މުޖުތަމައުއަށް ހިދުމަތް ކުރުމަށް ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި

ގައިދީން މަސައްކަތް ކުރާއިރު ކައިރީގައި ކަރެކްޝަންގެ އޮފިޝަލެއް: މީގެ ކުރިން ވަނީ ހުކުމް ތަންފީޒުކުރަދިޔަ ގައިދީން ލައްވައި ބައެއް މަސައްކަތްތައް ކޮށްފައި --ފޮޓޯ/ އަފްރާހް

ވައްކަންކުރި އިރު ފާރައަށް ހުރި މީހަކު، ކުރު މުއްދަތަކަށް ޖަލަށްލައި މުޖުތަމައުއަށް ހިދުމަތްކުރުމަށް، ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް ހުކުމްކޮށްފިއެވެ.

އެ ހުކުމް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ މިދިޔަ އާދިއްދަ ދުވަހުއެވެ. މައްސަލަ ބަލާފައިވަނީ ގާޒީ އާދަމް މުހައްމަދެވެ.

ވައްކަން ކުރުމުގައި ބައިވެރިވިކަމުގައި ކުށް ސާބިތުވުމުން ބަންގަލަދޭޝް ރައްޔިތެއް ކަމަށްވާ ހާލިދު ސައިފުﷲ ޝާގަރަށް ކޮށްފައިވަނީ އެއް މަހަށް ޖަލަށް ލުމުގެ އިތުރުން 137 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމަށެވެ.

ހާލިދުގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ލިޓަސް ސާވިސް ސެންޓަރުން މީހަކު ވައްކަންކުރަން ވަން އިރު ފާރައަށް ހުރިކަމަށް ކުރި ދައުވާއަށް އޭނާ އިއުތިރާފްވުމުންނެވެ. އެތަނުން ވައްކަންކޮށްގެން ގެންދިޔަ ބައެއް ސާމާނު ހާލިދުއާއި އިތުރު ބަޔަކު ދިރިއުޅޭ ކޮޓެރިން ފެނިފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފައެވެ.

ވައްކަމުގައި އޭނާ ބައިވެރިވި ސަބަބު ވެސް ވަނީ ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފައެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން މުސާރަ ނުލިބި އަތްމަތި ދަތިވެ ކައިބޮއި ހަދާނެ ގޮތެއް ނެތުމުން ކަމަށް އޭނާ ވަނީ ބުނަފައެވެ. އަދި އެކުށް ކުރެވުނީތީ ދެރަވާކަން އެނާގެ ވާހަކަތަކުން އެނގޭ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

ކުށައް އިއުތިރާފްވެފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށް ވެސް އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ. އަދި ވަކީލަކު ބޭނުން ނުވާކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުން ގާނޫނުލްއުގޫބާތުގައިވާ ގޮތުން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމުގެ އިހްތިޔާރު ގާޒީއަށް އޮންނާނެއެވެ. ކުށަށް އިއުތިރާފްވުމުން އަދަބު ވަނީ އެއް މަހާއި 24 ދުވަހަށް ދަށްކޮށްފައެވެ.

ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާރ ޖެނަރަލްގެ އޮފީހުގެ ވަކީލުން ވަނީ މުޖުތަމައުއަށް ހިދުމަތް ކުރުމަށް އޭނާ ދޫކޮށްލުމަށް އިއުތިރާޒް ކުރާ ކަމަށް ބުނެފައެވެ.

ސަބަބެއް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ، ހާލިދުއަކީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީއަކަށް ވުމުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެ ކަމަށް ބެލެވޭތީއެވެ. އަދި މުޖުތަމައުއަށް ހިދުމަތް ކުރުމަށް އެކުލަވާލަން ޖެހޭ އުސޫލު، ކަރެކްޝަނަލް ސާވިސްއިން ތައްޔާރުކޮށްފައި ނެތުމުން އެ އަދަބު ތަންފީޒު ކުރުމަށް ދަތިތަކެއް ކުރުމަތިވާނެ ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުގެ އެ ކަންބޮޑުވުމަށް ރިއާޔަތްކޮށް ހުކުމުގައި ބުނެފައިވަނީ، ވަކި މުއްދަތެއްގެ ތެރޭގައި އެކުލަވާލަން ޖެހޭ އުސޫލެއް ކަރެކްޝަނުން އާންމުކޮށްފައި ނެތުމަކީ، ގާނޫނުން ދައުވާލިބޭ މީހާއަށް ލިބެން އޮތް ލުޔެއް ލިބުމަށް ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ.

އޭނާ ކުށައް އިއުތިރާފްވެ ޝަރީއަތާއި ދައުލަތުގެ ވަސީލަތްތަކަކާއި ވަގުތުތަކެއް ސަލާމަތްކޮށްދީފައިވާ ކަން ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން މައްސަލަ ބެއްލެވި ގާޒީ ނިންމެވީ ހާލިދު، އެއް މަހަށް 24 ދުވަހަގެ މުއްދަތަކަށް ޖަލަށް ލުމާއި އެކު 137 ގަޑިއިރު މުޖުތަމައުުއަށް ހިދުމަތްކުރުމުގެ އަދަބެއް ކަނޑައެޅުމަށެވެ.

އެކަމަށް ހާއްސަ އުސޫލެއް ކަރެކްޝަނުން ހަދާފައި ނެތުމުން ގާޒީ ނިންމެވީ، އެ އިދާރާއަށް މިވަގުތު ގާތުން ބަލައި މޮނިޓާރ ކުރެވޭނެފަދަ މަސައްކަތެއް ހަވާލުކޮށް އެ މަސައްކަތް ހާލިދުއާ ހަވާލުކުރުމަށެވެ.

comment ކޮމެންޓް