ފަލީހަތް ވާން ފެށުމުން ޝަރިއަތް ހުއްޓުވާލީ ދައުލަތުން: އަލީ ވަހީދު

މާޗް 8، 2020: ކޮވިޑ 19 އާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އިސްބޭފުޅުންނާއިއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަރީމާތައް ފަޅާ އަރާ، ފަލީހަތް ވާން ފެށުމުން އަލީ ވަހީދުގެ ޝަރިއަތް ހުއްޓުވާލީ ދައުލަތުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އަލީ ވަހީދު ކުރެއްވި ޓްވީޓް ތަކެއްގައި ވިދާޅުވެފައިވަނީ އޭނާ ރާއްޖެއިން ބޭރަށް ފުރުވާލީ ދައުލަތުން ކަމަށެވެ. އަދި އޮންލައިންކޮށް ޝަރިއަތް ކުރީ ވެސް ދައުލަތުން ކަމަށް ވިދާޅުވެފައި ވެއެވެ.

އަލީ ވަހީދު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުރުން ޖަރީމާ ތަކުގައި އުޅުއްވާ، އަދި އެމްއެމްޕީއާރުސީގެ ވަގު ފައިސާގައި ޖެހިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ވެސް ވިލާތުގެއިދާރާ ތަކަށް ހުށަހަޅާނެ ކަމަށެވެ.

ނަމަވެސް އެއީ ކޮން ފަނޑިޔާރެއް ކަމެއް އަލީ ވަހީދު ވިދާޅެއް ނުވެއެވެ.

އޭނާ ވިދާޅުވީ އިންތިޒާރު ކުރައްވަނީ ވިލާތުގެ ކޯޓުގައި ހެއްކާއި ގަރީނާގެ މައްޗަށް ދުނިޔެ ކުރިމަތީގައި ހަގީގަތް ހާމަވާނެ ދުވަހަކަށް ކަމަށެވެ.

"ފުރުވާލީ ވެސް ދައުލަތުން. އޮންލައިންކޮށް ޝަރީއަތް ކުރީ ވެސް ދައުލަތުން. ފަލީހަތާއި ޖަރީމާތައް ފަޅާއަރަން ފެށުމުން ޝަރީއަތް ތި ހުއްޓުވާލީ ވެސް ދައުލަތުން. ‏ޕީޖީގެ އިތުރުން ޖަރީމާ ތަކުގައި އުޅުއްވާ އެމްއެމްޕީއާރުސީގެ ވަގު ފައިސާގައި ޖެހިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ވެސް ވިލާތުގެ އިދާރާތަކަށް ހުށަހަޅާނަން،" އަލީ ވަހީދު ވިދާޅުވެފައި ވެއެވެ.

އަލީ ވަހީދު ވިދާޅުވީ ވުޖޫދުގައި ނެތް ކަމެއްގެ މައްޗަށް އޭނާ އާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމުގެ ކުރިމަތީ އަމާން ނުދޭނެ ކަމަށެވެ. އަދި ފަހަތަކަށްވެސް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ އަމުރެއް ނެރެފައެވެ.

އަލީގެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާ ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދުއާއި ފަނޑިޔާރު މުހައްމަދު އިބްރާހިމް ސޮއި ކުރައްވައި ނެރުއްވި އަމުރުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އަލީ ވަހީދު ރާއްޖޭގައި ނެތި އޭނާގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރީ މިިޔަ އަހަރުގެ މެދު ތެރޭގައެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފެހެއްޓީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް އުފުލާފައިވަނިކޮށް އޭނާ އިނގިރޭސިވިލާތަށް ފުރާފައިވަނީ ކޯޓުގެ ހުއްދަ ލިބިގެން ބޭސްފަރުވާއަށެެވެ.

ނަމަވެސް ބޭސްފަރުވާއަށް ދޫކުރި މުއްދަތު ހަމަވީ އިރު އަދިވެސް އަލީ ވަހީދު ރާއްޖެ އައިސްފައެެއް ނުވެއެވެ.

comment ކޮމެންޓް