ކަރިޝްމާ ޕާޓީގެ ނަން "އިހުލާސްތެރި ޕާޓީ"އަށް ބަދަލު ކުރުމުން ޕާޓީ އުފެއްދުމުގެ ހުއްދަ ދީފި

އިހުލާސްތެރި ޕާޓީ އުފައްދަން ފޯމު ހުށަހަޅަނީ-- ފޮޓޯ/އީސީ

"އިހުލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދީފިއެވެ.

މީގެ ކުރިން މި ޕާޓީ ހަދަން ހުށަހަޅާފައިވަނީ "ކަރިޝްމާ ޕާޓީ"ގެ ނަމުގައެވެ. ނަމަވެސް އެއީ ހިންދީ ނަމަކަށް ވުމުން އެ ނަމުގައި ޕާޓީ އުފައްދަން އީސީއިން ހުއްދަ ނުދިނެވެ.

މި ޕާޓީ އުފެއްދުމަށް އެެދި ހުށަހަޅައިފައިވަނީ މ.ކެލަން، މުހައްމަދު އިސްމާއިލްއެވެ.

ކަރިޝްމާ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް 2019 ވަނަ އަހަރު ވެސް ހުށަހަޅައިފައިވެއެވެ. ނަމަވެސް ފަހުން މުހައްމަދު އިސްމާއިލް ވަނީ އެ ހުށަހެޅުން އަނބުރާ ގެންގޮސްފައެވެ.

މީގެ އިތުރުން ވެސް އީސީއިން ވަނީ މި ފަހުން ދެ ޕާޓީއެއް ހެދުމަށް ހުއްދަ ދީފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު, ކާނަލް (ރޓޑ.) މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި އަބްދުﷲ ކަމާލުއްދީން އިސްވެ ހުންނަވައި އުފައްދަވާ ނޭޝަނަލް ސޮލިޑައިރިޓީ ޕާޓީ (އެންއެސްޕީ)އެވެ.

އޭގެ ތެރެއިން 5000 އަށް ވުރެ ގިނަ ސޮޔާއެކު އެމްއެންޕީ ރެޖިސްޓްރީ ކުރުމަށް މިހާރު އީސީއަށް ވަނީ ހުށަހަޅައިފައެވެ.

ރާއްޖޭގެ މައި ޕާޓީތަކަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލާޔަންސް (އެމްޑީއޭ)އެވެ.

comment ކޮމެންޓް