ކޮވިޑް ކޭސްތަކެއް ފެނުމާއެކު އިތުރު ތިން ރަށެއް މިއަދު މޮނީޓަރިން ހާލަތަށް ގެނެސްފިއެވެ.
މިއަދު މޮނިޓަރިންް ހާލަތަށް ގެނައި ރަށްތަކަކީ ލ. ފޮނަދޫއާއި މ. ވޭވަށާއި ދ. މާއެނބޫދޫއެވެ.
މޮނީޓަރިން ހާލަތަށް ގެނައުމާ ގުޅިގެން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް "ސަން"އަށް ވިދާޅުވީ އެ ރަށުން ޕޮޒިޓިވް ވެފައިވަނީ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކާ ޑައިރެކްޓް ކޮންޓެކްޓްވި 10 މީހުން ކަމަށެވެ.
"މިހާރު ރަށުގައި ޖުމުލަ 14 ކޭސް. މީގެ ތެރެއިން 10 މީހުންނަކީ އެއާޕޯޓް މުވައްޒަފަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން. ހަތަރު މީހުންނަކީ ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުން. ހައި ރިސްކު މީހެއް ޕޮޒިޓިވް ވެފައެއް ނުވޭ." ރިޔާޒް ވިދާޅުވިއެވެ.
އެ ރަށުގައި ޖުމުލަ 99.8 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އޭގެ ތެރެއިން ދެ ޑޯޒު ފުރިހަމަ ކުރީ 92 އިންސައްތަ މީހުންނެވެ.
މ. ވޭވަށު ކައުންސިލްގެ ރައީސް މަމްދޫހް ވަހީދު ވިދާޅުވީ އެ ރަށުގައި ކޮވިޑް ފެތުރިގެން އުޅޭ ސަބަބެއް ނޭނގޭ ކަމަށާއި ޖުމުލަ ހަތް އެކްޓިވް ކޭސް ފެނިފައިވާ ކަމަށެވެ.
"ސީދާ ކޮވިޑް އައީ ކޮންތާކުން ކަމެއް ނޭނގޭ. ޕޮޒިޓިވް ކޭސް ފެނުނީ މީގެ ފަސް ދުވަސް ކުރިން. މިހާޜު ޖުމުލަ ހަތް އެކްޓިވް ކޭސް. މާދަމާ ވަރަށް ގިނަ ރޭންޑަމް ސާމްޕަލް ނަގާނެ." މަމްދޫހު ވިދާޅުވިއެވެ.
ވޭވަށަކީ މުޅި އާބާދީ ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށެއްގެ އިތުރުން ޕީސީއާރު ޓެސްޓު ނުހަދާ ދެވޭ ރަށްތަކުގެ ތެރޭގައި ވެސް ހިމެނޭ ރަށެކެވެ.
ދ. މާއެނބޫދޫ ކައުންސިލްގެ ރައީސް ޔޫސުފް ސައީދު ވިދާޅުވީ އެ ރަށުގައި ޖުމުލަ ހަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ބޮޑަށް ބެލެވެނީ މާލެއިން އައިސް އުޅޭ މީހެއްގެ ފަރާތުން ކޮވިޑް ފެތުރިގެން އުޅޭ ކަމަށެވެ.
"ޕޮޒިޓިވް ވީ ނިޔާމަ ރިސޯޓުން އައިސް އުޅޭ މީހެއް. އޭނާއަށް ކޮވިޑް ޖެހުނީ ނިޔާމަ ރިސޯޓުން ކަމަށް ގަބޫލެއް ނުކުރެވޭ. އޭނާ ހުންނަ ގެއަކީ މާލެއިން މީހުން އައިސް ހުންނަ ގެއަކަށް ވުމުން ބޮޑަށް ލަފާ ކުރެވެނީ އޭގެ ތެރެއިން ކަމަށް އޭނައަށް ކޮވިޑް ޖެހުނީ." ޔޫސުފް ވިދާޅުވިއެވެ.
މާއެނބޫދޫގަައި ވެކްސިން ޖެހޭ އާބާދީގެ 95 އިންސައްތައަށް ވުރެ ގިނަ މީހުން ވެކްސިންގެ ދެ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަކޮށްފައިވ ކަމަށް ޔޫސުފް ވިދާޅުވިއެވެ.
މާއެނބޫދޫ އަކީ ޕީސީއާރު ޓެސްޓާއި ނުލައި ދަތުރު ކުރެވޭ ރަށްތަކުގެ ތެރޭގައި މީގެ ކުރިން ހިމަނާފައިވާ ރަށެކެވެ. މިއީ މާއެނބޫދޫ މޮނިޓަރިންގެ ހާލަތަށް ގެނައި ދެވަނަ ފަހަރެވެ.