އެންއެސްޕީ ރެޖިސްޓްރީ ކުރަން ނޮވެމްބަރު މަހުގެ ކުރީކޮޅު ހުށަހަޅަން ތައްޔާރުވަނީ

އަބްދުﷲ ކަމާލުއްދީން (އޭކޭ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އިސްވެ ހުންނަވައި އުފަށްދަން މަސައްކަތް ކުރައްވާ ނޭޝަނަލް ސޮލީޑައިރިޓީ ޕާޓީ (އެންއެސްޕީ) ރެޖިސްޓްރީ ކުރަން ނޮވެމްބަރު މަހުގެ މަހުގެ ކުރީކޮޅު ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ސޮލީޑައިރިޓީ ޕާޓީ (އެންއެސްޕީ) ރަޖިސްޓްރީ ކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިއަހަރު އޯގަސްޓްމަހުގެ ތިންވަނަ ދުވަހުގައެވެ.

ޕާޓީ ރެޖިސްޓްރީ ކުރުމަށް، ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު "ސަން"އަށް ދެއްވަމުން އޭކޭ ވިދާޅުވީ ޕާޓީއެއް އުފައްދަން އީސީން ދީފައި އޮތް މުއްދަތު ހަމަވަނީ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަށް ކަމަށެވެ.

އެހެންކަމުން އެ މުއްދަތު ހަމަވުމުގެ ކުރިން ތިންހާސް ފޯމް ހަމަކުރުމަށްފަހު، އީސީއަށް ހުށަހެޅޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ.

"ހުއްދައިގެ ދަށުން ޕާޓީއަށް މީހުން ހަމަކުރުމުގެ މަސައްކަތް ކުރަމުން މި ގެންދަނީ. އަޅުގަނޑަށް ވެސް ތިންމަސް ލިބޭނެ ނޫންތޯ. އެހެންވީމަ އެ މުއްދަތުގެ ތެރޭގަ މެމްބަރުން ހަމަކުރެވޭނެ ކަމަށް މި ބަލަނީ. އުއްމީދު ކުރަނީ އަންނަ ނޮވެމްބަރުމަހު ކުރީކޮޅު ތިންހާސް ފޯމާއެކު އިލެކްޝަނަށް ހުށަހެޅޭނެ ކަމަށް. އެގޮތަށް މަސައްކަތް ކުރަމުން މި ގެންދަނީ،" އޭކޭ ވިދާޅުވިއެވެ.

އޭކޭ ވިދާޅުވީ ކޮވިޑް ދުވަސްވަރާ ދިމާވުމުން ޕާޓީއަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ދިމާވެފައިވާ ކަމަށެވެ. އެގޮތުން އަތޮޅު ތަކަށް ކުރަންޖެހޭ ދަތުރުތައް ހުއްޓާލަން ޖެހުމުގެ ސަބަބުން ފޯމް ފުރުވުމުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

އޭނާ ވިދާޅުވީ މި ހާލަތުގައި ވެސް އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ފޯކަލް ޕޮއިންޓް ތަކުން މެމްބަރޝިޕް ފޯމް ހަމަކޮށްދިނުމުގެ މަސައްކަތް ވަރަށް ހަލުވި ދުވެލީގައި އެބަ ކުރާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ދުވަހަކީ ވެސް ޕާޓީއަށް އިތުރު މެމްބަރުންތަކެއް ވަންނަމުންދާ ދުވަހެއް ކަމަށެވެ.

އޭކޭ ވިދާޅުވީ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު އަދި މިހާތަނަށް އެ ޕާޓީއަށް ސޮއި ނުކުރާ ކަމަށެވެ.

"މިވަގުތު ސިޔާސީ މަގާމެއްގަ ހުންނެވި ބޭފުޅަކު ނޫނީ ރައްޔިތުންގެ މިޖިލީސް މެމްބަރެއް އަދި މިހާތަނަށް ސޮއި ނުކުރެ. އެފަދަ ބޭފުޅުން ސޮއި ކުރައްވާތޯ އަޅުގަނޑު ނުވެސް ދަންނަވަން އިނގޭތޯ،" އޭކޭ ވިދާޅުވިއެވެ.

އަބްދުالله ކަމާލުއްދީން ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް މައުމޫނާއެކުގައެވެ. އަދި ފަހުން ޖުމްހޫރީ ޕާޓީގައި ވެސް އޭނާ އުޅުއްވިއެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން ސިޔާސީ މަސައްކަތް އަލުން ފެއްޓެވުމުން އޭނާ އުޅުއްވީ މައުމޫނާއެކުގައެވެ.

ރައީސް މައުމޫނުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ޕާޓީ އުފެއްދުމުގައި އުޅުއްވުމުގެ އިތުރުން, ރައީސް މައުމޫނުގެ ސިޔާސީ މަސައްކަތުގެ ފަރާތުން އަބްދުالله ކަމާލުއްދީން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ވެސް ކުރިމަތިލެއްވިއެވެ.

އާ ޕާޓީއެއް އުފެއްދުމާ ގުޅޭގޮތުން ކަމާލުއްދީން އާންމުކުރެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކު ވެސް، ގައުމުގައި ހައްލުނު ކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

އެހެންކަމުން އިސްލާމްދީނަށް ނަސްރުދީ، ގައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު އަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި އަބްދުالله ކަމާލުއްދީން ވިދާޅުވިއެވެ.

ސޮލީޑައިރިޓީ ޕާޓީގެ ނަމުގައި އޭކޭ، އިސްވެ ހުންނަވައިގެން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު, ކާނަލް (ރޓޑ) މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށް، ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީ އިން މިހާރު ވަނީ އެ ޕާޓީއަށް ދީފައެވެ.

comment ކޮމެންޓް