"ވަރަށް ހަނދާންވޭ. އެއީ އެންމެ ހިތާމަވެރި ދުވަސް މިހާރު ވެސް މިޝްކާގެ ނަން ޖަހާފައި އޮންނަ ފޮތެއް ނުވަތަ ފައިލެއް ފެނުނަސް ވަރަށް ދެރަވޭ,"
މިއީ އުނގަންނައިދިނުމުގައި 24ވަނަ އަހަރު ގުނަމުން އަންނަ ގދ. ތިނަދޫ، އައިޝަތު ނަޖްމާ، ތައުލީމީ ދާއިރާގައި އޭނާގެ ތަޖުރިބާ ހިއްސާކުރަމުން، ކިޔައިދިން ފުރަތަމަ ވާހަކަކޮޅެވެ.
ހދ. ކުޅުދުއްފުށްޓަށް ނިސްބަތްވާ މިޝްކާ މުހައްމަދަކީ އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގައި ކިޔަވަމުން ދިޔަ ނަޖުމާގެ ދަރިވަރެކެވެ. ކޮވިޑުގެ ހާލަތު މާލޭގައި ގޯސްވެ ބަލީގެ ޝިކާރައެއްގެ ގޮތުގައި ހާލުދެރަވެ، އެމްބިއުލާންސެއް ނުލިބި، މިޝްކާ ދުނިޔެ ދޫކުރުމަކީ އޭނާއަށް އެންމެ އަސަރުކުރި ޚަަބަރެވެ.
"ދަންވަރު ވަގުތުގައި އަޅުގަނޑަށް އެ ކަން އެނގުނީ. ދެން ވީ ގޮތެއް ބަލަން. އެރޭ އެއްކޮށް ނުނިދާ އަޅުގަނޑަށް ހުރެވުނީ. އެހެންކަހަލަ އިހުސާސެއް ވެފައި ހުންނަނީ. އެދުވަސްކޮޅު ފާޑަކަށް ގަބުވާކަހަލަ ގޮތެއްވި. އެހާ ފަސޭހައެއް ނޫން އެހެން މީހުންނާ ވާހަކަ ދައްކާކަށް،" ނަޖުމާ ބުންޏެވެ.
އުނގަންނައިދިނުމުގެ ދާއިރާގައި ހޭދަކޮށްފައިވާ ދިގު މުއްދަތުގެ ތެރޭގައި ހިތުން ނުފިލާނެ ހަނދާންތަކެއްގެ ގޮތުގައި މިޝްކާގެ އުފާވެރި ހަނދާންތައް ހުންނާނެކަމަށް ނަޖުމާ ބުނެއެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި ކިޔަވައިދިނުމަކީ އެ ފަދަ އެތައް ކަމަކާ ކުރިމަތިލާން މަޖުބޫރުކުރުވާ ދާއިރާއެކެވެ. ނަމަވެސް އޭނާގެ އަޒުމަކީ މި މަސަައްކަތުގައި ސާބިތުވެ ހުރުމެވެ.
ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ނަޖުމާގެ ހިތުގައި އަބަދުވެސް ޝައުގުވެރިކަން އުފެދިފައި އޮތް ކަމެކެވެ. ސްކޫލް ދައުރު ނިންމާލުމަށްފަހު ސަރުކާރުގެ މުވައްޒަފެއްގެ ގޮތުގައި އޭނާ މަސައްކަތް ފެށީ، ހާސިލްކުރަން ބޭނުންވެފައި ހުރި އެތައް އުންމީދުތަކަކާއެކުއެވެ.
"1997ވަނަ އަހަރު ފުރަތަމަ ޖޮއިންވީ ސަރުކާރަށް. އޭރުގައި ދެން އައިޓީ ކިޔާނީ. އޯލެވެލް ނިންމާލާފައި ޖޮއިންކުރި ގޮތަށް އެންމެ ފުރަތަމަ ވެސް ޓީޗިން ހެދީ. ޓީޗިން ހަދާފައި ޓީޗަރެއްްގެ ހައިސިއްޔަތުން ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތްކޮށްފައި ތިނަދޫ ކެމްޕަހުން އެޑްވާންސް ޑިޕްލޮމާ ހެދީ،" ނަޖުމާ ބުންޏެވެ.
އޭގެ ފަހުގައި އޭނާ ތިނަދޫ އަބޫބަކުރު ސްކޫލުގައި ވެސް ޓީޗަރެއްގެ ގޮތުގައި ވަނީ މަސައްކަތްކޮށްފައެވެ. އެއަށްފަހު ދެން އިތުރަށް ކިޔަވައި، ޑިޕްލޮމާ ހާސިލްކުރުމަށް ނަޖުމާ މާލެއައީ 2006ވަަނަ އަހަރެވެ.
