އަމީންގެ މައްސަލަ: ސުޕްރީމް ކޯޓުގެ ވަރުގަދަ އިންޒާރެއް މީޑިއާތަކަށް!

އަމީން މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން ---

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކުރާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީނުގެ ހައްގަށް އެއްވެސް އަސަރެއް ކުރާނެ މޭރުމަކުން ހަބަރު ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބުނެ ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުން އެ އަމަރު ނެރެފައިވަނީ، އަމީންގެ ފަރާތުން ކޯޓުގައި ޝަކުވާ އުފުލުމުންނެވެ.

އަމީންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ހައި ކޯޓުން ބާތިލްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް އިއްޔެ ސުޕްރީމް ކޯޓުގައި ފަށާފައިވާއިރު އެކަމުގެ ހަބަރު ގެނެސްދިނު ބައެއް މީޑިއާތަކުން އޭނާގެ ފޮޓޯ ބޭނުންކޮށްގެން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ދޭވަހާ ގޮތަކަށް ހަބަރު ފަތުރާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އަމުރެއް ނެރޭނެ ކަމަށް އަމީންގެ މައްސަލަ ބަލާ ބެންޗުގެ ރިޔާސަތުގައި އިންނަވާ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވިއެވެ. އަދި އެ އަމުރު ނެރެދެއްވީ އެބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދުއެވެ.

އަމުރު އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ، ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ހައްގުލިބިގެންވާ މީހެއް ކަމަށެވެ.

"މި ކޯޓުގައި ހިގަމުންދާ ޕީޖީ ވާސަސް މުހައްމަދު އަމީން ގަޒިއްޔާއާ ގުޅިގެން ހިޔާލު ފާޅުކުރާ ފަރާތްތަކުންނާއި ހަބަރު ފެތުރުމުގެ ތެރޭގައި މައްސަލައިގެ މައުޟޫއަށް ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން ގާނޫނު އަސާސީގައި ބަޔާންވެގެންވާ ބުނެވުނު ހައްގަށް އެއްވެސް އަސަރެއް ކުރާނެ މޭރުމަކުން މައްސަލައިގެ ހަސްމު ތަސައްވަރުކޮށްދިނުމުގެ ގޮތުން އެއްވެސް ހިޔާލެއް ފާޅުކުރުމަކީ ނުވަތަ ހަބަރެއް ގެނެއިސް ދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލެވޭނެ ކަން އާންމުކޮށް އަންގަން،" އަމުރު އިއްވަވަމުން ސުއޫދު ވިދާޅުވިއެވެ.

އަމީން ދޫކޮށްލި މައްސަލަ ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު ހައިކޯޓުން ވަނީ އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައެވެ.

މޮނިކޮން އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާއަށް ރޭގަނޑު ހަޔަކުން ހެނދުނު ހަޔަކަށް ގެއިން ބޭރަށް ނުކުތުން މަނާވާނެއެވެ. އަދި އެ އަމުރުގައި ވާ ގޮތުން އޭނާއަށް ފުލުހުންގެ ހުއްދަނެތި މާލެއިން ބޭރަކަށް ނުދެވޭނެއެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. މައްސަލާގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފައެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފައެވެ. އޭނާއަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އަމީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ.

comment ކޮމެންޓް