންނެވެ. އަދި އެހެންމެ ބަންގްލަދޭޝްގެ ސަޕޯޓަރުން ވެސް އެ މައްސަލައިގައި ހިތްހަމަ ނުޖެހުން ފާޅުކޮށް ދަނޑު ކައިރީގައި ޝުއޫރު ފާޅު ކުރިއެވެ.

ރުޅިގަދަވެފައި ތިބި ބަންގްލަދޭޝް ސަޕޯޓަރުންނަށް ޓިކެޓް ލިބޭނެ ގޮތެއް ނެތުމުން ދެން އެމީހުން ވަނީ ދިވެހިން އަތުން ބޮޑު އަގު ދީފައި ޓިކެޓް ގަންނަން ފަށައިފައެވެ. އެއާއެކު އެފްއޭއެމުން ވަނީ އެކަން އެގޮތަށް ވިޔަ ނުދިނުމުގެ ގޮތުން ބަންގްލަދޭޝް ސަޕޯޓަރުންނަށް ވަދެވޭނީ އެ މީހުންނަށް ހާއްސަ ޓިކެޓުން ކަމަށާއި އެއީ ވަކި ޒޯނެއްގެ ޓިކެޓް ކަމަށް މުބާރާތުގެ ގަވާއިދުގައިވާ ގޮތަށް އިއުލާނުކޮށްފައެވެ.

އެހެންކަމުން ދިވެހިން އަތުން ގަންނަ ޓިކެޓްތަކާއެކު ބަންގްލަދޭޝް ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ފުރުސަތު ބަންދުވީއެވެ. މިކަން އަދިވެސް ބަންގްލަދޭޝްގެ ގިނަ ބަޔަކަށް އެނގިފައި ނުވާއިރު، ޓިކެޓް އަގުބޮޑުކޮށް ވިއްކަން ސޯޝަލް މީޑިއާގައި ވެސް ޕޯސްޓްތަކެއް ޖަހާފައި ހުއްޓެވެ. އަދި ކަން އޮތްގޮތް ނޭންގޭ ބިދޭސީން އެ ޓިކެޓްތައް އިސާހިތަކު ގަނެ ހުސްކޮށްލީއެވެ.

އެފްއޭއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓެއްގައި ބިދޭސީ އަކަށް ދަނޑަށް ނުވަދެވޭ ގޮތަށް އަދި ބިދޭސީ އަކަށް ވިއްކާ ޓިކެޓެއްގައި ދިވެއްސަކަށް ދަނޑަށް ނުވެދެވޭ ގޮތަށް ހަމަޖައްސާފައިވަނީ ދެ ސަބަބަކަށްޓަކައި ކަމަށެވެ.

"ފުރަތަމަ ސަބަބަކީ ބްލެކް މާކެޓުގައި ޓިކެޓް ވިއްކުން ހުއްޓުވުމަށްޓަކަ އެވެ. މިހާރުވެސް ބަންގްލަދޭޝްގެ ރައްޔިތުންނަށް 1500 އާއި 2000ރ. އާ ދެމެދުގެ އަދަދަށް ޓިކެޓް ވިއްކާކަމުގެ ޝަކުވާވަނީ މި އެސޯސިއޭޝަނަށް ލިބިފަ އެވެ. ނަމަވެސް މިއީ މި އެސޯސިއޭޝަނުން ގަބޫލުނުކުރާ އަދި ހިތްވަރުދޭ ކަމެއް ނޫންކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ." އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.

ދެވަނަ ސަބަބެއްގެ ގޮތުގައި އެފްއޭއެމުން ފާހަގަ ކުރީ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ކޮންމެ ބަޔަކަށް ވެސް ދަނޑުގައި ކުޅިބެލުމަށް ހާއްސަ ޖާގަތަކެއް ކަނޑައެޅިފައިވާ ހިނދު ދެ ޓީމުގެ ސަޕޯޓަރުން އެއްވެގެން ތިބެ ކުޅިބަލަން ޖެހިއްޖެނަމަ ދިމާވެދާނެ ސަލާމަތީ ސަބަބުތަކަށް ކުރީބައިގައި ހުއްޓުވުމަށްޓަކާ ކަމަށެވެ.

މީގެ ކުރިން ވެސް ގަލޮޅު ދަނޑުގައި ބަންގްލަދޭޝްގެ ގައުމީ ޓީމު ނުވަތަ ކުލަބެއް ކުޅުނަސް އެ ޓީމަކަށް ސަޕޯޓުކުރަން އެ ގައުމުގެ ގިނަ ރައްޔިތުން ދަނޑަށް ވަދެއެވެ. މި ސަބަބާހުރެ ރާއްޖެއަކީ ބަންގަލަދޭޝްގެ ދެވަނަ ހޯމް ކަމަށް އެ ގައުމުގެ ކޯޗު އޮސްކާ ބުރުޒޯން ވަނީ މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައެވެ.

comment ކޮމެންޓް