ޖަޕާނުގެ ވެރިކަންކުރާ ޕާޓީގެ ލީޑަރަކަށް ފޯމިއޯ ކިޝީދާ އިންތިޚާބުވެވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާ ފޯމިއޯ ކިޝީދާ (ޖަޕާނުގެ ވެރިކަން ކުރާ ޕާޓީގެ ރައީސްކަމަށް ކިޝީދާ ވަނީ އިންތިޚާބުވެ ވަޑައިގެންފައި)

ޓޯކްޔޯ (ސެޕްޓެމްބަރު 29): ޖަޕާނުގައި ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ ރައީސް ކަމަށް އުމުރުފުޅުން 64 އަހަރުގެ ފޯމިޔޯ ކިޝީދާ އިންތިޚާބުވެވަޑައިގެންފިއެވެ.

ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބުކުރުމަށް އިއްޔެ ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގައި 257 ވޯޓުން އިންތިޚާބު ކާމިޔާބުކުރެއްވީ ކިޝީދާ އެވެ. އޭނާއަކީ ކުރިން ޖަޕާނުގައި ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ތަޖްރިބާކާރު ޝަޚްސިއްޔަތެކެވެ.

މިއިންތިޚާބުގައި ހަތަރު ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ ފޫމިއޯ ކިޝީދާ ގެ އިތުރުން ޖަޕާނުގެ މިހާރުގެ ސަރުކާރުގެ އެޑްމިނިސްޓްރޭޓިވް ރިފޯމް އާބެހޭ ވަޒީރު ތާރޯ ކޯނޯއާއި ކުރީގެ ދާޚިލީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ސަނާއެ ތަކައިޗީއާއި ލެބަރަލް ޑިމޮކްރެޓިކް ޕާޓީގެ އެގްޒެކެޓިވް އެކްޓިންގ ސެކްރެޓަރީ ޖެނެރަލް ކަމުގައި މިހާރު ހުންނެވި ސީކޯ ނޯދާ އެވެ. މީގެތެރެއިން ނޯދާ އާއި ތަކައިޗީ އަކީ އަންހެން ދެ ބޭފުޅުންނެވެ. ކޯނޯއާއި އާއި ކިޝީދާ އަކީ ފިރިހެން ދެ ބޭފުޅުންނެވެ.

ދެވަނަ ބުރުގައި ކިޝީދާ އާ ވާދަކުރެއްވީ ޓާރޯ ކޯނޯ އެވެ. ކޯނޯއަށް ލިބިވަޑައިގަތީ 170 ވޯޓެވެ. ކޯނޯއަކީ ޖަޕާނުގެ ދިފާޢީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.

ޖަޕާނުގެ އާންމު އިންތިޚާބު (ޕާލަމެންޓްރީ އިލެކްޝަން) އޮންނާނީ އަންނަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ލިބަރަލް ޑިމޮކްރެޓިކް ޕާޓީ ރައީސް ކަމަށް ފޯމިޔޯ ކިޝީދާ އިންތިޚާބުވެވަޑައިގަތުމުން އެޕާޓީ އާންމު އިންތިޚާބަށް ނުކުންނާނީ ކިޝީދާގެ ޒައާމަތުގައެވެ.

ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަކީ ޖަޕާނުގައި މިހާރުވެސް ވެރިކަންކުރާ ޕާޓީކަމަށް ވެފައި މިހާރު ބޮޑުވަޒީރު ކަމުގައި ހުންނެވި ޔޮޝިހިދޭ ސުގާ މިމަސް ނިމުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވާނެކަން މިމަހުގެ ކުރީކޮޅު އިއުލާން ކުރައްވާފައިވާތީ ބާކީ މިއޮތް ދުވަސްކޮޅުގައި ޖަޕާނުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ކިޝީދާއެވެ.

ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ރައީސްކަމަށް ކިޝީދާ އިންތިޚާބުވެ ވަޑައިގެންފައިވާތީ އާއި ސުގާ މިއަދު ނޫނީ މާދަމާ އިސްތިއުފާ ދެއްވުމުން ޖަޕާނުގެ ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނީ ކިޝީދާއަށެވެ. އެއީ ޖަޕާނުގެ ޕާލަމެންޓްގެ ދަށުގޭގައި އޮތީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ އަޣްލަބިއްޔަތު ކަމަށްވާތީއެވެ.

ޖަޕާނުގެ އާންމު އިންތިޚާބުގައި ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް ކާމިޔާބު ލިބިއްޖެނަމަ އަންނަ ދައުރުގައިވެސް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ކިޝީދާއެވެ. އެއީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ރައީސްގެ ހައިސިއްޔަތުންނެވެ. ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެޕާޓީއަށް ނިސްބަތްވާ ޖަޕާނުގެ މިހާރުގެ ބޮޑުވަޒީރު ޔޮޝިހިދޭ ސުގާ ގެ ސަރުކާރު ނާކާމިޔާބުވެފައިވާތީ އެކަމުގެ ނޭދެވޭ އަސަރު ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ މަގްބޫލުކަމަށް ކުރާނެކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް މިއީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް އިންތިޚާބު އެއްކޮށް ގެއްލޭވަރު ކަމަކަށް ނުވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އާންމު އިންތިޚާބު ކާމިޔާބުވެ ބޮޑުވަޒީރުކަމަށް ކިޝީދާ ވަޑައިގެންފިނަމަ އޭނާ އުފައްދަވާ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. މީގެއިތުރުން ކޮވިޑްގެ ސަބަބުން ހީނަރުވެފައިވާ ޖަޕާނުގެ އިގްތިސާދަށް އަލުން ދިރުންގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ބޮޑުވަޒީރުކަން ލިބިވަޑައިގެންފިނަމަ ކިޝީދާ އިސްކަން ދެއްވާނެކަމަށް ވަނީ ބެލެވިފައެވެ.

ލިބަރަލް ޑިމޮކްރެޓިކް ޕާޓީ އަކީ ޖަޕާނުގެ ސިޔާސީ މަސްރަހުގައި އެގައުމުގެ ރައްޔިތުންގެ މަގްބޫލުކަން އެންމެ ބޮޑު ޕާޓީއެވެ. އެޕާޓީ ވުޖޫދަށް އައިސްފައިވަނީ 1955 އަހަރުއެވެ. އެއަށްފަހު މިވީ 66 އަހަރުތެރޭގައި އެޕާޓީއަށް ޖަޕާނުގެ ވެރިކަން ގެއްލިފައިވަނީ އެންމެ ދެ އިންތިޚާބުގައެވެ. އެއީވެސް ވަރަށް ކުރު މުއްދަތަކަށެވެ. ލިބަރަލް ޑިމޮކްރެޓިކް ޕާޓީ އާންމު ގޮތެއްގައި ވެރިކަން ކޮށްފައިވަނީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް