މާލޭގެ އެންމެ ބޮޑު ޕާކިން ޒޯނު ކާނިވާ ސަރަހައްދުގައި ހުޅުވަން މާލޭ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު، މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހްމަދު ނަރީޝް "ސަން"އަށް ވިދާޅުވީ މި މަސައްކަތް ކުރަމުން އަންނަނީ އާރުޑީސީން މަގުތަކުން ނަގާ ގާ ބޭނުންކޮށްގެން ކަމަށްވާތީ، މި މަސައްކަތަށް އެއްވެސް ފައިސާއެއް ހަރަދު ނުވާ ކަމަށެވެ.
މީގެ އިތުރުން، މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު މި މަސައްކަތް އެއްކޮށް ނިމި އާންމުންނަށް ޕާކު ކުރުމުގެ ހިދުމަތް ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.
"ޕާކިން ޒޯންގައި ގާތްގަނޑަކަށް އަންދާޒާ ކުރެވޭ ގޮތުން 50 ކާރު އަދި 500 އާއި 600އާ ގާތްކުރާ އަދަދެއްގެ ސައިކަލް ޕާކް ކުރެވޭނެ. މަސައްކަތް ކުރިއަށް ދަނީ އާރު.ޑީ.ސީއިން މަގު ހަދަމުންދާ ވަރަކަށް ލިބޭ ގާތަކުން. ގަލުގެ ޑިލޭއެއް އައިސްގެން އުޅޭތީ މަސައްކަތް އެއްކޮށް މިހާރު ނުނިމެނީ،" ނަރީޝް ވިދާޅުވިއެވެ.
ކާނިވާ ސަރަހައްދަށް އުދަ އަރައި އެތާ ޕާކު ކޮށްފައި ހުންނަ ވެހިކަލްތަކަށް މީގެ ކުރިން ގެއްލުން ލިބެއެވެ. އެހެންކަމުން، ސިޓީ ކައުންސިލުން މިކަމަށް ހައްލު ހޯދައިދީފައިވާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ. އެގޮތުން، ބޮޑެތި ކާނުތައް އެ ސަރަހައްދުގައި ޖަހާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ ގިނަ މަގުތަކަކީ ތޮއްޖެހިފައިވާ މަގުތަކެކެވެ. އެހެންކަމުން އެއްގަމު ދުއްވާ އުޅަނދުތައް ޕާކު ކުރާނެ ޖާގައެއް ނެތުމަކީ އަބަދުވެސް މާލޭ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ. އާންމުކޮށް ޖާގަ ނެތުމުގެ ސަބަބުން އުޅަނދުތައް ޕާކު ކުރަން ޖެހެނީ ހަނި ގޯޅިތަކުގައެވެ. މިކަމުގެ ސަބަބުން އެ ގޯޅިތަކުގައި ދުއްވާ އުޅަނދުތަކަށް އެ ގޯޅިން ދަތުރުކުރުމަށް އުނދަގޫ ތަކެއް ކުރިމަތިވެއެވެ.
ކާނިވާ ސަރަހައްދުގެ މި ޕާކިން ޒޯނާއެކު މާލޭގެ ގިނަ ރައްޔިތުންނަށް ޕާކު ކުރުމުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް ހައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ.