ބްރަސަލްސް (އޮކްޓޯބަރު 2): އިސްލާމީ ޝަރީއަތާ އެއްގޮތަށް (ހަލާލުކޮށް) ގެރިބަކައްޓާއި ކުޅުފަދަ އެއްގަމު ޖަނަވާރު ކަތިލުން ބެލްޖިއަމްގެ ސަރުކާރުން މަނާކުރުމުން އެމައްސަލަ ޔޫރަޕިއަން ކޯޓަށް ހުށަހަޅަން ތައްޔާރުވަމުން ދާކަމަށް ބެލްޖިއަމްގެ މުސްލިމުންގެ ޖަމްއިއްޔާތަކުން ބުނެފިއެވެ.
ބެލްޖިއަމްގެ މުސްލިމުންގެ ޖަމްއިއްޔާތައް ބުނާގޮތުން ހަލާލުގޮތުގައި ޖަނަވާރު ކަތިލުން ބެލްޖިއަމް ސަރުކާރުން މަނާކުރުމަކީ ޔޫރަޕްގެ އިއްތިޙާދުގެ އިންސާނީ ހައްގުތަކާބެހޭ މިންގަނޑުތަކާ ޚިލާފު ކަމެކެވެ. ބެލްޖިއަމްގެ ޖުޑިޝަރީންވެސްވަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް (ހަލާލުކޮށް) ޖަނަވާރުކަތިލުން މަނާކުރުމަށް އެގައުމުގެ ސަރުކާރުން މަނާކުރި ކުރުމަށް ތާއީދުކޮށްފައެވެ.
ބެލްޖިއަމްގެ ސަރުކާރުން މުސްލިމުންނަށް އަމާޒުކޮށްގެން އެޅި މިފިޔަވަޅަކީ އެގައުމުން ޕްރޮމޯޓްކުރާ ދީނީ މިނިވަންކަމާއި އަދި އެހެން ދިންތަކުގެ މީހުންގެ ހައްގުތަށް ހިމާޔަތް ކުރުމުގެ މިންގަނޑުތަކާ އަދި އެކަމާބެހޭ ގާނޫނުތަކާވެސް ޚިލާފު ކަމެއްކަމަށް ބެލްޖިއަމްގެ މުސްލިމުންގެ ޖަމްއިއްޔާތައް ވިލަރެސްކުރާ ކައުންސިލުންނާއި ބެލްޖިއަމްގެ މުސްލިމުންގެ ތަންފީޒީ އޮފީހުން ނެރުނު ގުޅިފައިވާ ބަޔާން ބުނެއެވެ.
މިބަޔާން ބުނާގޮތުން ބެލްޖިއަމްގެ މުސްލިމުން އިސްލާމީ ޝަރީއަތާ އެއްގޮތަށް ޖަނަވަރު ކަތިލަނީ އެތަކެއްޗަށް ވޭން އެންމެކުޑަވާގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޖަނަވާރު ކަތިލާއިރު ޖަނަވާރަށް އޯގާތެރިވުމާއި ކާބޯތަކެތީގެ ރައްކާތެރިކަމާ އަދި އާންމު ސިއްހަތަށް އިސްކަންދީ އެކަންކަމަށް ވަރަށް ބޮޑަށް ރިއާޔަތްކުރާކަން މިބަޔާނުގައި ހާމަކޮށްފައިވެއެވެ.

ބެލްޖިއަމްގެ މުސްލިމް ޒުވާނުން
މުސްލިމުންނާ ޚިލާފަށް ޣައިރު މުސްލިމުން ކެއުމަށް ބެލްޖިއަމްގައި ޖަނަވާރު މަރަނީ ކަރަންޓް ޝޮކް ދީގެންކަމަށާ އެކަމުން ޖަނަވާރު ތަހައްމަލްކުރަންޖެހޭ ވޭން ބޮޑުވެ އެ ޖަނަވާރުތަކުގެ މަހަށް ލިބޭ ސިއްޙީ ގެއްލުންތައްވެސް ބޮޑުކަން ދިރާސާތަކުން ހަމަވެފައިވާކަމަށް ބެލްޖިއަމްގެ މުސްލިމް ޖަމްއިއްޔާތަކުން ނެރުނު ބަޔާން ބުނެއެވެ.
