އަމީން ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަމީން ----

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކުރާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ހައްޔަރުގައި ބަހައްޓައިގެން އަމީނަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ފަށައިފައި ވަނިކޮށް އޭނާގެ ވަކީލުންގެ ފަރާތުން ވަނީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކޮށްފައެވެ. އެ މައްސަލަ ނިމުނީ އަމީނާ އެއްކޮޅަށެވެ. ހައި ކޯޓުން ނިންމީ ދައުވާތައް ބާތިލްކޮށް އަމީން ދޫކޮށްލުމަށެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ، ހައި ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށެވެ.

އެ ގޮތަށް ރައުޔު ނެރެ ދެއްވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ސުއޫދުގެ ރައުޔަށް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ ތާއިދު ކުރައްވާފައެވެ.

ހައި ކޯޓުން އަމީންގެ ހުކުމްތައް ބާތިލް ކުރީ ދައުވާ ކުރަން ކަނޑައެޅި މުއްދަތުގައި ދައުވާނުކުރުމުގެ ސަބަބުންނެވެ. ޖިނާއީ މައްސަލަތަކުގައި 30 ދުވަހުގެ ތެރޭގައި ދައުވާކުރަން ޖެހެއެވެ. ނަމަވެސް އަމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެއް މަސް ހަމަވި ފަހުންނެވެ. ދައުލަތުން ބުނެފައިވަނީ އަމީންގެ މައްޗަށް ދައުވާ އުފުލފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ލިބޭ 45 ދުވަސް ހަމަވުމުގެ ކުރިން ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޓެރަރިޒަމްގެ ތުހުމަތު ކުރާ މީހަކު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރި ނަމަވެސް، އެ މީހެއްގެ މައްޗަށް، ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން ދައުވާ ކުރެވޭނެ ކަމަށެވެ.

ހައި ކޯޓުން އަމީން ދޫކޮށްލުމަށްްފަހު ވަނީ އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައެވެ.

މޮނިކޮން އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާއަށް ރޭގަނޑު ހަޔަކުން ހެނދުނު ހަޔަކަށް ގެއިން ބޭރަށް ނުކުތުން މަނާވާނެއެވެ. އަދި އެ އަމުރުގައި ވާ ގޮތުން އޭނާއަށް ފުލުހުންގެ ހުއްދަނެތި މާލެއިން ބޭރަކަށް ނުދެވޭނެއެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވުނު އެކަކެވެ. މައްސަލައިގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފައެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފައެވެ. އޭނާއަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އަމީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ.

comment ކޮމެންޓް