އެމްޑީޕީން ކަންކަން ނިންމާނީ ވޯޓު ފޮށިން: ނަޝީދު

ފެބްރުއަރީ 21، 2020: "ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެމްޑީޕީން އަބަދުވެސް ކަންކަން ނިންމާނީ ޑިމޮކްރަޓިިކް އުސޫލުތަކާއެކު ވޯޓުންކަމަށް ވެރިކަންކުރާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ފެށިގެން ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކުރެއްވި ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ އަބަދުވެސް ވޯޓުން ކަންކަން ނިންމުންކަމަށެވެ.

"އެންމެންގެ ބައިވެރިވުމާއެކު ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އަމާޒު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއަދަކީ ގައުމު ބިނާކުރުމުގައި ފަހުރުވެރި ކާމިޔާބީއެއް ހޯދޭނެ ދުވަހަކަށް ވެގެންދާނެކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބު ފެށިގެން ކުރިއަށްދާއިރު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އެމަނިކުފާނަށް މޭ ހައެއްގައި ދިން ހަމަލާއާ ގުޅިގެން ފަރުވާ ހޯއްދެވުމަށް ޓަކައި ރާއްޖެއިން ބޭރުގައެވެ. އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ފަސްކޮށްފައިވަނީ އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 735 ކެނޑިޑޭޓުން ވާދަކުރެއެވެ.

ނަމަވެސް އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފައިވާއިރު، ބައެއް ކެންޑިޑޭޓުން އިންތިހާބުކުރުމަކާ ނުލާ ވަނީ ހޮވިފައެވެ.

އެގޮތުން 165 ކެންޑިޑޭޓުން ހޮވިފައިވާއިރު އެ ކެނޑިޑޭޓުން ހޮވިފައިވަނީ އެ ދާއިރާއަށް އިތުރު ކެންޑިޑޭޓަކު ވާދަނުކުރާތީ ކަމަށް އެ ޕާޓީން ބުންޏެވެ.

އިންތިހާބަކާ ނުލާ ހޮވުނު ކެންޑިޑޭޓުންގެ ތެރޭގައި ބައެއް ދާއިރާތަކުގެ ނައިބު ރައީސުންނާއި ރައީސުން ހިމެނެއެވެ.

އެމްޑީޕީގެ އިންތިހާބުގައި 300 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއާއެކު 900 އަށްވުރެ ގިނަ މީހުން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް