ނަވާރަސަތޭކަ ފަސްދޮޅަސް ތިންވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެލެއްވި ބ. ތުޅާދޫއަށް ނިސްބަތްވާ ހަސަން މުހައްމަދު ތައުލީމު ހާސިލް ކުރެއްވީ އޭރުގެ އެންމެ ކާމިޔާބު އެއް ސްކޫލް ކަމުގައިވާ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލު (އީޕީއެސް) އިންނެވެ.
އީޕީއެސް ގައި ގްރޭޑް ދިހައެއް ނިންމެވިއިރު، އެ ސްކޫލްގެ އެންމެ ހަކަރާތްތެރި، އެންމެ ތޫނުފިލި ދަރިވަރެއްގެ ގޮތުގައި ޓީޗަރުންނަށް ފާހަގަ ކުރެވުނު އެއް ދަރިވަކީ ވެސް ހަސަން މުހައްމަދުއެވެ.
އީޕީއެސް ސުކޫލުން ތައުލީމު ހާސިލު ކުރެއްވި ދުވަސްވަރު، ސްކޫލްގައި ބާއްވާ ހުރިހާ ހަރަކާތްތަކެއްގައި ވެސް ހަސަންގެ ދައުރު ބޮޑެވެ. ޕްރިފެކްޓަރެއްގެ ގޮތުގައި ހުންނަވައިގެން ސްކޫލުގައި ބާއްވާ އިންޓަރ ސްކޫލް ކުޅިވަރު މުބާރާތް ތަކާއި، އެކިއެކި އަދަބީ ހަރަކާތްތަކުގައި ބައިވެރިވެ، ސްކޫލަށް ނަމޫނާ ދެއްކެވިއެވެ.
ރާއްޖެއިން ބޭރުން ތައުލީމް ހާސިލް ކުރައްވަން ވަޑައިގެން މެލޭސިޔާގެ ޔުނިވަރސިޓީ އޮފް ޕްރަތާނަމް ގައި ކިޔަވައިނުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވެއެވެ.
"ދިހަ އަހަރު ފުރިހަމަ ކުރީ އީޕީއެސް ސްކޫލުގަ. ސްކޫލްގަ ކިޔެވިއިރު ހުރިހާ ހަރަކާތްތަކެއްގަ ވެސް އަޅުގަނޑު އުޅުނިން. ސްކޫލްގެ ޕްރިފެކްޓަރު ކަމުގައިހުރެ، ވަރަށް ހަރަކާތްތެރިކޮށް ސްކޫލުގަ އުޅެވުނު. ސްކޫލްގަ އުޅުނުއިރު ހުރިހާ ކުޅިވަރެއް ވެސް ކުޅެން. ވާހަކަ ދެއްކުމުގެ މުބާރާތްތަކުގަ ބައިވެރިވަން. އެކަމަކު އިންޓަރސްކޫލް އަޅުގަނޑު ކުޅުނީ ކްރިކެޓް،" މަދަރުސީ ހަޔާތް ކުރު ގޮތަކަށް ސިފަ ކޮށްދެއްވަމުން ހަސަން ވިދާޅުވެ ދެއްވިއެވެ.
ބޮޑުފުޅުވީ ތަރުތީބު މަގުން ތަރުބިއްޔަތު ވެގެން!
ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ ފުރަތަމަ މަރުހަލާ ފެށިގެން އަންނަނީ މައިންބަފައިންގެ އުނގު ތެރެއިންނެވެ. ހަރުދަނާ ދެމަފިރިއެއްގެ މެދުން މެނުވީ ހެޔޮލަފާ ދަރިއަކު ނާންނާނެއެވެ.
ދަރިން ތަރުބިޔަތު ކުރުމަށް ޓަކައި މައިންބަފައިން ކުރާ މަސައްކަތުގެ އެންމެ ފޮނި ނަތީޖާއެއް ފެންނާނީ މައިންބަފައިން ދަރީންނަށް ރިވެތި ނަމޫނާއަކަށް ވެގެން ކަމާމެދަކު އެއްވެސް ޝައްކެއް ނުހިނގައެވެ.
