ޕާޓީގެ މަސްލަހަތު ގެއްލުވާނުލުމަށް މަހުލޫފް، ހަސަން ލަތީފަށް ގޮވާލައިފި

ޖެނުއަރީ 28، 2021: ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގެއްލުވާނުލުމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ގޮވާލައްވައިފިއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައިގައި ތުހުމަތު ކުރެވޭތީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހުލޫފަށް ވާދަކުރުމުގެ ފުރުސަތު ފުރަތަމަ ދީފައެއްނުވެއެވެ. ނަމަވެސް އިސްތިއުނާފީ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުން ނިންމީ އެ އިންތިޚާބުގައި ވާދަކުރުމަށް މަހުލޫފަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް، މެދު އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމަށް ބޮޑު ތަފާތަކުން މަހުލޫފް އިންތިހާބުވެފައެވެ.

އިންތިހާބުން ލިބުނު ކާމިޔާބީއާ ގުޅިގެން މަހުލޫފް "ސަން"އަށް ވިދާޅުވީ މިއީ ޕާޓީގެ ލީޑާޝިޕްގައި ތިއްބަވާ ބައެއް ބޭފުޅުންނާ ދެކޮޅަށް އޭނާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެގޮތުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފުގެ ނަން އޭނާ ފާހަގަކުރެއްވިއެވެ.

މަހުލޫފް ގަބޫލުކުރައްވާ ގޮތުގައި އޭނާ އިންތިހާބުގައި ވާދަކުރައްވަން ހުރަސް އަޅުއްވަން މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ހަސަން ލަތީފެވެ. އެގޮތުން މަހުލޫފް ވިދާޅުވީ ހަސަން ލަތީފު އޭނާއާ މެދު ޒާތީކޮށް އަމަލުކުރަމުން އަންނަ ކަމަށެވެ. އަދި މިކަން ފެށިގެން އައީ ޓޭބަލްޓެނިސް އެސޯސިއޭޝަންގެ އެތެރޭގެ އިންތިހާބުގެ ސަބަބުން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"އަޅުގަނޑު ތަކުރާރުކޮށް އޭރު ވެސް ބުނަމުން އައީ އަޅުގަނޑަކަށް އެސޯސިއޭޝަންތަކުގެ ތެރެއަށް އަތް ބާނާ ނުހަދާނަމޭ، ވޯޓު އޮޅުވާލަން މަސައްކަތެެއް ނުކުރާނަމޭ، ސައްހަ މެންބަރުންގެ ލިސްޓު އައިމަ އޭގެއިން މީހުން އުނިކުރާކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަމޭ. އެކަމާ ހިތްހަމަނުޖެހިގެން އަސްލުގަ އަޅުގަނޑަށް ގަބޫލުކުރެވެނީ މި ހިސާބަށް މިކަން މިއައީ" މަހުލޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން އެހެން އޮތް ނަމަވެސް ހަސަން ލަތީފު އޭނާއަށް އެހާ ބޮޑަށް ހުރަސް އަޅުއްވަން ޖެހޭ ސަބަބެއް ގަބޫލުނުކުރެއްވޭ ކަމަށެވެ.

މަހުލޫފް ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބު ބޭއްވި ދުވަހުގެ ކުރީ ދުވަހު ޕާޓީގެ ނަމުގައި ހަސަން ލަތީފް އޭނާއަށް އެންޓި-ކެމްޕެއިނު ކުރެއްވި ކަމަށެވެ. އެގޮތުން މަހުލޫފަށް އަލުން އިންތިހާބުގައި ވާދަކުރެވެންވީ ސަބަބެއް އޮތް ކަމަށް ގަބޫލުކުރެވެން ނެތް ކަަމަށާއި އެމްއެމްޕީއާރްސީ ލިސްޓުގައި މަހުލޫފްގެ ނަން އޮތް ވާހަކަ ވެސް ދައްކަވައިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަމިއްލަ ވިސްނުމެއް ވެސް އޮތުމަކީ މައްސަލައެއް ނޫން. އެހެން ކެންޑިޑޭޓަކަށް ތާއީދުކުރެއްވުމަކީ ވެސް މައްސަލައެއް ނޫން. އެކަމަކު ރަސްމީކޮށް ޕާޓީގެ ފަރާތުން ޕްރެސްއަކަށް އަރާފަ އެގޮތަށް ވާހަކަ ދެއްކީމަ އަޅުގަނޑަށް ދެރައީ،" މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މަހުލޫފް ވިދާޅުވީ ބައެއް ގޮތް ގޮތުން އޭނާއަށް އެންޓިކެމްޕެއިނުކޮށްފައިވާކަމަށެވެ. އެގޮތުން ދާއިރާގެ ބައެއް މެންބަރުންނަށް ގުޅުއްވައި މަހުލޫފަކީ "ބޯވައެކޭ" ނުވަތަ "އެމްއެމްޕީއާރްސީ ވަގެއް" ކަމަށް ބުނެ ވޯޓު ނުދިނުމަށް ހަސަން ލަތީފް އެދިވަޑައިގަތް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ޕާޓީގެ ލީޑާޝިޕްގައި އިސްކޮށް ތިއްބަވާ ބޭފުޅުންގެ ފަރާތުން މިފަދަ އަމަލުތައް ފެނުމަކީ ޕާޓީގެ މަސްލަހަތު ގެއްލިގެންދާ ކަމެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި ޑިމޮކްރެސީގެ އުސޫލުތަކާ މުޅިން ހިލާފު މިފަދަ އަމަލުތަކާއި ޕާޓީގެ މަސްލަހަތު ގެއްލޭ އެންމެހާ ކަންކަން ހުއްޓާލުމަށް މަހުލޫފް ވަނީ ހަސަން ލަތީފަށް ގޮވާލައްވާފައެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ކ. ވ. އއ. އަދި އދ އަތޮޅު ހިމެނޭ މެދު އުތުރު ޕްރޮވިންސް މަހުލޫފް ކާމިޔާބު ކުރަައްވައިފައިވާއިރު އޭނާ ވަނީ ގިނަ ވޯޓު ފޮނިތަކުން 90 ޕްސެންޓަށްވުރެ ގިނަ ވޯޓު ކާމިޔާބުކުރައްވައިފައެވެ

comment ކޮމެންޓް