އަލީ ވަހީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ނުގެންދަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް، މީގެ ކުރިން ކްރިމިނަލް ކޯޓަށް ހާޒިރު ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމި ނިންމުން ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ދައުވާ ފޯމް ބާތިލްކޮށްފައެވެ. ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ހައިކޯޓުން މައްސަލަ ބަލައިގަތުމަށްފަހު ދައުވާ ފޯމް ބާތިލްކޮށްފައިވަނީ، އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައެޅުމަށް ފަހުއެވެ.

ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެކަމާ ގުޅޭ ގޮތުން މިއަދު ވަނީ އަމުރެއް ނެރެފައެވެ.

މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާ ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދުއާއި ފަނޑިޔާރު މުހައްމަދު އިބްރާހިމް ސޮއި ކުރައްވައި ނެރުއްވި އަމުރުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އަލީ ވަހީދު ރާއްޖޭގައި ނެތި އޭނާގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށެވެ.

"އަދި ތިޔަ ކޯޓު (ކްރިމިނަލް) ބަލަމުން ގެންދާ އެ ނޫން މައްސަލައެއްގެ އަޑުއެހުމެއްވެސް ދައުވާ ލިބޭ ފަރާތް ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދިޔުމަށް އަންގަމެވެ،" ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރީ މިިޔަ އަހަރުގެ މެދު ތެރޭގައެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފެހެއްޓީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް އުފުލާފައިވަނިކޮށް އޭނާ އިނގިރޭސިވިލާތަށް ފުރާފައިވަނީ ކޯޓުގެ ހުއްދަ ލިބިގެން ބޭސްފަރުވާއަށެެވެ. ނަމަވެސް ބޭސްފަރުވާއަށް ދޫކުރި މުއްދަތު ހަމަވީ އިރު އަދިވެސް އަލީ ވަހީދު ރާއްޖެ އައިސްފައެެއް ނުވެއެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގައި ޕީޖީއިން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ގޮތަކަށް ޝަރީއަތް ކުރިއަށްދާ އިރު، ދައުވާ ލިބޭ ފަރާތުން ކޯޓުގެ ހުރުމަށް ކެނޑޭ ފަދަ އަމަލެއް ކުރި ނަމަވެސް ފިޔަވަޅު ނޭޅޭނެކަން ޕީޖީއިން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް