އެމްއެމްޕީއާރުސީއިން ސީއެންއެންއާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަން ކެމްޕޭނެއް ފަށައިފި

ވިޒިޓް މޯލަޑިވްސް އަދި ސީއެންއެންގެ ފަރާާތުން ޕާޓްނާޝިޕް އެގްރީމެންޓުގައި ސޮއި ކުރައްވަނީ--

ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސްއިން ސީއެންއެންއާ އެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އެ އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިންނަށް" ސޭފް ހެވަން" އެއްގެ ގޮތުގައި ރާއްޖެ ދެއްކުމެވެ. މީގެ ކުރިން ވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ސީއެންއެންއާ ގުޅިގެން މަސައްކަތް ކޮށްަފއިވެއެވެ. މިފަހަރުގެ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ކުރީގެ އެއްބަސްވުމުގެ ނަތީޖާއަށް ބަލައި، މިފަހަރުވެސް ފޮނި ނަތީޖާތަކެއް ނެރެވިދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މި ކެމްޕޭން ކުރިއަށް ދާނީ މި އަހަރުގެ ޑިސެމްބަރު މަހާ ހަމައަށެވެ. މި ތިން މަސް ދުވަހުގެ ތެރޭގައި "ޑެސްޓިނޭޝަން މޯލްޑިވްސް"ގެ ނަމުގާ ސީއެންއެން ޓްރެވަލްއިން ވަކި ހާއްސަ ސެކްޝަނެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ އެކި ފަރާތްތަކުގެ ވާހަކަތަކާއި އާސާރީ ތަންތަން އަދި ރާއްޖޭގެ ސަގާފަތް ޕްރޮމޯޓު ކުރަން ވަނީ ނިންމާފައެވެ.

މިއަހަރުގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސީއެންއެންގެ ޑިރެކްޓާ އޮފް ސޭލްސް އަބީ ޖީތު ދަރް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިން ޝައުގެވެރިވާ ފަދަ އެތައް ވާހަކަތަކެއް އެބަހުރި ކަމަށާއި ރާއްޖެ އިޝްތިހާރު ކުރުމަށް ދެވަނަ ފުރުސަތެއް ލިބުނީތީ އުފާވާ ކަމަށެެވެ.

ސީއެންއެންއާއެކު ފުރަތަމަ ކެމްޕޭން ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ ޖުލައި މަހުގެ މެދު ތެރެއިން ރާއްޖޭގެ ބޯޑަރުތައް ހުޅުވުމާ އެކުގައެވެ. ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑުގެ ހާލަތު ގޯސްކޮށް އޮތުމުން ދަތުރުފަތުރު ކުރެވޭ ގޮތް ނުވެގެން އެ ކެމްޕޭން މަޑު ޖައްސާލުމަށްފަހު އަނެއްކާވެސް އެ އަހަރުގެ ޑިސެމްބަރު މަހު ވަނީ އެ ކެމްޕޭން ކުރިއަށްގެންދިޔަ އެވެ.

comment ކޮމެންޓް