ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ ހަނގުރާމައިގައި ކޮރެއާއިން އަބަދުވެސް އެހީ ވާނަން: ސަފީރު

ދެކުނު ކޮރެއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖިއޮންގް ވޫންޖިން--

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ދެކުނު ކޮރެއާގެ އެހީތެރިކަން އަބަދު ވެސް ލިބޭނެ ކަމަށް ދެކުނު ކޮރެއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖިއޮންގް ވޫންޖިން ވިދާޅުވެއްޖެއެވެ.

ކޮރެއާގެ ނެޝަނަލް ފައުންޑޭޝަން ދުވަހާ ގުޅިގެން ދެއްވި ހިތޯބުގައި ސަފީރު ވިދާޅުވީ ކުރިން ކޮރެއާއަކީ ވެސް އެހެން ގައުމުތަކުގެ އެހީގައި ދިރިއުޅެމުން އައި ގައުމެއް ކަމަށްވީ ނަމަވެސް މިއަދު އެ ގައުމަކީ އެހީތެރިކަން ބޭނުންވާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމުގެ ކުޅަދާނަ ކަން ލިބިފައިވާ އަދި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެއް ކަމަށެވެ.

މިއީ ކޮރެއާގެ ކުރިއެރުމަށް އެކިއެކި ގައުމުތަކުން ވެދިން އެހީތެރިކަމުގެ ނަތީޖާކަން ފާހަގަކުރައްވާ ސަފީރު ވަނީ ރާއްޖެ ހިމެނޭހެން ކޮރެއާ އިގްތިސޯދީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ކުރި އަރުވަން މަސައްކަތްކުރި ގައުމުތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް ބަލިމަޑުކަމަށް އިޝާރާތްކުރައްވައި ސަފީރު ވިދާޅުވީ އެއްވެސް ގައުމަކަށް އެހެން ގައުމެއްގެ އެހީތެރިކަމަކާ ނުލާ މި ބަލިމަޑުކަމުން އަރައިގަތުމަކީ އުނދަގޫކަމެއް ކަމަށެވެ.

ސަފީރު ވިދާޅުވީ މީގެ ކުރިން ވެސް ކޮރެއާއިން ރާއްޖެއަށް ކޮވިޑް ޓެސްޓު ކިޓު ހަދިޔާކޮށްފައިވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް ވެދެވެން އޮތް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

މީގެ އިތުރުން ބަލިމަޑުކަމުގައި ވެސް ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދައިފައިވާ ކުރިއެރުންތައް ސަފީރު ފާހަގަކުރެއްވިއެވެ. ސަފީރު ވިދާޅުވީ ރާއްޖެއަކީ މިހާރު ވެސް ކޮރެއާގެ ގިނަ ރައްޔިތުންގެ މަންޒިލެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ދެ ގައުމަށް ފައިދާވާނެހެން ދިވެހި ފަތުރުވެރިން ކޮރެއާއަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޖިއޮންގް ވޫންޖިން ދެކުނު ކޮރެއާގެ ސަފީރުކަމަށް އައްޔަންކޮށްފައިވަނީ މި އަހަރުގެ އޮގަސްޓު މަހުގެ 15 ދުވަހުއެވެ.

comment ކޮމެންޓް