ކާތިކްގެެ "ބޫލް ބުލައްޔާ 2" އަންނަ އަހަރަށް!

ފިލްމުގެ ޕޯސްޓަރެއް---

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ޑިމާންޑް ބޮޑު އެކްޓަރު ކާތިކް އާރްޔަން ލީޑު ރޯލުން ފެނިގެންދާ "ބޫލް ބުލައްޔާ 2" ރިލީޒްކުރާ ތާރީޚު ހާމަކޮށްފިއެވެ.

ފިލްމުގެ މޯޝަން ޕޯސްޓަރު މިހާރު އާންމުކޮށްފައިވާއިރު މި ފިލްމަކީ އަންނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހު ތިއޭޓާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. ފިލްމުގައި ކާތިކް އާއެކު ލީޑު ރޯލުން ފެނިގެންދާނީ ބަތަލާ ކިއާރާ އަދުވާނީ އާއި ތައްބޫއެވެ.

ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު އެކްޓަރު ކާތިކް އާރްޔަންއާއި ބަތަލާ ކިއާރާ އަދުވާނީ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެއެވެ. ފިލްމުގެ ބޮޑުބައި ޝޫޓްކޮށްފައިވަނީ ލަކްނޯގައެވެ. ފިލްމާ ގުޅޭ ގޮތުން ކާތިކް ބުނީ މި ފިލްމަކީ ތަފާތު ފިލްމެއް ކަމަށާއި ބެލުންތެރިންގެ ފީޑްބެކަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

މި ފިލްމަކީ 2007 ގައި އަކްޝޭ ކުމާރު ކުޅުނު "ބޫލް ބުލައްޔާ"ގެ ދެވަނަ ބައެވެ. ފިލްމުގެ ފުރަތަމަ ބައިގައި އަކްޝޭ ކުޅުނީ ސައިކޭސްޓްރިކް އެއްގެ ރޯލެވެ.

އެކްޓަރު ކާތިކް މިވަގުތު އަންނަނީ ފިލްމު "ފްރެޑީ" ގައި މަސައްކަތް ކުރަމުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ނެޓްފްލިކްސްގައި ސްޓްރީމް ކުރާ ފިލްމު "ދަމާކާ" އިންނެވެ. އެ ފިލްމުގައި ކާތިކް ކުޅެނީ ނޫސްވެރިއެއްގެ ރޯލެވެ.

comment ކޮމެންޓް