"ގޭތެރޭގަ އޮންނާނެ ވަކި އުސޫލު ތަކެއް. ނަމާދުކުރާ އެއްޗެހި އެނގޭތޯ ގޭތެރެއިން ބަރާބަރަށް ބަލަމުން ދާނެ. ނަމާދު ކުރުވާނެ. އޭރުގަ އޮންނަ ގޮތުން މިސާލަކަށް ނަމާދު ނުކޮށްފިނަ ކާކަށް ނުލިބޭނެ. ނަމާދު ކުރީމަ ކާން ލިބޭނީ. އަޅުގަނޑުމެން ގޭގަ އޮންނަ އާދައެއް ހުރިހާ ކުދިން ވެސް ނަމާދު ކުރުމަކީ. މައިންބަފައިން ވެސް ބަރާބަރަށް ނަމާދު ކުރާނެ. ތަރުބިއްޔަތުގެ ވަރަށް މުހިއްމު ރޯލެއް އަދާކުރި ބައިންބަފައިން. ތިމާގެ މީހުން. އެއްބަނޑުއެއްބަފާ މީހުން،" ހަސަން ވިދާޅުވިއެވެ.
މައިންބަފައިން ދޭ ނަސޭހަތާއި އިރުޝާދުގެ އަސަރު ދަރިންނަށް ކުރާނީ އެންމެ ފުރަތަމަ މައިންބަފައިން އެކަންތައް ތަންފީޒު ކޮށްގެންނެވެ. ކުދިންނަށް މަނާކުރާ ކަންތައްތަކުން މައިންބަފައިން ދުރުހެލިވެ، ތިބެވިގެންނެވެ.
ހަސަން މުހައްމަދު ބޮޑުފުޅުވީ، މި ދެންނެވި ފަދަ އިސްލާމީ ރިވެތި ތަރުބިއްޔަތުގެ، ގުލްޒާރުގައި ފޮޅޭ މާމެލާމެލިން ދުވާ މީރުވަހުން ހިތުގައި ހުވަނދު ލެވިގެންނެވެ.
ދަރިންގެ ތަރުބިއްޔަތުގައި ވެސް ބޭނުން ކުރެއްވީ ތަފާތު އުކުޅެއް!
ތުއްތު ދަރިފުޅު ހެދިބޮޑުވެގެން އަންނަ ދުވަސްވަރަކީ އެ ކުއްޖާއަށް މައިބަފައިންގެ ލޯތްބާއި އަޅާލުން އެންމެ މުހިއްމުވާނެ ދުވަސްވަރެވެ. އެ ދަރިފުޅަކީ ކިޔަވައިގެން ނުކުންނަ، މުޖުތަމައުއަށް ބޭނުންހިފޭ، ދީންވެރި ދަރިއަކަށް ހެދުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައި އޮންނާނޭ އެންމެ ބޮޑު ޒިންމާއެވެ.
ހަސަން މުހައްމަދު ވަނީ ދަރިން ތަރުބިއްޔަތު ކުރެއްވުމުގައި ވެސް އެހެން ބައްޕައިންނަށް މިސާލު ދައްކަވާފައެވެ. ހަސަނަކީ ބުރަކޮށް މަސައްކަތު އުޅުއްވަމުން ވެސް އާއިލާއަށް ވީވަރަކުން ވަގުތު ހުސްކުރައްވާ އޯގާތެރި، ޒިންމާދާރު ބައްޕަ އެކެވެ.
ހަސަން ވިދާޅުވާގޮތުން ނަމަ މަސައްކުރައްވާ ދާއިރާ އާއި އުފުލަން ޖެހިފައިވާ ޒިންމާގެ ބޮޑުކަމުން ގިނަ ވަގުތު ހޭދަ ކުރައްވަން ޖެހެނީ ސުކޫލުގައެވެ.
