ސްޕެއިނުގެ ބާސެލޯނާއަށް ރަނގަޅު ނަތީޖާއެއް ނުނެރެވި ހާލުގައި އުޅޭ މަންޒަރު ފެނުނަސް ހިތްހަމަ ޖެހުމެއް ނުލިބޭ ކަމަށް އެ ކުލަބާއި އެންމެ ވާދަވެރި ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
މިފަހަރުގެ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ބާސެލޯނާއަށް މޮޅު ވެވުނީ އެންމެ ދެ މެޗުންނެވެ. އަދި ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާ ބަޔާން މިއުނިކް އަތުން އެ ޓީމު ވަނީ 0-3 އިން ބަލިވެފައެެވެ.
އެ ނަތީޖާތަކާ އެކު މިވަގުތު ތާވަލުގެ ހަތްވަނައިގައި އޮތް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަންގެ މަގާމާ ދޭތެރޭ ޝައްކު އުފެދިފައިވާ އިރު، ކޫމަން ބުނީ އެ ކުލަބުގެ މުސްތަގުބަލު އޮތީ އުޖާލާކޮށް ކަމަށެވެ. އެހެން ނަމަވެސް ބާސެލޯނާގެ ބައެއް ބޯޑު މެމްބަރުން މިހާރު ކޫމަން ބޭރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ބާސެލޯނާއަށް ނަތީޖާގެ އިތުރުން މާލީ ބޮޑެތި މައްސަލަތަކެއް ވެސް ދިމާވެ، ކުލަބު އަޑިއަޅާލައިފައިވާ މި ދަނޑިވަޅުގައި އެ ޓީމުގެ އެންމެ ވާދަވެރި ރެއާލް މެޑްރިޑުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެ ޓީމުން ފަސް މެޗު ކުޅުނު އިރު މިވަގުތު އޮތީ ބާސެލޯނާއަށް ވުރެން ހަތް ޕޮއިންޓް ކުރީގައެވެ.
"އަހަރެން އުފަލެއް ނުވޭ އެއްވެސް ޓީމެއް ދަތި ހާލެއްގައި އޮންނަ މަންޒަރު ފެނިގެނެއް،" ބާސެލޯނާގެ ހާލަތާ ބެހޭގޮތުން ރެއާލްގެ ކޯޗު އެންޗެލޮޓީ ބުންޏެވެ.
"އަހަރެންގެ ވިސްނުން ހުރީ އަހަރެންގެ ޓީމުގެ ނަތީޖާތަކާ މެދު. އެހެން ކުލަބެއްގެ ނަތީޖާތަކާ މެދު ވިސްނާކަށް ބޭނުމެއް ނޫން. އެއީ ބާސެލޯނާ ވިޔަސް އަދި އެހެން ކުލަބެއް ވިޔަސް އެ ޓީމުތަކުގެ ނަތީޖާ ގޯސްވެގެން އަހަރެންނަށް ހިތްހަމަ ޖެހުމެއް ނުލިބޭ."
ލީގުގައި އެންމެ ފަހުން މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުގައި 1-6 އިން މޮޅުވި ރެއާލް މެޑްރިޑު ތާވަލުގެ އެެއްވަނައިގައި މިވަގުތު އޮތް އިރު، އެ މެޗުން ލިބުނު މޮޅާއެކު އެ ޓީމުން ވަނީ ލީގުގެ މެޗަކުން ބަލި ނުވެ 24 މެޗު ހަމަކޮށްފައެވެ. އެ ޓީމުގެ ރެކޯޑަކީ 2016-2017 ވަނަ އަހަރުގެ ލީގުގައި ހެދި 28 މެޗުގެ ރެކޯޑެވެ.
ޒައިނުއްދީން ޒިދާން ކޯޗު ކަމުން ވަކިވުމާ ގުޅިގެން ރެއާލްގެ ކޯޗުކަމާ ހަވާލުވި އެންޗެލޮޓީ އަންނަނީ ކުރީ ސީޒަނުގައި ރެއާލަށް ދިމާވި ގޯލު ޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައި، ޓީމު ބެލެންސް ކުރަމުންނެވެ.