ރާއްޖޭގައި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާނެ ދެ ކެޓެގަރީ އިއުލާނުކޮށްފި

ފެބްރުއަރީ 9، 2021: ކޮވިޑް ވެކްސިން ޖެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ބަލިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަންޖެހޭ ދެ ކެޓަގަރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއުލާނުކޮށްފިއެވެ.

އެޗްޕީއޭއިން މިރޭ ނެރުނު އިއުލާނުގައި ބުނީ ބޫސްޓާ ޑޯޒް ދިނުމަށް ނިންމާފައިވަނީ ބަލީގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް މީހުންނަށްކަމަށެވެ. އަދި އެއީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނިޒޭޝަންގެ ލަފަޔާއެކު ނިންމި ނިންމުމެއްކަމަށެވެ.

އެގޮތުން ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަންޖެހެނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ.

މި ދެ ކެޓަގަރީގެ ތެރޭގައި ފްރަންޓުލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާއި، ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، ދިފާއީ ނިޒާމުގެ ބާރު ދަށްކުރާ ފަަދަ ބޭސް ބޭނުންކުރާ މީހުންނާއި، އަދި ދިގު މުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން ހިމެނެއެވެ.

ހަމައެއާއެކު ގަވައިދުން ޑައިލިސިސް ހަދާ މީހުންނާއި، ކެންސަރު ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަ ނުވަތަ ފަރުވާ ނިމި އަހަރެއްނުވާ މީހުންގެ އިތުރުން އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން ނުވަތަ ބީއެމްއައި 40 އަށްވުރެ މަތި މީހުން ވެސް ހިމެނެއެެވެ. އަދި ހަކުރު ބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުންނާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުން ވެސް ބޫސްޓާ ޑޯޒް ޖަހަން ޖެހެއެެވެ.

ވެކްސިންގެ ބޫސްޓާ ޑޯޒެއްގެ ގޮތުގައި މި ވަގުތަށް ޖަހާނީ ފައިޒާ ވެކްސިން އެކަންޏެވެ. ބޫސްޓާ ޑޯޒް ޖަހައިދޭނީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހިފަހުން ހަ މަސް ފުރިހަމަވުމުންނެވެ.

ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ފަށާނީ އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެންނެވެ.

އެގޮތުން، ބޫސްޓާ ޑޯޒް ޖެހުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓު ހެއްދޭނެކަމަށް އެ އެޖެންސީން ބުންޏެވެ.
https://sun.mv/155842

ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒެއް ޖަހަން ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ފަހަރު މިނިސްޓަރު ވިދާޅުވީ ބޫސްޓާ ޑޯޒް ޖަހާނީ ސިނޮފާމް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށްކަމަށެވެ.

comment ކޮމެންޓް