"އަޅުގަނޑަށް ގޭތެރޭގަ މަޑުކުރާނެ ވަގުތު ވަރަށް ނުލިބެ. ނަމަވެސް ކުދިންނާ އެކީގަ އެ ހޭދަ ކުރެވޭ ވަގުތަކީ ވަރަށް ކޮލިޓީ ވަގުތު ކޮޅަކަށް ހެދޭތޯ ބަލަން. އަޅުގަނޑަކަށް ހުކުރެއް ހޮނިހިރެއް ނޯންނާނެ. ކޮންމެ ދުވަހަކު ވެސް އެއްގަޑިއަކަށް ހޭލަން ޖެހޭނެ. ހުސްވަގުތެއް ލިބިއްޖެނަމަ ކުދިންނާއެކު ވަގުތު ހޭދަކުރެވޭތޯ ބަލަން،" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރަނީ އެނާގެ އިރުޝާދުގެ ދަށުން ކުދިންގެ މަންމަ ކަމަށެވެ.
"އަޅުގަނޑަށްވުރެ ބޮޑަށް ކުދިންގެ ތަރުބިއްޔަތުގެ ބޮޑު ރޯލެއް ކުޅެނީ އަނބިމީހާ. އެއީ އޭނާ ބޭނުންވި ގޮތް. ދެމީހުން ވާހަކަ ދައްކާފަ އޭނާ ބޭނުންވީ އޮފީހުން ވެސް ކެނޑިގެން ދަރިން ކައިރީ ހުންނަން. ކުދިން ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގަ އޭނާ ދެކުނީ. އަޅުގަނޑުގެ ތިން ދަރިން ވެސް އޯލެވެލް ނިންމިއިރު ނަތީޖާ ވެސް ވަރަށް ރަނގަޅު،" ހަސަން ވިދާޅުވިއެވެ.
ދުވާލާއި ރޭގަނޑުގެ ގިނަ ވަގުތު ސްކޫލްގައި ހޭދަ ކުރައްވަމުން ވެސް ދަރިންނަށް ތައުލީމު ދިނުމާއި ހެޔޮގޮތުގައި އެކުދިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ އަދާކުރެއްވީ ވަރަށް ހިކުމަތްތެރި ކަމާއެކުގައެވެ. ނަތީއަކަށްވީ ހަސަންގެ ތިން ދަރިންނަކީ ވެސް ކިޔަވައިގެން ތިބި އަހްލާގް ރަނގަޅު އަދި ހެޔޮލަފާ ކުދިންނަށް ވުމެވެ.
އަމަލީ ތަޖުރިބާ ހާސިލު ކުރައްވަން ގިނަ ދަތުރުތަކެއް ކުރެއްވި!
ތައުލީމީ ދާއިރާއިން ކިޔެވުމުގެ އިތުރުން ހަސަން އަކީ ދާއިރާއާއި ގުޅުންހުރި ގިނަ ތަޖުރިބާ ތަކެއް ހާސިލް ކުރައްވައިގެން ހުންނެވި ވަރަށް ގާބިލް ބޭފުޅެކެވެ.
ރާޢްޖެއިން ބޭރުން ތައުލީމު ހާސިލް ކުރެއްވުމަށްފަހު، ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އަތޮޅުތެރޭ ސްކޫލްތަކުގައެވެ.
"ކިޔަވާ ނިންމާފަ ރާއްޖެ އައިގޮތަށް ދިޔައީ ބޮންޑަށް އަތޮޅު ތެރެއަށް. އަތޮޅުތެރޭގަ މަސައްކަތް ކުރިން ފަސް އަހަރު. އޭރު އަޅުގަނޑުގެ ޒިންމާ އޮންނަނީ ސްކޫލް ހިންގަން ހަވާލުވެގެން ހުންނަ މީހެއް އިތުރުން ބައެއް މާއްދާތައް ކިޔަވައިދޭން ވެސް ޖެހޭނެ،" އެގޮތުން އެ ފަސް އަހަރު ހޭދަކުރީ ކިޔަވައިދިނުމުގަ،" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ހުރިހާ ވައްތަރެއް ވެސް އޭނާއަށް ތަޖުރިބާ ކުރެވިއްޖެ ކަމަށެވެ.