ޑިޕްލޮމާ ނިންމާލުމަށްފަހު ޖަމާލުއްދީނު ސްކޫލާ ގުޅި، ހަތް އަހަރުގެ މުއްދަތަކަށް އެ ސްކޫލުގައި ކިޔަވައިދިނުމުގެ މަސައްކަތްކުރިއެވެ.
"ޕްރައިމެރީ ޓީޗަރަކަށް އަޅުގަނޑު ގުޅުނީ މެއިން ސްޓްރީމް މާއްދާތައް ކިޔަވައިދޭން. ގްރޭޑް އެކަކުން ފަހަކަށް އަޅުގަނޑު ކިޔަވައިދިނިން. ޖަމާލުއްދީނު ސްކޫލްގައި އުޅުމަށްފަހު 2015ވަަނަ އަހަރު އިމާދުއްދީނު ސްކޫލުގެ ޖުވެލް ސެންޓަރާ އަޅުގަނޑު ގުޅުނީ، ބެޗެލާ އޮފް ސްޕެޝަލް އެެޑިއުކޭޝަން ހަދަމުން،" ނަޖުމާ ބުންޏެވެ.
ނަޖުމާ ބުނި ގޮތުގައި އެއީ އުނގަންނައިދިނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާއެކު އޭނާއަށް މަސައްކަތްކުރަން ލިބުނު އިތުރު ތަޖުރިބާއެވެ.
އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގައި މަސައްކަތްކުރާ ޓީޗަރެއްގެ ގޮތުގައި ނަޖުމާއަކީ މިއަދު މި މަސައްކަތުގައި ގިނަ ތަޖުރިބާތަކެއް ހާސިލްކޮށްފައިވާ ޓީޗަރެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާއެކު ހޭދަކޮށްލެވޭ ކޮންމެ ދުވަހަކީ ވެސް އޭނާއަށް އެތައް އުފަލެއް ލިބޭ ދުވަހެެކެވެ.
"ކުދިންނަށް އެއްޗެއް ކިޔައިދީފައި އެ ކުދިންނަށް އެ ހާސިލްކުރެވޭ ކޮންމެ ދުވަހަކީ ވެސް މިސް މެންނަށް ލިބޭ ބޮޑު އުފަލެއް. ބެލެނިވެރިންގެ ފަރާތުން ވެސް ވަރަށް ތަރުހީބު ލިބޭ. ވަރަށް ބޮޑަށް އަގުވަޒަން ކުރޭ،" ނަޖުމާ ބުންޏެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ އެއްގޮތަކަށްވެސް އުނގަންނައިދިނުމުން މަހްރޫމްވެފައިވާ ކުދިންކަމުގައި ނުހެދުން ވަރަށް މުހިންމެވެ. އެކުދިންނަށް ވެސް ރަނގަޅު ގޮތުގައި އުނގަންނައިދީފިނަމަ އެ ކުދިންނަކީ ވަރަށް ކާމިޔާބު ކުދިން ކަމުގައިވާނެއެވެ.
ނަޖުމާ ބުނި ގޮތުގައި އެއީ އެ ކުދިންނަށް ކިޔަވައިދިނުމުގައި ވެސް ވިސްނަންޖެހޭ މުހިންމު ކަންތައްތަކެކެވެ. އަދި އެ ކުދިންނާއެކު އެ ދުވަހެއްގެ ޝެޑިއުލާ އެއްގޮތަށް އެދުވަހެއްގެ މަސަައްކަތްތައް ނިންމާލުމަކީ ލިބޭ އިތުރު ހިތްހަމަޖެހުމެއްކަމަށެވެ.
"ޖުވެލް ސެންޓަރުގައި އުޅޭ ގިނަ ކުދިންނަކީ ވަރަށް ޗެލެންޖިން ބިހޭވިއާޒްތަކެއް ހުންނަ ކުދިންތަކެއް. އެ ކުދިންނަށް ކާމިޔާބުކަމާއެކު ދުވަހެއް ނިންމާލުމަށް ޓީޗަރުން އަބަދުވެސް މަސައްކަތްކުރޭ،" ނަޖުމާ ބުންޏެވެ.
