18އަހަރު ފުރޭ ގިނަ ޒުވާނުންތަކެއް އަމިއްލައަށް އެދިގެން ޕީޕީއެމްއާ ގުޅެނީ!

ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

އުމުރުން 18 އަހަރު ފުރޭ ގިނަ ޒުވާނުންތަކެއް އަމިއްލައަށް ޝައުގުވެރިކަން ފާޅުކޮށްގެން ޕީޕީއެމާ ގުޅެން އެދެމުންދާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް "ސަން"އަށް ވިދާޅުވީ ޕީޕީއެމަކީ ވަރަށް ބޮޑަށް ޒުވާނުންނަށް އިސްކަންދޭ އަދި ޒުވާނުންނަށް ހުޅުވައިލެވިފައިވާ ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީ، ވަކިން ޚާއްސަކޮށް ޒުވާނުންނަށް ހުޅުވައިލައިފިން. ވަރަށް ގިނަ ޕްލެޓްފޯމަތަކުގައި ޒުވާނުންގެ ބައިވެރިވުން ގެންގުޅެން އަޅުގަނޑުމެން ބޭނުން. އަދި އަޅުގަނޑުމެންނާ ބައްދަލު ކުރަން ބޭނުންވާ ޒުވާނުންނަށް މަރުހަބާ ކިޔަން. މިހާރުވެސް ވަރަށް އާ މޫނުތަކެއް މި ޕާޓީއިން ފެނޭ. އެގޮތުން 18 އަހަރުފުރޭ ޒުވާންކުދިންތަކެއް ޕާޓީއާ ގުޅިއްޖެ. މީ އަޅުގަނޑުމެން އުފާ ކުރާ ކަމެއް،" ޝިޔާމް ވިދާޅުވިއެވެ.

ޒުވާނުންނަށް އިސްކަން ދިނުމާ ގުޅޭގޮތުން ޝިޔާމް އިތުރަށް ވިދާޅުވީ ގައުމަށް ދިމާވާ މައްސަލަތަކަކީ ހަމައެކަނި ސިޔާސީ ވެރިންނަށް ހައްލު ކުރެވޭނެ މައްސަލަތަކެއް ނޫން ކަމަށާއި، އެ ކަމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުން ވަރަށް މުހިއްމު ކަމަށެވެ. އަދި ޒުވާނުންނަކީ ގައުމުގެ ހަކަތަކަމަށް ވުމުން ޕީޕީއެމްގެ ޕްލެޓްފޯމުގެ ތެރެއިން ޒުވާނުންގެ މަސައްކަތާއި ހުނަރު ދައްކާނެ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަށް ޓަކައި ސޯޝަލް މީޑިއާއާއި ސްޓޫޑިއޯގައި ޒުވާނުންނަށް ފަހި ފުރުސަތުތަކެއްގެ އިތުރުން ވަރަށް ގިނަ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޕާޓީގެ ފަރާތުން އަންނަނީ ވަރަށް ގިނަ ޕްރެސް ކޮންފަރެންސް ތަކާއި ކުލަބް ހައުސް ބައްދަލުވުންތަކުގައި ޒުވާނުން ބައިވެރި ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޒުވާނުންނަށް ފުރުސަތު ދެއްވުމުގެ ގޮތުން ކުލަބު ހައުސްގައާއި ޕީޕީއެމްގެ ޖަލްސާތަކުގައި ޒުވާނުންނަށް ވާހަކަ ދެއްކޭނެ އިންތިޒާމު އަބަދުވެސް ކުރަމުން ގެންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގައުމުގެ ހާލަތާ އަދި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ޕީޕީއެމުން އަންނަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. ހަމައެއާއެކު، ޕޯޓަލް މެދުވެރިކޮށް ޕާޓީ އަށް ރަޖިސްޓާ ވެވޭނެ އެޕްލިކޭޝަނެއް ވަރަށް އަވަހަށް ލޯންޗު ކުރާނެކަމަށް އެޕާޓީ އިން ބުނެއެވެ.

comment ކޮމެންޓް