ގދ. ހޯނޑެއްދޫގައި މުރަަކަ އާލާ ކުރުމުގެ ގޮތުން މުރަކަ އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ހޯނޑެއްދޫގެ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ އެރަށުގައި "މުރަކައިގެ ބަގީޗާ" ހެއްދުމުގެ މަގުސަދަކީ ލޯކަލް ޓޫރިޒަމް ފުޅާކޮށް، ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު ގިނަ ކުރުން ކަމަށެވެ. އަދި މިއީ ކައުންސިލްގެ މެނިފެސްޓޯގައި ވެސް ހިމަނައިފައި އޮތް ކަމެއް ކަމުގައި ވާރިޝް ވިދާޅުވިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި މިދިޔަ ހޯމަ ދުވަހުގައިއެވެ.
ވާރިޝް ވިދާޅުވީ އެ ހަރަކާތަކީ ހޯނޑެއްދޫގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ގޮތުގައި ދެކޭ ކަމަށެވެ. އަދި އުންމީދަކީ އިންދުނު "މުރަކަ ބަގީޗާ" އަކީ ފަތުރުވެރިން ޒިޔާރާތްކޮށް، އެމީހުންގެ ހިތްހަމަ ޖެހޭ ފަދަ މަންޒިލަކަށް އެތަން ވެގެން ދިޔުން ކަމަށެވެ.
"މިއީ އެއް ދުވަހުން ވާނެ ކަމަށް ނޫން. އެހެން ނަމަވެސް އަމާޒަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސް ތެރޭގައި ފަތުރުވެރިންގެ އެންމެ މަގުބޫލޫ އެއް މަންޒިލަކަށް މިތަން ހެދުން،" ވާރިޝް ވިދާޅުވިއެވެ.
އެ ރަށާ ގާތްގަނޑަކަށް 200 މީޓަރު ދުރުގައި އޮންނަ "ކޯމަހަށްލީ" ވިލުގައި މިހާރު ވަނީ 500 މުރަކަކޮޅު ހިމެނޭ ސްޓްރަކްޗާއެއް ހަދާ، ހޯނޑެއްދޫގެ ނަމާއެކު ބަހައްޓާފައެވެ. އެ ވިލުގެ 100 ފޫޓުގެ ސަރަހައްދެއް މުރަކަ އިންދަން ވަނީ ހާއްސަ ކޮށްފައެވެ.
އެ ތަނަކީ ދަރިވަރުންނަށް ކިޔެވުމުގައި ވެސް ބޭނުންކުރެވޭ ސަރަހައްދަކަށް ހެދުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ ކުރިންވެސް ހޯނޑެއްދޫގައި އަމިއްލަ ޖަމިއްޔާއަކުން ވަނީ މުރަކަ އިންދުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމްގެ ނަތީޖާ ރަނގަޅުވުމުން ކައުންސިލުން އުއްމީދުކުރަނީ މި ޕްރޮގްރާމް އެއަށް ވުރެވެސް ކާމިޔާބު ވާނެ ކަމަށެވެ.