ނަޖުމާ ބުނި ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ އެއް ކުލާހެއްގަައި ތަފާތު ގޮތްގޮތުން ހާއްސަ އެހީއަށް ބޭނުންވާ ގިނަ ކުދިންތަކަކަށް ކިޔަވައިދޭން ޖެހުމެވެ.
އަދި މިއީ ކޮންމެ ޓީޗަރަކަށް ވެސް ދިމާވާނެ ދައްޗަކަށް ވުމާއެކު، ތަފާތު މިޒާޖުގެ ކުދިންނާއެކު ކުލާހެއް މެނޭޖުކުރުމަކީ، ހުރިހާ ޓީޗަރުން ވެސް ދަސްކުރުން މުހިންމުކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
"އެހެންކަމުން ޓީޗަރުން އެބަޖެހޭ ތަފާތު ޓެކްނިކް ބޭނުންކުރަން. ލެސަން މޮޑިފިކޭޝަން ގެންނަން،" އޭނާ ބުންޏެވެ.
ނަޖުމާގެ ތައުލީމީ ދާއިރާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ޓަކައި މަސައްކަތްކޮށްދީ މީހާ މީހަކަށްވުމަށް ޓަކައި އެންމެ ގާތުން އެހީވެދިނީ އޭނާގެ އާއިލާ އާއި ފިރިމީހާއެވެ. އެއީ ޝުކުރުވެރިކަމާއެކު އޭނާ ބަލައިގަންނަ ކަންކަމެވެ.
ތައުލީމީ ދާއިރާގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ އެތައް ޒިންމާއެއް ބޮލުގައި އެޅޭ ކަމެކެވެ. ކުދިން ތަރުބިއްޔަތުކުރުމުގެ މަސައްކަތް ކުރާ "ދެވަނަ ބެލެނިވެރިން"ގެ ގޮތުގައި ޓީޗަރުން ކުރާ މަސައްކަތަކީ ބުރަ މަސްއޫލިއްޔަތެކެވެ. ނަމަވެސް ހިތްހަމަޖެހުން އިންތިހާއަށް ލިބޭ ދާއިރާއެކެވެ.
"މިއީ ވަރަށް މާތް މަސައްކަތެއް. ގަބޫލުކުރަން އަޅުގަނޑުމެން ޓީޗަރުންގެ މުސާރަ ކުޑަކަން. އަސްލު ކުރާ މަސައްކަތާ އަޅާ ބަލާއިރު، މުސާރަ ވަރަށް ކުޑަ. ލިބޭ ހިތްހަމަ ޖެހުމަކީ ވަރަށް ބޮޑު އެއްޗެއް. އެހެންވީމާ ދާއިރާއަށް ވަންނަ ކުދިން މި އަޒުމުގައި މަސައްކަތްކުރުމަކީ މިސްގެ އެދުން،" މިއީ މި ދާއިރާއަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އޭނާގެ ފަރާތުން ދޭން އޮތް ނަސޭހަތެވެ.
އަދި އޭނާގެ އިލްތިމާސަކީ ސެން ޓީޗިންގެ ދާއިރާއަށް އިތުރު ކުދިން ވަދެ، ތައުލީމީ ދާއިރާގެ ތެރެއަށް ވީހާ ވެސް ގިނަ ކުދިން ވަނުމެވެ.
ނަޖުމާ ސިފަކުރާ ގޮތުގައިި އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރަކީ "ވިދުން ގަަދަ ޖުވެލްސްތަކެއް"ގެ ތެރޭގައި ކިޔަވައިދިނުމަށް އޭނާއަށް ލިބުނު ފުރުސަތެވެ. އޭނާގެ އަޒުމަކީ މި ދާއިރާގައި ސާބިތުވެ ހުރުމެވެ. އަދި މި ދާއިރާ ދޫކޮށްލުމުގެ ވިސްނުމަކީ އޭނާ ދުވަހަކު ވެސް ގެންގުޅޭނެ ވިސްނުމެއް ނޫންކަމަށް އޭނާ ބުންޏެވެ.
"މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑު މިހުރީ މި ދާއިރާއިން ރާއްޖޭގައި ކިޔެވޭނެ އެންމެ މަތީ ސެޓިފިކެޓް ހާސިލްކޮށްފައި. އަޅުގަނޑު ބޭނުމެއް ނޫން މި ދާއިރާ ދޫކޮށްލާކަށް. މިއީ ވަރަށް ޝައުގުވެރި ދާއިރާއެއް. ހަމަ އިތުރަށް ދަސްކޮށް ކިޔަވަން ވެސް ބޭނުން މި ދާއިރާއިން,"