މިއަހަރުގެ ހިތުގެ ދުވަހުގެ ޝިއާރަކަށް "ޔޫޒް ހާޓް ޓު ކަނެޓް"

އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހުގެ ޝިއާރަކީ "ޔޫޒް ހާޓް ޓު ކަނެޓް" ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފިއެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގައެވެ.

އައިޖީއެމްއެޗުން ބުނީ ކޮވިޑް-19 ގެ ދަތި ހާލަތުގައި ރައްޔިތުން ގުޅުވާ ދިނީ އިންޓަނެޓްގެ ޒަރިއްޔާއިން ކަމުގައި ވުމުން، މިއަހަރުގެ ޝިއާރުން ދޭން ބޭނުންވާ މެސެޖަކީ އިންޓަނެޓުގެ ޒަރިއްޔާއިން މީހުން ގުޅުވާލަދީފައިވާ ކަމެވެ. އަދި ހަމައެއާއެކު ހިތުގެ ބަލިތަކާއި ހިތާއި ގުޅޭ މައުލޫމާތު މީހުންނަށް ފޯރުކޮށްދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން ވަނީ 2016 ވަނަ އަހަރު އެ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަކޮށް ނޭޝަނަލް ކާޑިއަކް ސެންޓަރު (އެންސީސީ) ހުޅުވާފައެވެ. އަދި އެ ސެންޓަރުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް، ސަރަހައްދީ ފެންވަރުގެ ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ހަމަ އެހެންމެ އެންސީސީ ހުޅުވި ފަހުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފުރައިގެން ދާ މީހުންގެ އަދަދު ދަށްވެފައިވާކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

އެންސީސީ އިން ދެމުންގެންދާ ހިދުމަތް ތަކުގެ ތެރޭގައި ޓްރެޑްމިލް ޓެސްޓް (ޓީއެމްޓީ) ހެދުމާއި، އީސީޖީ ހެދުން އަދި އަލްޓްރާސޮނިކް ސައުންޑް ވޭވްސްގެ ޒަރިއްޔާއިން ހިތުގެ ހިނގުމާއި މަސައްކަތް ކުރާ ގޮތް ބެލުމަށްޓަކައި ހަދާ ޓްރާންސްއީސޮފޭގަލް އީކޯ ކާޑިއޮގްރާމް (ޓީއީއީ) ހެދުމާއި ހިތާ ކައިރީގައިވާ ލޭހޮޅިތައް ހިނގަމުންދާ ގޮތް ބެލުމަށް ހަދާ އީކޯކާޑިއޯގްރާމް ޓެސްޓު ހެދުން ހިމެނެއެވެ.

އައިޖީއެމްއެޗުން ބުނީ މި އަހަރުގެ މިހާތަނަށް 7082 މީހަކު އެންސީސީން އީސީޖީ ހަދާފައިވާ ކަމަށެވެ. އަދި 124 މީހަކު ޓީއެމްޓީ ހަދާފައިވާ އިރު ފަސް މީހަކު ޓީއީއީ ޓެސްޓް ހަދާފައިވާ ކަމަށެވެ.

މީގެ އިތުރުން 1689 މީހަކު އިކޯކާޑިއޮގްރާމް ޓެސްޓް ހަދާފައިވާ އިރު ޖުމްލަ 3384 ބަލި މީހުންނަށް އެންސީސީން ފަރުވާ ދީފައިވާކަން އައިޖީއެމްއެޗުން ފާހަގަކުރިއެވެ.

comment ކޮމެންޓް