ޕަލާއޫގެ "އަވާ އޯޝަން ކޮންފަރެންސް"ގައި ބައިވެރިވުމުގެ ދައުވަތު ރައީސް ސޯލިހަށް އަރުވައިފި

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއާއި ޕަލާއޫގެ ރައީސް ސުރަންގެލް އެސް. ވިޕްސް ޖޫނިއާ (ކ) ބޭއްވެވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ރައީސް އޮފީސް

ޕަލާއޫގައި ބާއްވާ ހަތްވަނަ "އަވާ އޯޝަން ކޮންފަރެންސް"ގައި ބައިވެރިވުމުގެ ދައުވަތު އެ ގައުމު ރައީސް ސުރަންގެލް އެސް. ވިޕްސް ޖޫނިއާ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު ބާއްވަން ރޭވުމަށްފަހު ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން އެ ކޮންފަރެންސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. މިހާރު އެ ކޮންފަރެންސް ބާއްވަން ކަނޑައަޅާފައިވާ ތާރީހަކީ ފެބްރުއަރީ 16-17، 2022 އެވެ.

އެ ކޮންފަރެންސްގައި ބައިވެރިވުމުގެ ދައުވަތު ރައީސް ސޯލިހަށް އެރުވީ އދ. އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި، އދ.ގެ މައި އިދާރާގައި ދެ ބޭފުޅުން ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ކޮވިޑް-19 އާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ފަތުރުވެރިކަމާ ގުޅޭ ގޮތުންނެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ޕަލާއޫގެ ސަރުކާރުން އެގައުމުގެ ކޮވިޑް-19 ހާލަތު ކޮންޓްރޯލް ކުރުމަށް ގެންގުޅުނު ސިޔާސަތުތައް ފާހަގަކުރައްވައި، ތައުރީފު ކުރައްވާފައެވެ.

ޕަލާއޫގެ ރައީސް ވިދާޅުވީ އެގައުމުގެ ބޯޑަރުތައް ބަންދުކުރުމާއެކު ކޮވިޑް-19 ހާލަތު ކޮންޓްރޯލް ކުރެވުުނު ކަމަށެވެ. އަދި މިހާތަނަށް ކޮވިޑް-19 ބަލީގައި އެ ގައުމުން އެއްވެސް މީހަކު މަރުވެފައި ނުވަތަ ހޮސްޕިޓަލުގައި އެނދުމަތި ކުރަން ނުޖެހޭ ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް ރާއްޖެއިން އަލުން ބޯޑަރު ހުޅުވާލައި އަލުން ފަތުރުވެރިކަން ފަށައިގަތްގަތުމުން ޕަލާއޫ ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވިއެވެ.

އެއޯސިސް އަދި ތަރައްގީ ވަމުންދާ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ދެ ގައުމުގެ ލީޑަރުންވެސް ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ އަސަރު ކުޑަ ކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީ އަދި ކަނޑުފަޅު ބެލެހެއްޓުމާއި ނޫ އިގްތިސާދު ބިނާކުރުމުގައި ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމަށް ދެ ބޭފުޅުން ވަނީ ނިންމަވާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ޝައުގުވެރިކަން ފާޅުކޮށް، ދެ ގައުމުގެ ރައީސުން ވެސް ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރުމަށްޓަކައި ބޭނުންވާ ފަންނީ ލަފާ ދެ ގައުމުގެ ދެމެދުގައި ހިއްސާ ކުރުމަށް ނިންމަވާފައެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ގްލަސްގޯގައި ކުރިއަށް އޮތް ކޮޕް-26 ބައްދަލުވުމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމަވާފައެވެ.

ޕަލާއޫއަކީ ޕެރިސް އެގްރީމަންޓް އެންމެ ފުރަތަމަ ތަސްދީގު ކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ އަދި ދުނިޔެ ހޫނުވަމުންދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އިސްވެ ވަކާލާތު ކުރާ ގައުމެކެވެ.

ރާއްޖެއާއި ޕަލާއޫއާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 17 އޮކްޓޯބަރ 2014 ގައެވެ.

comment ކޮމެންޓް