ސިޓީއާއި އާސެނަލުން ވިދާލި ނަސްރީ ފުޓުބޯޅައިން ރިޓަޔާ ކޮށްފި

އާސެނަލާއި ސިޓީގެ ކުރީގެ ތަރި ސަމީ ނަސްރީ --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއާއި، އާސެނަލުން ވިދާލި ފްރާންސްގެ މިޑްފީލްޑަރު ސަމީ ނަސްރީ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

ފްރާންސްގެ ޓީވީ ޗެނަލެއްގައި ރަސްމީކޮށް ފުޓުބޯޅައިން ރިޓަޔާ ކުރިކަން ނަސްރީ ހާމަ ކުރި އިރު، އޭނާގެ އުމުރަކީ 34 އަހަރެވެ.

މާސޭގެ އެކަޑަމީއިން ފުޓުބޯޅައިގެ ތެރެއަށް ވަތް ނަސްރީ ފުރަތަމަ ފަހަރަށް މީހުންގެ ލޮލުގައި އަޅައިގަތީ 2008 ވަނަ އަހަރު އާސެނަލާ ގުޅުނު ހިސާބުންނެވެ. އެ ކުލަބުގައި ތިން އަހަރު ހޭދަކުރުމަށްފަހު މެންޗެސްޓާ ސިޓީއަށް ގޮސް ނަސްރީ ދެއްކި ކުޅުމަކީ އޭނާ ފުޓުބޯޅަ ހަޔާތުގެ އެންމެ ކާމިޔާބު ދުވަސްތަކެވެ.

އެގޮތުން ސިޓީގައި ނަސްރީ ވަނީ ދެ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދައިފައެވެ. އޭގެ އިތުރުން އިނގިރޭސި ލީގު ކަޕް (އީއެފްއެލް) އަދި ކޮމިއުނިޓީ ޝީލްޑް ވެސް އެކުލަބާއެކު ނަސްރީ ވަނީ ހޯދައިފައެވެ.

ސިޓީގެ ކާމިޔާބު ދުވަސްތަކަށްފަހު 2016 ވަނަ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުން ނަސްރީ ބަދަލުވީ ސްޕެއިނުގެ ސެވިއްޔާއަށެވެ. އެކުލަބުގައި ރަނގަޅު ފެށުމެއް ނަސްރީއަށް ލިބުނު ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އެކުލަބުގެ އެއްބަސްވުން ހަމަވުމާއެކު ދެން އޭނާ ބަދަލުވީ ތުރުކީގެ ކުލަބަކަށެވެ. އެކުލަބާ އެކު މާގިނަ ދުވަސްތަކެއް ނުކުޅެ އެއްބަސްވުން އުވާލީއެވެ.

އެއަށްފަހު ނަސްރީގެ ފުޓުބޯޅަ ކެރިއަރު ނިމުމަކަށް އަންނަން ދިމާވި މައިގަނޑު އެއް ސަބަބަކީ މަނާ ބޭސް ބޭނުން ކުރުމުގެ ތުހުއްމަތުގައި އެއް އަހަރު ދުވަހަށް އޭނާ ފުޓުބޯޅަ ހަރަކާތްތަކުން ސަސްޕެންޑް ކުރުމެވެ. އެ ހާދިސާއަށްފަހު ނަސްރީ ފުޓުބޯޅައިގެ ކަންކަމުން އެއްގޮތަކަށް ވެސް ފެނިފައެއް ނުވެއެވެ.

comment ކޮމެންޓް