"ވަރަށް ކުދިކުދި ސްކޫލްގަ ވެސް މަސައްކަތް ކުރިން. ވަރަށް ބޮޑެތި ސްކޫލްގަ ވެސް މަސައްކަތް ކުރިން. ރާއްޖޭގެ ތައުލީމީ ދާއިރާގެ ހުރިހާ ވައްތަރެއް އަޅުގަނޑަށް ތަޖުރިބާ ކުރެވިއްޖެ. ކިޔަވައިދިނުން އެއީ އަބަދު ވެސް ލޯބިކުރާ ކަމެއް. އެގޮތަށް ތައުލީމީ ދާއިރާގެ މަސައްކަތް ފެށުނީ،" ހަސަން ވިދާޅުވިއެވެ.
ރާއްޖެއިން ބޭރަށް ހަސަން ކުރެއްވި ދަތުރު ތަކުގައި ސްރީލަންކާ، އިންޑިއާ، ތައިލެންޑް، ސިންގަޕޯރު، މެލޭސިޔާ، ޑުބާއީ، ބަނގްލަދޭޝް އަދި ޖަޕާންގެ އިތުރުން ޔޫކޭއަށް ވަޑައިގެން އެ ގައުމު ތަކުގެ ސްކޫލްތައް ހިންގާ ގޮތާއި ކިޔަވައިދިނުމުގައި ބޭނުންކުރާ ވައްޓަފާޅި، ބައްލަވާ، ދަސް ކުރެއްވިއެވެ.
ޖޭ އެސް: ސޯޅަ އަހަރުގެ ކާމިޔާބީގައި ހަސަންގެ ހިއްސާ ބޮޑު!
ޖަމާލުއްދީން ސްކޫލަކީ މާލޭގައި ހުޅުވި ދެވަނަ ޕްރައިމަރީ ސްކޫލެވެ. ރާއްޖޭގައި މިހާރު އެންމެ ޑިމާންޑު ބޮޑު ސްކޫލަކީ ވެސް އެ ސްކޫލެވެ.
ޖަމާލުއްދީން ސްކޫލުގެ ތާރީހަށް ދުރުމި ހިންގާލާއިރު އެ ސްކޫލަކީ ގިނަ ކާމިޔާބީ ތަކެއް ހާސިލު ކޮށްފައިވާ ވަރަށް ފަހުރުވެރި، ތާރީހެއް އޮތް ތަނެކެވެ. އަޅުގަނޑުމެން މިއަދު މި ދެކޭ ތަރައްގީ ހާސިލުކުރުމަށް ޓަކައި، ތައުލީމީ އެތައް ދަރިންނެއް އުފައްދާފައިވާ ތަނެކެވެ.
ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އަމާޒު ކޮށްގެން، މަދަރުސީ ތައުލީމު ދިނުމަށް ޓަކައި، އެންމެ ފުރަތަމަ އެ މަސައްކަތް ކުރެވިގެންދިޔަ ސްކޫލަކީ ވެސް ޖަމާލުއްދީނެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު ޖަމާލުއްދީންގެ ނަމުން ނަން ދީފައިވާ ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ކަމާ ހަސަން މުހައްމަދު ހަވާލުވެވަޑައިގަތީ ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯއްދެވި، އިލްމާއި ތަޖުރިބާތައް ބޮނޑި ކުރައްވައިގެންނެވެ
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެފަދަ މީހުންނަށް ތައުލީމު ތައުލީމް ފޯރުކޮށްދިނުމުގެ ރޮނގުން މިދިޔަ އަހަރު ގައުމީ އިނާމް ވެސް ހާސިލް ކުރައްވައިގެން ހުންނެވި ހަސަން ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާގައި ހޭދަ ކުރެއްވި 31 އަހަރު ތެރެއިން 16 އަހަރު އޭނާ މަސައްކަތް ކުރެއްވީ ޖަމާލުއްދީން ސްކޫލުގައެވެ.
ހަސަން ވިދާޅުވީ އެ ސްކޫލްގައި މަސައްކަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ސްކޫލުގައި ތިބި މަންމަން ކުދިންނަށް، އޯލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދައިދެވުމުން ކަމަށެވެ.
