ޕީއެސްއެމްގެ އެމްޑީއާއި ޑީއެމްޑީ ހައްގު ނޫން އެލަވަންސް ނެގި މައްސަލައެއް!

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު-- ސަންފައިލް ފޮޓޯ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމް، ހައްގު ނޫން އެލަވަންސެއް ނެންގެވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޕީއެސްްއެމްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ޕީއެސްއެމް ބޯޑުގެ އެގްޒެކްޓިވް މެންބަރުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޑީ އަދި ޑީއެމްޑީ ވަނީ އާންމު ބޯޑު މެންބަރުންނަށް ލިބޭ "ބޯޑު އެލަވަންސް" ނުހައްގުން ނަންގަވާފައި ކަމަށެވެ. އެއީ 7500 ރުފިޔާ ކަަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ގަވާއިދު ބުނާ ގޮތުން ކުންފުނިތަކުގެ އެގްޒެކެޓިވް ބޯޑު މެންބަރުންނަށް ބޯޑު އެލަވަންސެއް ނުލިބޭނެއެވެ. އެ މެންބަރުންނަށް ލިބޭނީ ހަމައެކަނި ސިޓިން އެލަވަންސެެވެ. އެއީ ކޮންމެ ބޯޑު ބައްދަލުވުމަކަށް 500 ރުފިޔާއެވެ. މަހެއްގެ މައްޗަށް ގިނަވެގެން ބޭއްވެނީ ތިން ބޯޑު ބައްދަލުވުމެވެ. އެހެންކަމުން މަހެއްގެ މައްޗަށް ސިޓިން އެލަވަންސްގެ ގޮތުގައި ލިބޭނީ 1،500 ރުފިޔާއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ މިކަން މިހެން ވަމުން ދަނިކޮށް، ފިނޭންސް މިނިސްޓްރީއަށް މިކަން ފާހަގަ ކުރެވި ޕީއެސްއެމަށް ސާކިއުލާއެއް ފޮނުވި ކަމަށެވެ. އެ ސާކިއުލާގައި ވަނީ އެ ފައިސާ އެމްޑީ އަދި ޑީއެމްޑީއަށް ދިނުން ހުއްޓާލުމަށާއި މިހާތަނަށް ދީފައިވާ ފައިސާތައް އަނބުރާ ހޯދުމަށެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާ ފޮނުވާފައިވަނީ ވެސް އެމްޑީއަށް އެޑްރެސްކޮށެވެ. އަދި އެ ސާކިއުލާ ތަންފީޒުކުރަން އެޗްއާރު ޑިޕާޓްމަންޓަށާއި ފައިނޭންސް ޑިޕާޓްމަންޓަށް ވެސް އެންގެވީ އެމްޑީ އަލީ ހާލިދެވެ.

އެހެން ނަމަވެސް އެ ސާކިއުލާއަށް އަމަލުކުރަން ފެށުމުން އަލީ ހާލިދު ވަނީ މުސާރައިން ބައެއް އުނިވެފައިވާތީ އެކަން ވެފައި އޮތްގޮތް އޮޅުން ފިލުވައިދިނުމަށް އެދި އެޗްއާރަށް މެއިލްއެއް ކޮށްފައެވެ.

"ފައިނޭންސްއާއި އެޗްއާރުން އޭތި ކަނޑާލީމަ އަލީ ހާލިދު އެބައިން މެއިލްކޮށްފަ ކީއްވެހޭ ތިމަންނަގެ މުސާރައިން 7500 މަދުވީ. މަދުވީ ފިނޭންސްއިން އެކަން އެންގީމަ،" އޮފިޝަލް ވިދާޅުވިއެވެ.

ޕީއެސްއެމްގެ އެމްޑީއާއި ޑީއެމްޑީއަށް ބޯޑު އެލަވަންސްގެ ގޮތުގައި 7،500 ރުފިޔާ ކަނޑައަޅައިފައި އޮވެއެެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެ އެލަވަންސް ކަނޑާލަން ފިނޭންސްއިން ވަނީ އަންގައިފައެވެ.

ފިނޭންސްގެ އެންގުމާ ހިލާފަށް ޕީއެސްއެމުން 15 މަސްވަންދެން ޖުމުލަ 225،000 ރުފިޔާ ވަނީ އަލީ ޚާލިދަށާއި ޝަމީމަށް ޖަމާކޮށްފައެވެ.

އޮފިޝަލް ވިދާޅުވީ އެ ފައިސާ އަނބުރާ ހޯދުމަށް ފިނޭންސުން އެންގި ނަމަވެސް، އެ ދެ ބޭފުޅުންނަށް އެއްފަހަރާ އެ ފައިސާ ނުދެއްކޭނެ ކަމަށް ވިދާޅުުމުން، މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދީފައިވާ ކަމަށެވެ.

ޕީއެސްއެމްގެ ދެ ވެރިއަކު ނުހައްގުން އެލަވަންސް ނެގި މައްސަލައެއް ފެންމަތިވެފައިވާއިރު، އެ ކުންފުނީގެ މާލީ ހާލަތު ދަށް ކަމަށް ބުނެ، މުވައްޒަފުންގެ މުސާރައިް ބައެއް އެލަވަންސްތައް ކަނޑާލާފައި އޮންނަތާ މަސްތަކެއް ވެއްޖެއެވެ.

ޕީއެސްއެމްއިން މުވައްޒަފުންނަށް ފޮނުވި މެއިލްއެއްގައި ވަނީ އެ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"މި ސަބަބުތަކާ ހުރެ މުވައްޒަފުންނަށް ހައްގުވާ ޓެކްނިކަލް ކޯ އެލަވަންސާއި، ސަޕޯޓް ކޯ އެލަވަންސަށް ލިބެންޖެހޭ ފައިސާ މި މަހުގެ މުސާރައިން ވަގުތީ ގޮތުން ވާނީ އުނިކުރެވިފައި،" ޕީއެސްއެމްއިން ފޮނުވި މެއިލުގައިވެއެވެ.

https://sun.mv/154757

ޕީއެސްއެމްއަކީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ބެޖެޓުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ ދައުލަތުގެ ކުންފުންޏެކެވެ. އަދި ސްޕޮންސަރުންގެ ތެރެއިންވެސް ގިނަ އަދަދެއްގެ ފައިސާ އެ ކުންފުންޏަށް އަންނަނީ ހޯދަމުންނެވެ.

comment ކޮމެންޓް