ޖާބިރަށް ހަމަލާ ދިން ކަމަށް ބުނާ މީހުން ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަންނަވަނީ--

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަތުމުން ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން، އޭނާއަށް ހަމަލާ ދިނުމާ ގުޅިގެން އެ ރޭ އޭނާ ވަނީ ފުލުހުންގެ ހިމާޔަތަށް ގެންގޮސްފައެވެ.

އެ މައްސަލައާ ގުޅިގެން އޭގެ ޖެހިގެން އައި ދުވަހު ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ ދެ މީހުންގެ ބަންދަށް ޖެހި ހަތް ދުވަހުގެ މުއްދަތު ހަމަވުމުން ދެ މީހުން ވެސް ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

އެ ހާދިސާ އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ޖާބިރު ވަނީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިއެސްގެ މެންބަރުން މަތިވެރީގައި އުޅޭ ކަމަށާއި އެ ރަށަށް ދިއުން ރަނގަޅު ނޫން ކަމަށް ބުނެފައެވެ.

ހަމަލާ ދިން މައްސަލައިގައި ޖާބިރު ވަނީ އެމްއެންޑީއެފްގެ ސެކިއުރިޓީ ފޯރުކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުން މެމްބަރުންނަށް ދޭ ސިފައިންގެ ސެކިއުރިޓީގެ ހިދުމަތަކީ މެމްބަރުން އެ ކަމަށް އެދިވަޑައިގަތުމުން ދޭ ހިދުމަތެކެވެ. މަޖިލީހުން އެމްއެންޑީއެފަށް އެކަން އެންގުމުން މެމްބަރާ ގުޅުއްވުމަށްފަހު ދެ ފަރާތުގެ މަޝްވަރާއާއެކު ސެކިއުރިޓީގެ ކަންކަން ހަމަޖައްސައިދެވެ.

comment ކޮމެންޓް