"އަޅުގަނޑު އެންމެ ހިތްހަމަ ޖެހެނީ މަންމަން ކުދިންނަށް އޯލެވެލްގަ ރަނގަޅު ނަތީޖާއެއް ހޯދައިދެވުމުން. އަޅުގަނޑު ބަލަނީ އެއީ ވަރަށްބޮޑު ކާމިޔާބެއް ކަމަށް. އޭރު އެކުދިން ގްރޭޑް ހަތެއް ނިންމާފަ ގެއަށް ދާނީ. ނަމަވެސް އަޅުގަނޑުމެން ނިންމީ އެކުދިންނަށް ސެކަންޑްރީ ތައުލީމް ދިނުމަށް،" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ޓީޗަރުންނާއި ގުޅިގެން ކުރެވުނު ބުރަ މަސައްކަތުން ފުރަތަމަ އަހަރު ވެސް އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ތިން ކުއްޖަކު ފާސްވި ކަމަށެވެ.
"އެކުދިންނަށް ސެކަންޑްރީ ތައުލީމް ދިނުމަށް ނިންމާފަ ސެކަންޑަރީ ޓީޗަރުން ކްލާހަށް ފޮނުވައިގެން ޓްރާންސްލޭޓް ކޮށްދިނީ އެ ކިޔަވާ އެއްޗެއް. ދެން އެކުދިންނަށް ހަތަރު އަހަރުގެ ކަރުކިލަމްއެއް ހަދައިގެން ފުރަތަމަ އަހަރު ވެސް އޯލެވެލް އިމްތިހާނުގަ ފަސް މާއްދާއިން ގާތްގަނޑަކަށް ތިން ކުދިން ފާސްވި. އެކުދިންނަށް ދޭ އިމްތިހާން އެހެން ކުދިންނާ ވަކި ތަފާތެއް ނުވާނެ. ވަރަށް ބޮޑު އަދި ބުރަ މަސައްކަތުން އެ ހިސާބަށް ދެވުނީ،" ހަސަން ވިދާޅުވިއެވެ.
ޖޭ އެސްގައި ކިޔަވާ، މަންމަން ކުދިންގެ ތެރެއިން މިހާތަނަށް އޯލެވެލް ނިންމި ކުދިންގެ އަދަދަކީ 13 އެވެ. ޖޭ އެސްގައި މިވަގުތު ކިޔަވަމުން އަންނަނީ 24 ކުދިންނެވެ.
ހަސަން ވިދާޅުވީ ފާއިތުވީ 16 އަހަރު ތެރޭގައި ޖޭ އެސް ހޯދައިވާ ކާމިޔާބީގެ ފަހަތުގައި ތިބީ އެކުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ.
"ހުރިހާ ވެސް ކާމިޔާބަކީ އެކުގަ މަސައްކަތްކުރާ މުވައްޒަފުންގެ ފުރިހަމަ ސަޕޯޓް. އެބޭފުޅުން ވަރަށް ރަނގަޅު. ވަރަށް ސަޕޯޓިވް. އަދި ހަމަ އެއާއެކު ޕޭރެންޓުންގެ އެހީތެރިކަން ވެސް ވަރަށް ލިބޭ. ޖަމާލުއްދީން ޕޭރެންޓުންނަކީ ވަރަށް އެކްޓިވް ބޭފުޅުން. ވަރަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ. ސްކޫލަށް ދެރައެއް ލިބޭކަށް ބެލެނިވެރިން ނޭދޭނެ،" ހަސަން ވިދާޅުވިއެވެ.
ހަސަން އަކީ އުސޫލު ތަކެއްގައި ހިފަހައްޓަވާ، ވަރަށް ތަރުތީބު ބޭފުޅެކެވެ. ގަޑިން ގަޑިއަށް ފަރިއްކުޅުއްވުމާއި ވަކި ގަޑިއަކަށް އަވަހާރަފުޅުލެއްޕެވުމާއި ވަކި ގަޑިއަކަށް ހޭފުޅުލެއްވުމާއި، ބަރާބަރަށް ކަސްރަތު ކުރެއްވުމަކީ ވަރަށް ވަރުވާ ބަހައްޓަވައިގެން ހަސަން ކުރައްވާ ކަމެކެވެ.