އެމްއެންޕީގެ ރައީސްކަން އޮޓޮމެޓިކުން ލިބުނީ ނާޒިމަށް

ޖުލައި 26، 2021: އަލަށް އުފެއްދުމަށް މަސައްކަތްކުރަމުންދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްކޮށް ހުންނަވައި އުފެއްދެވި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސްކަމުގެ މަގާމަށް ނާޒިމް އޮޓޮމެޓިކުން ހޮވިއްޖެއެވެ.

އެމްއެންޕީގެ މަގާމުތަކަށް މެމްބަރުން ހޮވުމަށް އޮތް އިންތިހާބުގައި އެ ޕާޓީގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ ނާޒިމް އެކަންޏެވެ. އެހެންކަމުން އިންތިހާބަކާ ނުލާ އޭނާއަށް އެ މަގާމު ވަނީ ލިބިފައެވެ.

މީގެ އިތުުުރުން އެ ޕާޓީއަށް ހަ ނައިބު ރައީސުން ހޮވާއިރު އޭގެ ތެރެއިން ހަތަރު މީހެއް އެ މަގާމަށް ހޮވިފައިވަނީ އިންތިހާބަކާ ނުލަައެވެ.

އެގޮތުން ނައިބު ރައީސުންގެ މަގާމަށް އިންތިހާބަކާ ނުލާ ހޮވިފައިވާ ހަތަރު މެމްބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ވިލިމާލެ ދާއިރާގެެ މެމްބަރު އަހްމަދު އުޝާމު ހިމެނެއެވެ.

އެމްއެންޕީ އުފެއްދުމަށް ބާއްވާ ޖަލްސާ އޮތީ އަންނަ ހުކުރު ދުވަހުގެ ރެއެވެ. އެ ޖަލްސާގައި އެ ޕާޓީގެ އިންޓެރިމް މެމްބަރުންގެ ގޮތުގައި ހަތް މެމްބަރުން ހޮވާނެއެވެ. އަދި ޕާޓީގެ ކައުންސިލަރުންގެ ގޮތުގައި 21 މީހުން ހޮވާނެއެވެ. އޭގެ ތެރެއިން ހަތް ގޮނޑިއަކީ އަންހެނުންނަށް ހާއްސަ ހަތް ގޮނޑިއެވެ.

comment ކޮމެންޓް