ޕާޓީގެ ތެރޭގައި ފެކްޝަންތަކެއް އޮތްކަމަކަށް ގަބޫލެއްނުކުރަން: އަބްދުﷲ

--- ފޮޓޯ/ މަޖިލިސް

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އޮތްކަމަކަށް އޭނާ ގަބޫލްނުކުރައްވާކަމަށް އެ ޕާޓީއަަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި ފެކްޝަންތަކެއް އުފެދިފައިވާ ވާހަކަ ގަބޫލުނުކުރައްވާކަމަށް ވިދާޅުވަމުން އަބްދުﷲ "ސަން"އަަށް ވިދާޅުވީ ފެކްޝަންތަކެއްގެ ގޮތުގައި ފެންނަ ފެނުމަކީ ޕާޓީގެ މެމްބަރުން ތާއީދުކުރާ ވިސްނުމުގެ ގޮތުން ފާހަގަވެގެން އަންނަކަމެއްް ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައި އޮތް ކަމަކަަށް. އެފަދަ އެއްވެސް މަންޒަރެއް އަޅުގަނޑަށް ފާހަގަވެފައެއްނުވޭ،" އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ އެ ޕާޓީގައި ވެސް ކޮންމެ މީހެއްގެ ވިސްނުމަކީ ވެސް ތަފާތު ވިސްނުމެއްކަމަށެވެ. އެެހެންކަމުން ޕާޓީގެ މެމްބަރުންގެ މެދުގައި އޮންނަ ހިޔާލު ތަފާތުވުންތަކަކީ ޕާޓީ ދެބައިވާންޖެހޭ ސަބަބެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަކީ ވަރުގަދަ ޕާޓީއެއްކަމަށެވެ. އެހެންކަމުން ޕާޓީގެ ފުނޑާލުމަށް ޓަކައި ކުރާ އެއްވެސް މަސައްކަތަކީ އޭގެ ސަބަބުން މާ ބޮޑު އަސަރެއް ކުރާނެކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން އަބްދުﷲ ވިދާޅުވީ އެމްޑީޕީއަކީ ސިޔާސީގޮތުން އެންމެ ކުރިމަގު ރަނގަޅު ޕާޓީ ކަމަށެވެ.

"އެމްޑީޕީއަކީ ހަމަ ވަރަށް ރަނގަޅު ކުރިމަގެއް އޮތް ޕާޓީއެއް. މި ޕާޓީ އުފެދިގެން މިއަދާ ހަމައަށް އައިއިރު އެތައް ކާމިޔާބެއް ވަނީ ހޯދައިފައި. ކުރިއަށް އޮތްތަނުގައި ވެސް މި ޕާޓީ ކުރިއަށް ދާނީ މި ގޮތުގައި،" އަބްދުﷲ ވިދާޅުވިއެވެ.

ހަމައެއާއެކު އެ ޕާޓީގެ ސަރުކާރެއް މިއަދު ހިނގަމުން އަންނަ ގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުﷲ ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް ކޮންމެވެސް ބަޔަކު ފާޑިކުޔުމަށް ޓަކައި ތިބޭނެކަމަށެވެ. ނަމަވެސް އެއީ އެމީހެއްގެ އަމިއްލަ ހިޔާލުކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީގެ ބައެއް އިސް މެމްބަރުން ސަރުކާރަށް ފާޑު ވިދާޅުވެ ދައްކަވާ ވާހަކަތައްް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާކަމަށް ސިޔާސީ މަޝްރަހުގައި މަސައްކަތްކުރާ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެގޮތުން ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދި ޕާޓީގެ އާންމު މެމްބަރުން ވެސް ދެ ބަޔަކަށް ބެހިފައިވާކަމުގެ ތުހުމަތު ސިޔާސީ ފަރާތްތަކުން ކުރެއެވެ.

އެއާއެކު އިއްޔެ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބާއެކު ފެކްޝަންތަކުގެ އަޑުތައް ވަނީ ގަދަވެފައެވެ.

comment ކޮމެންޓް