ހިޔާ ފްލެޓުތައް ކައިރީ އިންދަން ހުޅުމާލެއިން ރުއް ނަގަނީ

ހުލުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ބައެއް ރުއްތައް ނަގައިގެން ދެވަނަ ފިޔަަވައްސަށް ގެންގޮސް އިންދާފައި -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިންދާފައި ހުރި ބައެއް ގަސް ނެގުމަށްފަހު ދެވަނަ ފިޔަވައްސަށް ގެންދަން ފަށައިފިއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ހުޅުމާލޭ މަގުތަކުގައި، ދުވާރު ކައިރީގައި ބިޔަކޮށް ހެދިފައި ހުންނަ ގަސްތައް އެ ކުންފުނިން ވަކި ގައިޑްލައިނެއްގެ ދަށުން މީގެ ކުރިން ވެސް ނެގުމަށްފަހު، އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އެޗްޑީސީއިން އޮންނާނެ ފޭސް އެކެއްގެ މަގުގެ އެއް ފަރާތުގައި ގަސް އިންދުމާ ގުޅޭ ގައިޑްލައިންއެއް އާންމުކޮށްފައި. އެގޮތަށް އިންދާފައި ހުންނަ ގަސްތަކުގެ މޫ ފައިބައިގެން މަގު ހަލާކުވުން ކަހަލަ ކަންކަން ދިމާވީމަ ގަސް ނަގާ ގޮތަށް،" އޮފިޝަލް ވިދާޅުވިއެވެ.

ހުލުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ބައެއް ރުއްތައް ނަގައިގެން ދެވަނަ ފިޔަަވައްސަށް ގެންގޮސް އިންދާފައި -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

އެގޮތަށް ނަގާ ގަސް އަލުން އިންދަނީ އެއްވަނަ ފިޔަވަހީގައި ހުންނަ ސެންޓްރަލް ޕާކު ސަރަހައްދާއި ދެވަނަ ފިޔަވަހީގައެވެ.

އޮފިޝަލް ވިދާޅުވީ ދެވަނަ ފިޔަވަހީގައި ގަސް އިންދަމުންދަނީ ހިޔާ ފްލެޓު ސަރަހައްދާއި ބީޗު ސަރަހައްދުގައި ކަމަށެވެ.

އެޗްޑީސީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ދެވަނަ ފިޔަވަހީގެ ގޮނޑުދޮށުގައި ރުއް އިންދާފައިވެއެވެ.

މީގެ އިތުރުން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށް، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ޑިސެމްބަރު 2019ގައި ބައިވެރިވެވަޑައިގެންނެވި ހަރަކާތެއްގައި ދެވަނަ ފިޔަވަހީގައި 1000 ގަސް އިންދާފައިވެއެވެ.

ހިޔާ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލު ކުރުމާ އެކު މިދިޔަ މަހު ބައެއް އާއިލާތަކުން ވަނީ އެ ފްލެޓުތަކުގައި ދިރިއުޅެން ފަށާފައެވެ. އަދި އެ ހުރިހާ ފްލެޓުތަކަށް މިހާރު ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވާ އިރު ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް އިއްޔެ ވަނީ ތައާރަފްކޮށްފައެވެ.

comment ކޮމެންޓް