އިސްލާމީ ޝަރީއަތާ އެއްގޮތަށް ޖަނަވާރު ކަތިލުން ބެލްޖިއަމްގައި މަނާކުރީ 2019 ވަނައަހަރު ޖަނަވަރު ހިމާޔަތް ކުރުމާއި ޖަނަވާރަށް އަނިޔާކުރުން މަނާކުރުމުގެ ނަމުގައި ޖަނަވާރުތައް ހިމާޔަތްކުރުމުގެ ނަމުގައި މަސައްކަތްކުރާ ބެލްޖިއަމްގެ ޖަމްއިއްޔާތަކުން ބާރުއަޅައިގެން ފާސްކުރި ގާނޫނެއްގެ ދަށުންނެވެ.
މިއަހަރުގެ މެދެއްހާ ހިސާބުން ފެށިގެން މިގާނޫނު އެންމެ ފުރަތަމަ ތަންފީޒުކުރަން ފަށާފައިވަނީ ބެލްޖިއަމްގައި ލާމަރުކަޒީގޮތުން ބޮޑެތި ބާރުތަކެއް ދީފައި އޮންނަ ދެ ސަރަހައްދެއްގައެވެ. އެދެ ސަރަހައްދަކީ އެގައުމުގެ ދެކުނުގައި އޮންނަ "ވަލޫނިއާ" ސަރަހައްދާއި އުތުރުގައި އޮންނަ "ވްލާންދާޒް" ސަރަހައްދެވެ.
ބެލްޖިއަމްގެ އެހެން ސަރަހައްދުތަކުގައިވެސް މިގާނޫނު ދާދިއަވަހަށް ތަންފީޒުކުރަން ފަށާގޮތަށްވަނީ ހަމަޖެހިފައެވެ. މި ގާނޫނުގެ ދަށުން މިދެސަރަހައްދުގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް މިހާރު ޖަނަވާރު ކަތިލެވޭނީ އެންމެ ފުރަތަމަ ކަރަންޓް ޝޮކް ދީގެން ޖަނަވާރު މަރާލުމަށްފަހުގައެވެ.
އިސްލަމީ ޝަރީއަތުގައި އޮންނަނީ ކަތިލުމުގެ ކުރިން ޖަނަވާރު މެރުން ނޫންކަމާއި ކަތިލަންޖެހޭނީ މެރުމުގެ ކުރިންކަމަށް ބެލްޖިއަމްގެ މުސްލިމުންގެ ޖަމްއިއްޔާތަކުން ބުނެއެވެ. އަދި ކަތިލައިގެން ނޫންގޮތަކަށް ޖަނަވާރު މަރާލުމަށްފަހު ދެން އެޖަނަވާރެއް ކަތިލައިގެން އޭގެ މަސް ކެއުމަކީ އިސްލާމީ ޝަރީއަތް ހުއްދަކުރާ ކަމެއް ނޫންކަމުން ބެލްޖިއަމްގެ މި ގާނޫނުގެ ސަބަބުން ބެލްޖިއަމްގެ މުސްލިމުންވަނީ ކަންބޮޑުވެފައެވެ. ޚާއްސަކޮށް މިގާނޫނު އެންމެ ފުރަތަމަ ތަންފީޒުކުރަން ފެށި "ވަލޫނިއާ" ސަރަހައްދާއި "ވްލާންދާޒް" ސަރަހައްދުގެ މުސްލިމުންނަށް ވަނީ މިގާނޫނުގެ ސަބަބުން ހަލާލު އެއްގަމު މަސް ލިބުމުން މަހްރޫމް ވެފައެވެ.
އެދެ ސަރަހައްދުގެ މުސްލިމުން މިހާރު އެއްގަމު މަސް ގެންނަން ޖެހިފައިވަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ޖަނަވާރު ކަތިލުމަށްފަހު އޭގެމަސް އެކްސްޕޯޓްކުރާ ގައުމުތަކުންނެވެ. ޔޫރަޕްގެ އިއްތިހާދަށް ނިސްބަތްވާ ޔޫރަޕިއަން ކޯޓު ހުންނަނީ ފަރަންސޭސިވިލާތުގެ ރަށެއްކަމަށްވާ ސްޓްރަސްބާގް ގައެވެ. މިމައްސަލަ އެކޯޓަށް ވެއްދުމަށްފަހުވެސް ހުކުމަކާ ހަމައަށް ދިޔުމަށް މަސްތަކެއް ނަގާނެކަމަށް ވަނީ ބެލެވިފައެވެ.