ތަޖިކިސްތާން މެޗުގައި ގައުމީ އަންހެން ޓީމުން ފަރަގު ކުޑަކޮށްފި

ރާއްޖެއާއި ތަޖިކިސްތާން ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ//އޭއެފްސީ

އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމު ތަޖިކިސްތާން އަތުން ބަލިވެއްޖެއެވެ.

ތަޖިކިސްތާނުގައި މިރޭ ކުޅުނު މެޗުގައި ހޯމް ގައުމުން ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ މައްޗަށް ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު ރާއްޖެއަށް ކޮލިފައިންގެ މެޗުތައް ވަނީ ނިމިފައެވެ. ކޮލިފައިންގްގެ ފުރަތަމަ މެޗުގައި ވިއެޓްނާމް އަތުން ރާއްޖެ ބަލިވީ 0-16 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި ގުރޫޕުގައި ދެން އޮތީ އަފްގާނިސްތާނެވެ. އެކަމަކު ސިޔާސީ ހަލަބޮލިކަމާއެކު އަފްގާނިސްތާން މިހާރު މުބާރާތުން ވަނީ ވަކިވެފައެވެ.

މި ގުރޫޕުން އޭއެފްސީއަށް ކޮލިފައިވާނީ އަންނަ ބުރާސްފަތި ދުވަހު ވިއެޓްނާމާއި ތަޖިކިސްތާން ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމެކެވެ. ތަޖިކިސްތާން މިހާތަނަށް އެ މުބާރާތަށް ކޮލިފައިވެފައި ނުވާއިރު، ވިއެޓްނާމަކީ ގުރޫޕުގެ ފެވަރިޓުންނެވެ.

ގައުމީ އަންހެން ޓީމުން ވަނީ ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ބ. އޭދަފުށީ ޓީމަކާ ދެކޮޅަށް މެޗެއް ކުޅުމުގެ އިތުުރުން ޔޫއޭއީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށް އެގައުމުގެ ޓީމަކާ ދެކޮޅަށް މެޗުތަކެއް ކުޅެ ކުރިއެރުންތަކެއް ހޯދައިފައެވެ.

އޭޝިއަން ވިމެންސް ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ރާއްޖޭން، 2008 އާއި 2014 އަދި 2018 ވަނަ އަހަރު ކުޅެފައެއް ނުވެއެވެ. ރާއްޖޭން ވާދަކުރީ 2006 އާއި 2010 ވަނަ އަހަރު ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައެވެ.

އަންހެން ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވެހުރި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ)އެވެ. އެސިސްޓަންޓް ކޯޗުންނަށް ތިބީ ގައުމީ އަންހެން ޓީމުގެ ކެޕްޓަނެއްގެ ޒިންމާ މީގެ ކުރިން އަދާކުރި ދެ ކުޅުންތެރިން ކަމަށްވާ ފަދުވާ ޒާހިރު އާއި މަރިޔަމް މިރުފަތު އެވެ.

comment ކޮމެންޓް